ކުޅިވަރު

ޕިލިޕީންސްއާއެކު ރަޙްމަތްތެރިކަމުގެ މެޗެއް ކުޅޭވޭތޯ ބަލަނީ


އަންނަ މަހު ފިލިޕީންސްއާއެކު އެކުވެރިކަމުގެ މެޗެއް
ކުޅުމަށް ތައްޔާރުވަމުންދާކަމަށް އެފްއޭއެމްއިން ބުނެފިއެވެ. އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އަންނަ މަހުގެ އަށްވަނަ ދުވަހު ވޯލްޑްކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރިން ފިލިޕީންސްއާއެކު ރަޙްމަތްތެރިކަމުގެ މެޗެއް ކުޅުމަށް ވާހާކަ ދައްކާ މަޝްވަރާކޮށް ނިމިފައިވާކަމަށެވެ.

 ނަމަވެސް ބައްސާމް ވިދާޅުވީ މިމެޗް ކުޅެވޭނީ
ވޯލްޑްކަޕް ކޮލިފައިންގައި ޗައިނާއާ ވާދަކުރުމަށް ހަމަޖެހިފައިވާ މެޗަށް ފީފާއިން
ގޮތެއް ނިންމުމުންކަމަށެވެ. ރަސްމީ ދަނޑުގެ ވިނަގަނޑު ހަލާކުވުމުގެ ސަބަބުން އެފްއޭއެމްއިން
ވަނީ ވޯލްޑްކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ރާއްޖޭގައި ކުޅުމަށް
ހަމަޖެހިފައިވާ މެޗް ޗައިނާގައި ކުޅުމަށް އަދި މިއަންނަ އަހަރު ޗައިނާގައި
ކުޅުމަށް ހަމަޖެހިފައިވާ މެޗް ރާއްޖޭގައި ކުޅުމަށް އެދިފައެވެ. 

ބައްސާމް ވިދާޅުވީ
ޕިލިޕީންސްއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ ރަޙްމަތްތެރިކަމުގެ މެޗުގެ
ކަންތައް މުޅިން ފައިނަލްވާނީ ފިފާއިން ޗައިނާ މެޗަށް ގޮތެއް ނިންމުމުންކަމަށެވެ. އެފްއޭއެމްއިން ބަލަމުންދަނީ ޗައިނާގައި އެމެޗް ކުޅެން ހަމަޖެހިއްޖެނަމަ،
ޗައިނާއަށް ދާ މަގުމަތީގައި ޕިލިޕީންސްއަށް ގޮސް ރަޙްމަތްތެރިކަމުގެ މިމެޗް
ކުޅުމަށެވެ.



މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ
ޗެންލެންޖްކަޕްގެ ސެމީ ފައިނަލްގައި ރާއްޖެއާ ޕިލިޕީންސް ބައްދަލުކުރި މެޗް
ޕިލިޕީންސް ކާމިޔާބުކޮށްފައިވަނީ ތިން ލަނޑު ދެ ލަނޑުންނެވެ.