ޗައިނާގެ ވެރިރަށް ބެއިޖިންގުގައި ކޯވިޑް-19 ފެތުރޭ މިންވަރު ކުއްލިއަލަށް އިތުރުވުމުގެ ސަބަބުން އެ ޤައުމުގައި ވިއްކާ ރޯމަހާއި އެއްގަމުމަހާއި ސީފުޑުގެ ބާވަތްތަކުގެ ފެންވަރު ރަނގަޅަށް ބެލުމުގެ މަސައްކަތް ފަށައިފިއެވެ.
ފާއިތުވި ހަތަރު ދުވަހުގެ ތެރޭގައި ކޯވިޑް-19 ޖެހިފައިވާ 79 މީހުންވަނީ ބެއިޖިންގުން ފެނިފައެވެ. އޭގެ ތެރެއިން ގިނަ މީހުންވަނީ ބެއިޖިންގުގެ ފަންގްޓާއީގައި ހުންނަ އެންމެ ބޮޑު އެއް މާރުކޭޓުކަމަށްވާ ޒިންފޭޑީ މާރުކޭޓަށް ގޮސްފައެވެ. އެ މާރުކޭޓުގައި މަސްކަނޑަން ގެންގުޅުނު ފިލާގަނޑަކުން ކޯވިޑް-19 ޖައްސާ ކޮރޯނާވައިރަސް ފެނުމުން ބާޒާރުގައި ހުރި މުދަލުން ބަލި ފެތުރެނީކަމަށް ބެލެވެއެވެ.
ބެއިޖިންގުގެ ރަސްމީ ފަރާތްތަކުން ބުނީ އެ ސިޓީގެ އެކި ސަރަޙައްދުތަކުގައި ހުރި މާރުކޭޓުތަކުގައި ވިއްކާ ކާބޯތަކެތި ތަހުލީލުކުރުމުން އެއްވެސް ބާވަތަކުން ކޯވިޑް-19ގެ އަސަރު ފެނިފައިނުވާކަމަށެވެ. ނަމަވެސް އެ ސިޓީގައި މަސްވިއްކާ އެކި މާރުކޭޓުތަކުންވަނީ މަހުގެ ބައެއް ބާވަތްތައް ވިއްކުން މެދުކަނޑާލާފައެވެ.
މަހުގެ ބާވަތްތައް އެންމެ ގިނައިން އެތެރެކުރާ ޤައުމަކީ ޗައިނާއެވެ. މި އަހަރުގެ މިހާތަނަށް 4 މިލިއަން ޓަނުގެ މަސްވަނީ ޗައިނާއަށް އެތެރެކޮށްފައެވެ. މަހުގެ ފެންވަރު ބެލުމުގައި ހަރުކަށި މިންގަނޑުތަކެއް ބޭނުންކުރަން ފެށުމުން އެ ޤައުމަށް މަސް އެތެރެކުރުމުގައި ލަސްތަކާއި ދަތިތަކަކާ ކުރިމަތިލާންޖެހޭނެކަމަށް ބެލެވެއެވެ.
އައު ހަރުކަށި މިންގަނޑުތަކުގެ ސަބަބުން ބޭރު ޤައުމުތަކުން އެތެރެކުރާ ބާވަތްތައް ގަތުމަށް މީހުން ޖެހިލުންވެދާނެކަމަށާއި އެއްގަމުމަހުގެ ބާވަތްތައް އެތެރެކުރުން ވަގުތީގޮތުން މެދުކަނޑާލާނެކަމަށް ބައެއް މީހުން ބުނެއެވެ. އަދި ފިނިކޮށްފައިވާ މަހުގެ އަގު އުފުލެމުންދާކަމަށްވެސް ބައެއް މީހުންވަނީ ފާހަގަކޮށްފައެވެ.