ޚަބަރު

ރައްކާތެރިކަން ކަށަވަރު ކުރުމާއެކު 3 މަހަށްފަހު ދަރިވަރުން ސްކޫލުތަކަށް


ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ސްކޫލުތަކުގެ ކިޔެވުން 3 މަހަށްވުރެ ގިނަ ދުވަސް ވަންދެން މެދުކަނޑާލާފައި އޮތުމަށްފަހު މިއަދު މިވަނީ އަލުން ފަށާފައެވެ. މިއަދަކީ ރާޢްޖޭގެ ތަޢުލީމީ ހަޔާތުގައިވެސް ކުރިން ތަޖުރިބާ ނުކުރާ ބޮޑު ބަދަލަކާއިއެކު ކިޔެވުން ފެށުނު ފުރަތަމަ ދުވަހެވެ. ތިން މަހަށްފަހު އައު އާންމު ޙާލަތުގައި ދަރިވަރުން އަލުން ސްކޫލަށް މިއަދު ގޮސްފައިވަނީ މާސްކް އަޅައިގެންނެވެ.

ކޯވިޑް-19ގެ ޙާލަތާއެކު ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދީ މިއަދު އައު އާއްމު ހާލަތުގައި ކޯވިޑް-19 ނެތް ހުރިހާ ރަށެއްގައި ގްރޭޑް 1 އިން ފެށިގެން މަތީގެ ހުރިހާ ގްރޭޑެއްގެ ދަރިވަރުންނަށް މިއަދު މިވަނީ ކިޔަވައިދޭން ފަށާފައެވެ. ނަމަވެސް މާލެ ސަރަހައްދުގައި އަދި ކިޔަވައިދެނީ ގްރޭޑް 9 އިން 12 އަށެވެ.

މާލޭގެ ސްކޫލްތަކުގައި މިއަދު ދަރިވަރުން ސްކޫލްތަކަށް ހާޒިރުވާން ފަށާފައިވަނީ ހެނދުނު 7:30 ގައެވެ. އަދި ދަރިވަރުން ސްކޫލަށް ގެންދަނީ ދެބަޔަކަށް ބަހާލައިގެން ވަކި ގަޑިތަކެއްގައެވެ. ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާ ދުވަހު ދަރިވަރުންނަށް މަރުޙަބާ ކިޔާގޮތަށް ގިނަ ދުވަސްތަކަކަށްފަހު މިއަދު ދަރިވަރުން ސްކޫލަށް ހާޒިރުވުމުން ސްކޫލުތަކުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ. އެހެންނަމަވެސް ތަފާތު ގޮތަކަށެވެ.

މުދަރިސުންނާއި ދަރިވަރުންވެސް ތިބީ މާސްކް އަޅައިގެންނެވެ. ދަރިވަރުންނާއި މުދައްރިސުން ތިބީ ގައިދުރުކޮށެވެ. ދަރިވަރުން ސްކޫލަށް ވަދެ ކްލާސްރޫމްތަކަށް ވައްދަނީ ހުންބަލާ ސެނިޓައިޒްކުރުމަށްފަހުގައެވެ. ދަރިވަރުންނަށް ގައިދުރުކަން ބެހެއްޓުމަށް އަންގައިދީ އެކަން ހަނދާން ކޮށްދިނުމަށް އަންގައިދޭ އެކި ނިޝާންތައް ވަނީ ސްކޫލްތަކުގެ އެކި ސަރަޙައްދުތަކުގައި ހަރުކޮށްފައެވެ.

މިއަދު ސްކޫލްތަކުގެ ކްލާސްރޫމްތަކުން އެންމެ ބޮޑަށް ފާހަގަވި އެއްކަމަކީ ކުރިއާ ޚިލާފަށް މަދު ދަރިވަރުންތަކެއް ތިބުމާއި ދަރިވަރުން ތިބެންޖެހޭ ދުރުމިނެވެ. ކުރިން ޖެހިޖެހިގެން ކިޔަވަންތިބޭ ދަރިވަރުން މިއަދު މިއަދު ތިބެންޖެހިފައި ވަނީ ތިން ފޫޓް ދުރުމިނުގައެވެ. ކޯވިޑް-19ގެ ނުރައްކާ އަދިވެސް އޮތުމާއެކު މި ނޫން ގޮތެއް މިއަދަކު ނެތެވެ.

ކުރިން އެއް ކްލާހެއްގައި 30 އަށް ވުރެ ގިނަ ދަރިވަރުން ކިޔެވި ނަމަވެސް މިއަދު ކްލާހެއްގައި ތިބެނީ 15 ވަރަކަށް ދަރިވަރުންނެވެ. ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ މި ފިޔަވަޅުތަކާއެކު ދަރިވަރުންގެ މޫނުމަތިން މާޔޫސްކަން ފެނުނު ނަމަވެސް، ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ މި ފިޔަވަޅުތަކަކީ ދަރިވަރުންގެ ސަލާމަތަށްޓަކައި މުހިންމު ފިޔަވަޅުތަކެކެވެ.

ސްކޫލްތަކުގައި ކިޔެވުން ފަށާފައިވަނީ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްފަހުގައިކަން ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އަދި ސްކޫލްތަކުންވެސް ވަނީ މިކަން ކަށަވަރު ކުރާނެކަމަށް ބުނެފައެވެ. އެގޮތުން މިނިސްޓްރީން އަންގާފައިވާ ގަޑިތަކުގުގައި ސްކޫލްތައް ޑިސްއިންފެކްޓުކުރުމާއި ގައިޑްލައިންނާ އެއްގޮތަށް ކަންކަން ކުރަމުންގެންދާނެކަމުގެ ޔަޤީންކަން ސްކޫލްތަކުން ވަނީ ދީފައެވެ.

އެގޮތުން މިއަދު ދަރިވަރުން ސްކޫލްތަކަށް ދިޔައިރު ސްކޫލްތަކުން ވަނީ ރައްކާތެރިކަމުން އަޅަންޖެހޭ ހުރިޔާ ފިޔަވަޅުތައް އަޅާ އިންތިޒާމްތައް ހަމަޖައްސާފައެވެ. އަލުން ކިޔެވުން ފަށާފައިވަނީ ކޮންމެ ކީ ސްޓޭޖަކަށް ހަތަރު ގަޑިއިރު ކަނޑައަޅައިގެންނެވެ. އަދި އެ ވަގުތުތަކުގައި އެންމެ ގިނައިން ވެސް ކިޔަވައިދެވޭނީ ހަތަރު މާއްދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. ކޮންމެ މާއްދާއެއް ކިޔަވައިދިނުމަށް ކަނޑައަޅާފައިވަނީ 45 މިނެޓެވެ. އަދި ބާކީ ހުރި ވަގުތުތައް ހަމަޖައްސާފައި ވަނީ ސިއްޙީ އެސެސްމަންޓުތައް ހެދުމާއި އެސެމްބްލީ އާއި އަތް ދޮވުން ފަދަ ކަންކަމަށެވެ.

ކޯވިޑް-19ގެ ނުރައްކާ އަދިވެސް ރާއްޖެއިން މުޅިން ފިލައިގެން ނުދިޔަނަމަވެސް، ސްކޫލްތަކުގައި ކިޔެވުން ފަށާފައިމިވަނީ ދަރިވަރުންގެ އުނގެނުމަށް ކޮށްފާނެ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުންނެވެ. ފުރަބަންދުގައި ޓެލިކްލާސްތަކާއި އޮންލައިންކޮށް ކްލާސްތައް ކުރިއަށްގެންދިޔަނަމަވެސް އެންމެ އެކަށީގެންވާ ގޮތެއްގައި ދަރިވަރުންނަށް އުނގެނުމަށް ބޭނުންވާ މާހައުލަކީ ސްކޫލުކަން ޔަޤީނެވެ.

އެހެންކަމުން ކޯވިޑް-19ގެ ނުރައްކަލާއެކުވެސް ބެލެނިވެރިން މިއަދު ދަރިން ސްކޫލަށް ފޮނުވާފައިވަނީ ދަރިވަރުންގެ މުސްތަޤްބަލަށްޓަކައެވެ. ދަރިވަރުންގެ ރައްކާތެރިކަމަށް ސްކޫލްތަކުން ކުރިނ ްދެމުންދިޔަ ސަމާލުކަން މިވަނީ އިތުރަށް ދޭން ޖެހިފައެވެ. ބެލެނިވެރިން މިއަދު ދަރިވަރުން ސްކޫލްތަކަށް ފޮނުވަން ފަށާފައި މިވަނީ ސަރުކާރުން ދެއްވި ޔަޤީންކަމާއިއެކު ސްކޫލުތަކަށް އިތުބާރު ކުރުމަށްފަހު ރައްކާތެރި މާހައުލެއް ދަރިވަރުންނަށް ޔަޤީން ވުމުންނެވެ.

އެހެންކަމުން އައު އާންމު ޙާލަތުގައި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގައި ސްކޫލުތަކާއި ޓީޗަރުންގެ ދައުރުވެސް މިވަނީ ބޮޑުވެފައެވެ.