ޚަބަރު

ބޭސްފަރުވާއަށްފަހު އިންޑިއާގައި ތާށިވެފައި ތިބި 91 ދިވެއްސަކު ރާއްޖެ ގެނެސްފި


ބޭސްފަރުވާ ނިންމުމަށްފަހު ރާއްޖެ ނާދެވި އިންޑިއާގައި ތާށިވެފައި ތިބި 91 ދިވެހިން މިއަދު ރާއްޖެ ގެނެސްފިއެވެ.

އިންޑިއާގައި ތާށިވެފައި ތިބި މީހުން ރާއްޖެ ގެނެސްފައިވަނީ އާސަންދައިގެ ދަށުން ރޭ އިންޑިއާއަށް ބޭސްފަރުވާ ހޯދުމަށް ބަލިމީހުން ގެންދިޔަ މޯލްޑިވިއަންގެ ފްލައިޓުގައެވެ.

ޤައުމީ އެއަރލައިން މޯލްޑިވިއަނުން ބުނީ އިންޑިއާގެ ކޮޗިންއިން ރާއްޖެ ގެނައި 91 މީހުންގެ ތެރޭގައި ހިމެނެނީ ބޭސްފަރުވާއަށް ގޮސް ނާދެވިފައިތިބި މީހުންނާއި، ބޯޑަރު ބަންދުކުރުމާއި ލޮކްޑައުންކުރުމުގެ ސަބަބުން އެ ޤައުމުގައި ނާދެވިފައިތިބި މީހުންކަމަށެވެ.

ކޯވިޑް19 ގެ ހާލަތުގައި މޯލްޑިވިއަނުން އަންނަނީ ރާއްޖެއިން ބޭރުގައި ރާއްޖެ ނާދެވިފައި ތިބި ދިވެހިން އަނބުރާ ޤައުމަށް ގެނައުމަށް މިހާތަނަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މޯލްޑިވިއަނުން ހާމަކުރާ ގޮތުގައި ކޯވިޑް-19އާ ގުޅިގެން ބޭރުގެ ޤައުމުތަކުގައި ރާއްޖެއަށް ނާދެވިފައިތިބި ދިވެހިން ގެނައުމަށް މިހާތަނަށް 38 އަށްވުރެ ގިނަ ދަތުރުކޮށް، 4000 އަށްވުރެ ގިނަ ދިވެހިން ރާއްޖެއަށް ގެނެސްފައިވެއެވެ.

ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމުގެ އިތުރުން ރާއްޖެއަށް ބޭނުންވާ ކާގޯ ގެނައުމަށްވެސް ޗާޓަރ ފުލައިޓްތައް މޯލްޑިވިއަނުން ވަނީ ބާއްވާފައެވެ.