ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ.އަފްރާޝީމް ޢަލީ އަވަހާރަކޮށްލިކަމުގެ ކުށް ސާބިތުވެ، މެރުމަށް ހުކުމްކޮށްފައިވާ ހުސައިން ހުމާމުގެ އިސްތިޢުނާފު މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުން ނިންމާލައިފި އެވެ. މި އަދު ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައި ދެފަރާތަށް ވެސް ވަނީ ހުލާސާ ބަޔާން ހުށަހެޅުމުގެ ފުރުސަތު ދީފައެވެ. އަފްރާޝީމް އަވަހާރަކޮށްލި ކަމަށް އަމިއްލައަށް އިއުތިރާފްވެ ހުމާމްގެ މައްޗަށް މަރުގެ ހުކުމް އިއްވުމުން އިސްތިއުނާފް މަރުހަލާގައި އޭނާ ގެންދިޔައީ އަފްރާޝީމް އަވަހާރަކޮށްލި ކަމަށް ހައިކޯޓްގައި އިންކާރުކުރަމުންނެވެ. ހުމާމްގެ ވަކީލުން މިއަދުވެސް ކޯޓުގައި ވިދާޅުވީ ދަށު ކޯޓުގައި ހުމާމް އިއުތިރާފް ވެފައި ވަނީ މަޖުބޫރު ކުރުވުމުން ކަމަށެވެ. ނަމަވެސް ހުމާމްގެ ވަކީލުގެ ވާހަކަ ތަކަށް ރައްދު ދެއްވާ ދައުލަތުގެ ވަކީލު ވިދާޅުވީ ކުށް ސާބިތުކޮށްފައި ވަނީ ހަމައެކަނި އިއުތިރާފަށް ބިނާކޮށް ނޫން ކަމަށާއި ހެކިންގެ ހެކި ބަހަށްވެސް ދަށު ކޯޓުން ބަލާފައި ވާކަމަށެވެ. މިއަދުގެ އަޑުއެހުން ނިންމާލަމުން މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗްގެ އިސްފަނޑިޔާރު އަލީ ސަމީރު ވިދާޅުވީ އިތުރަށް ސާފުކުރަން ޖެހޭ ކަމެއް ނެތް ނަމަ މިމައްސަލައިގައި ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ. މި މައްސަލާގެ އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލިއިރު މައްސަލަ ބައްލަވާ ފަސް ފަނޑިޔާރުންގެ ބެންޗަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ވަނީ އައިސްފައެވެ. އެގޮތުން ބެންޗުގައި ކުރިން ހިމެނުނު ފަނޑިޔާރު އައްބާސް ޝަރީފާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ، ހައި ކޯޓުގެ ދެކުނު ގޮތްޕަށް ބަދަލުކޮށްފައިވާތީ އެ ދެ ބޭފުޅުންގެ ބަދަލުގައި އެ ބެންޗުގައި މިހާރު ތިއްބަވަނީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު ޝުޖާއު އުސްމާނެވެ.