ޚަބަރު

ކޯވިޑް-19 : ފުރަބަންދާއި ޚިލާފުވެގެން 312 މީހެއްގެ މައްޗަށް ޖިނާޢީ ދަޢުވާކުރަނީ


ކޯވިޑް-19އާ ގުޅިގެން އެކުލަވާލި ފުރަބަންދުގެ ފިޔަވަޅުތަކާއި ޚިލާފުވި 312 މީހެއްގެ މައްޗަށް ޖިނާޢީ ދައުވާ އުފުލަން ނިންމައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފުލުހުން ފޮނުވައިފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ޞަބާޙު ވިދާޅުވީ، ފުރަބަންދުގެ ފިޔަވަޅުތަކާއި ގުޅުންހުރި 80 މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ. އަދި ފުރަބަންދާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ޚިލާފުވެގެން ފުލުހުންގެ ބެލުމުގެ ދަށަށް 582 މީހުން ގެންގޮސްފައިވާކަމަށާއި، އޭގެ ތެރެއިން 312 މީހެއްގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މިހާރު ފޮނުވާފައިވާކަމަށް ޔޫނުސް ވިދާޅުވިއެވެ. އަދި މިވަގުތު ފުލުހުންގެ ބެލުމުގެ ދަށުގައު ތިބީ 37 މީހުންކަމަށް ޔޫނުސް ވިދާޅުވިއެވެ.

ފުލުހުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ފުރަބަންދާއި ގުޅިގެން އަޅަފައިވާ ފިޔަވަޅުތަކާއި ގުޅިގެން ނުވަ ހާހަށްވުރެ ގިނަ މީހުން ވަނީ ޖޫރިމަނާކޮށްފައެވެ.

ޤަވާއިދާއި ޚިލާފަށް މަގުތަކަށް ނިކުމެ އުޅޭނަމަ ފުލުހުންގެ ފަރާތުން ނަސޭހަތް ދިނުމަށްފަހު އެކުށް ތަކުރާރުކޮށްފިނަމަ ޖޫރިމަނާކުރެއެވެ. އަދި އެއަށްފަހުވެސް އެކުށް ތަކުރާރުކުރާނަމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާނެކަމަށް ފުލުހުން ވިދާޅުވެއެވެ.