ޚަބަރު

އީރާނުގެ މައްސަލާގައި އެމެރިކާގެ ވަރުގަދަ އިންޒާރެއް ރަޝީޔާއާއި ޗައިނާއަށް


އީރާނަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ގޮތުން އެ ޤައުމުން ހަތިޔާރު ވިއްކުން މަނާކުރުމަށް ސޮއިކޮށްފައިވާ އެއްބަސްވުން އައު ކުރުމަށް ރަޝިޔާއާއި ޗައިނާއިން ދެކޮޅުހަދާނަމަ ބައިނަލްއަޤްވާމީ މައިދާނުގައި އެ ދެ ޤައުމު ބާކީ ކުރާނެކަމުގެ އިންޒާރު އެމެރިކާއިން ދީފިއެވެ.

2015ވަނަ އަހަރު ދުނިޔޭގެ ނިއުކްލިއަރ ބާރުތަކާއެކު އީރާނުން ވެފައިވާ އެއްބަސްވުމުގެ ދަށުން އީރާނުން ހަތިޔާރު ވިއްކުން މަނާކުރާ މުއާހަދާގެ މުއްދަތު އަންނަ އޮކްޓޯބަރު މަހު ހަމަވާނެއެވެ. މީގެ 13 އަހަރު ކުރިން އެކުލަވާލި މުއާހަދާ އަލުން އައު ކުރުމަށް ތާޢީދު ނުކުރާކަމަށް ރަޝިޔާއާއި ޗައިނާއިންވަނީ ބުނެފައެވެ.

އެމެރިކާއިން އީރާނަށް ކަނޑައަޅާފައިވާ ޚާއްޞަ މަންދޫބު ބްރަޔަން ހުކް ވިދާޅުވީ ރަޝިޔާއާއި ޗައިނާއާ ބައިނަލްއަޤްވާމީ މުޖުތަމަޢުއާ ދެމެދު ބޮޑެތި ޚިލާފުތަކެއް އުފެދިފައިވާކަމަށެވެ. ހުކް ވިދާޅުވި ގޮތުގައި މިދިޔަ ހަފުތާގައި އިންޓަނޭޝަލަން އެޓޮމިކް އެނަރޖީ އޭޖެންސީ، އައިއޭއީއޭއިން ރަޝިޔާއާއި ޗައިނާ ބާކީ ކޮށްފައިވާކަމަށާއި އީރާނުގެ މައްސަލައިގައި އެ ދެ ޤައުމުން ޢަމަލުކުރަން ނިންމާފައިވާ ގޮތް ބަދަލުނުކުރާނަމަ އދގެ ސަލާމަތީ މަޖިލީހުންވެސް އެ ދެ ޤައުމު ބާކީކުރާނެކަމަށެވެ.

އެމެރިކާގެ މަންދޫބު ވިދާޅުވީ ހަތިޔާރު ވިއްކުން މަނާކުރާ މުއާހަދާ އައުކުރުމަކީ އެ ޤައުމާ ދެކޮޅަށް އެޅޭނެ އެންމެ ރަނގަޅު ފިޔަވަޅުކަމަށާއި އދގެ ސަލާމަތީ މަޖިލީހުގެ މެންބަރު ޤައުމުތަކަށް އެކަން ސާފުވާނެކަމަށެވެ. އެ މުއާހަދާގެ ސަބަބުން އީރާނުގައި އުފައްދާ ހަތިޔާރު ވިއްކުން އެއްކޮށް ނުހުއްޓުވުނު ނަމަވެސް މުދާ އެތެރެކުރުމާއި ބޭރުކުރުން މަނާކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ ޢަމަލުތައް ވަކި މިންގަނޑެއްގައި ހިފެހެއްޓިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އދގެ ސަލާމަތީ މަޖިލިހުން މުއާހަދާއެއް ފާސްކުރުމަށް މެންބަރު 15 ޤައުމުގެ ތެރެއިން 9 މެންބަރު ޤައުމުގެ ތާއީދު ބޭނުންވާނެއެވެ. އެ މަޖިލީހުގެ ދާއިމީ މެންބަރުންގެ ގޮތުގައި އޮންނަ އެމެރިކާއާއި ޗައިނާއާއި ރަޝިޔާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން ހުށަހެޅުމަކަށް ދެކޮޅުހަދައިފިނަމަ އެ ހުށަހެޅުން ފާހެއް ނުވާނެއެވެ. ހަތިޔާރު ވިއްކުން މަނާކުރާ މުއާހަދާ އައު ކުރުމަށް ކުރާ މަސައްކަތް އެމެރިކާއިން ނާކާމިޔާބުވެއްޖެނަމަ އދ މެދުވެރިކޮށް އީރާނާ ދެކޮޅަށް ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރު އެމެރިކާއިންވަނީ ދީފައެވެ.