ސިޔާސީ

އިމްރާންގެ މައްސަލަ ބައްލަވާ ބެންޗް އަލުން އެކުލަވާލައިފި


އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރެރިޒަމްގެ ދައުވާގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗް އަލުން އެކުލަވާލައިފިއެވެ. ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްއަށް މައުލޫމާތުދެއްވަމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިމްރާން އަބްދުﷲގެ މައްސަލަ ބެއްލެވުމަށް އެކުލަވާލި ބެންޗްގައި ހިމެނިވަޑައިގަންނަވަނީ ޤާޟީ އަބްދުލް ބާރީ ޔޫސުފާއި، ޤާޟީ އަޙްމަދު ސަމީރު ޢަބްދުލްޢަޒީޒާއި، ޤާޟީ އަބްދުއްﷲ ނަޝީދުކަމަށެވެ. އަދި އަލަށް އެކުލަވާލި ބެންޗްގެ ރިޔާސަތު ބަލަހައްޓަވާނީ ޤާޟީ އަބްދުލްބާރީ ޔޫސުފްކަމަށް ކްރިމިނަލް ކޯޓުން މައުލޫމާތުދެއެވެ. އަދާލަތު ފާޓީގެ ރައީސް އިމްރާން އަބްދުﷲގެ މައްޗަށް އުފުލަވާފައިވާ ޓެރެރިޒަމްގެ ދައުވާގެ މައްސަލަ ބައްލަވާ ބެންޗު އަލުން އެކުލަވާލާފައިވަނީ ކުރިން އެމައްސަލަ ބައްލަވަން އައްޔަން ކުރެއްވި ފަންޑިޔާރުންގެ ބެންޗްގައި ހިމެނިވަޑައިގަންނަވާ ޤާޟީ އަބްދުﷲ ދީދީއާއި، ޤާޟީ ޝުޖާޢު އުސްމާން ހައިކޯޓުގެ ފަނޑިޔާރުންނަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ. އިމްރާން އަބްދުﷲ މައްޗަށް ދައުލަތުން ޓެރެރިޒަމްގެ ދައުވާ އުފުލާފައިވަނީ މެއި މަހުގެ އެއްވަނަ ދުވަހު ސަރުކާރާ އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާގެ ބައިވެރިންނަށް ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީ ވާހަކަދައްކާފައިވާ ކަމުގެ ތުހުމަތުގައެވެ. މިމައްސަލައިގައި އިމްރާންގެ މައްޗަށް ދައުވާ އުފުލުމާއެކު ކޯޓު އަމުރެއްގެ ދަށުން އިމްރާން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ޓެރެރިޒަމް ހުއްޓުވުމާއި މަނާކުރުމާބެހޭ ޤާނޫނު ބުނާގޮތުން ޓެރެރިޒަމްގެ ކުށް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ 10 އަހަރާއި 15 އަހަރާދެދެމުގެ މުއްދަތުގެ ޖަލުހުކުމެއް އަންނާނެ. އިދިކޮޅު ފަރާތްތަކުން މެއި މަހުގެ އެއްވަނަ ދުވަހު ބޭއްވި މުޒާހަރާއާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ އަމީން އިބްރާހީމާއި ސަބާހު ރަޝީދުގެ މައްޗަށްވެސް ދައުލަތުންވަނީ ޓެރެރިޒަމްގެ ދައުވާ އުފުލާފައެވެ. މިމައްސަލާގައި އެމް.ޑީ.ޕީގެ ޗެއަރޕާރސަން އަލީ ވަހީދު ހައްޔަރުކޮށް ތަހުޤީގުކޮށް ފުލުހުން އެމައްސަލަ ޝަރީއަތަށް ފޮނުވުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން އެކަށީގެންވާ ހެކި ނެތްކަމަށް ކަނޑައަޅައި އެމައްސަލަ މިހާރުވަނީ ދޫކޮށްލާފައެވެ.