ޚަބަރު

ކޮވިޑް-19 އާއި ގުޅިގެން އައްޑޫގައި އަޅާފައިވާ ޚާއްޞަ ފިޔަވަޅުތައް ބާޠިލް ކޮށްފި


ކޮވިޑް-19 އާއި ގުޅިގެން އައްޑޫސިޓީގައި، އަޅާފައިވާ ޚާއްޞަ ފިޔަވަޅުތައް ބާޠިލް ކޮށްފި ކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫސިޓީ ކައުންސިލުން މިކަމާއި ގުޅިގެން ކުރި އިޢުލާނުގައި ބުނެފައިވަނީ، ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އަޅާފައިވާ ފިޔަވަޅުތައް ބާޠިލު ކުރުމާއެކު، އައްޑޫގައި އަޅާފައިވާ ޚާއްޞަ ފިޔަވަޅުތައް ވެސް ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

ކޯވިޑާ ގުޅިގެން އައްޑޫގައި އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް މަޑުމަޑުން ލުއިތަކެއް ދެމުން ގޮސް ނިމުމަކަށް ގެނައި ނަމަވެސް، އާންމު ތަންތަނުގައި މާސްކު އެޅުމާއި، ގިނަ ގިނައިން އަތް ދޮވުމަށް ސިޓީ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ. ކޮވިޑް-19 އާއި ގުޅިގެން އައްޑޫގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ޟަރޫރީ ބޭނުމެއްގައި މެނުވީ އެއްރަށުން އަނެއް ރަށަށް ނުދިއުމާއި، ވިޔަފާރި ގަޑިތަކަށް ގެނައި ބަދަލުގެ އިތުރުން އާންމުން އެއްވެ އުޅޭ ސަރަހައްދުތަކަށް އެއްވެ އުޅުން މަނާ ކުރުން ހިމެނެއެވެ.

މިކަމާ ގުޅިގެން ޕީއެސްއެމްނިއުސް އަށް މައުލޫމާތު ދެއްވަމުން އައްޑޫސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤް ވިދާޅުވީ، ލުއި ދިނުމުގެ ގޮތުން ހުޅުވާލި ތަން ތަން ހުޅުވާލީ އައު އާންމު ޙާލަތުގައި ޢަމަލު ކުރާނެ ގައިޑްލައިން ތަކެއް ހެދުމަށް ފަހު ކަމަށެވެ. އަދި މިގައިޑްލައިން ތަކަށް ބައެއް ފަރާތްތަކުން އެންމެ ފުރިހަމައަށް އަމަލު ނުކުރާ ކަން ފާހަގަ ކުރެވޭ ކަމަށާއި، ހެދިފައިވާ އުޞުލުތަކަށް އިޙުތިރާމް ކުރުމަށް ސަމާލު ވުމަށް މޭޔަރ ވަނީ އިލްތިމާސް ކުރައްވާފައެވެ.

" މިވަގުތަކީ މާސްކް އަޅައިގެން ނިކުންނަންވީ ވަގުތު. މިވަގުތަކީ މާސްކު އަޅައިގެން ފިހާރަތަކަށް ދާންވީ ވަގުތު. މިވަގުތު އަޅުގަނޑުމެންގެ ތެރޭގައި އެބަތި، ބަލި އޮތް ތަނަކުން (މާލެއިން) އައި ބަޔަކު. އަދި އެގެތައް އެހެރީ މޮނީޓަރިންގަ. ހަގީގަތުގައި މި ފުރަބަންދުގެ ކަރަންޓީނު، ނުވަތަ ހޯމް ކަރަންޓީން ނިމެންދެކަށް ކޮންމެވެސް ވަރަކަށް ބެލެހެޓެން ޖެހޭ. އަދި އެންމެވެސް ވިސްނައިގެން އުޅެން ޖެހޭ " މޭޔަރ ސޯދިޤް ވިދާޅުވިއެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އައްޑޫގައި ހޯމް ކަރަންޓީނުގައި 145 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. އަދި ކުރިއަށް އޮތް ދުވަސް ތަކުގައި އައްޑޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރެޖިސްޓްރީ ވެފައިވާ އެންމެންވެސް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އައްޑޫސިޓީގެ މޭޔޔަރު ވިދާޅުވިއެވެ.