ކުޅިވަރު

މެރީ ޕިއާސް ޓެނިސް މުބާރާތް ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަނީ


މެރީ ޕިއާސް އިންޑިއަން އޯޝަން އައިލެންޑް ސީރީޒް ޓެނިސް މުބާރާތް، ރާއްޖޭގައި ބޭއްވުމުގެ
ޝަޢުޤު ކުރީގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ މެރީ ޕިއާސް ފާޅުކޮށްފިއެވެ.

 މެރީ ޕިއާސް
މިސީރީސް ރާއްޖޭގައި ބޭއްވުމުގެ ޝަޢުޤުވެރިކަން ފާޅުކޮށްފައިވަނީ ނިމިގެންދިޔަ
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ތެރޭގައި ރާއްޖޭގެ ޤައުމީ ޓެނިސް ޓީމާއި ދިމާވުމުން ދެކެވުނު ވާހަކައިގެ ތެރޭގައެވެ. ޓެނިސް ކުޅުން ހުއްޓާލުމަށްފަހު ކުޅުންތެރިން ތަމްރީން ކުރުމާއި، ޓެނިސް
މުބާރާތްތައް ބޭއްވުމުގައި މަސައްކަތް ކުރަމުންދާ މެރީ ޕީއަސްއަކީ 2000 ވަނަ އަހަރު ފްރެންޗް އޯޕަންއާއި، 1995 ވަނަ އަހަރު އޮސްޓްރޭލިއަން އޯޕަން ފަދަ މުބާރާތްތައް ކާމިޔާބުކޮށްފައިވާ ކުޅުންތެރިއެކެވެ. އަދި ވިމްބަލްޑަން، ގުރޭންޑް ސްލޭމް، ޔޫއެސް
އޯޕަންގެ އިތުރުން ޑަބްލިއު ޓީއޭ ޓުއާރ ޗެމްޕިއަންޝިޕް ފަދަ މުބާރާތްތަކުގައި
ކުޅެފައިވާ ކުޅުންތެރިއެކެވެ. 

ޤައުމީ ޓެނިސް ޓީމްގެ މެނޭޖަރ އަބްދުލް ރަޝީދު ބުނީ
ރާއްޖޭގައި މިސީރީސް ބޭއްވުމުގެ ޝަޢުޤުވެރިކަން މެރީ ފާޅުކޮށްފައިވާއިރު، މިފަދަ
މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް އައި ޓީއެފް މިންގަނޑަށް ފެތޭފެންވަރުގެ ހަތަރު
ކޯޓް އޮންނަންޖެހޭކަމަށެވެ. އަބްދުލް ރަޝީދު ބުނީ މިހާރު ޓެނިސް ކޯޓްގައި އޮތް
ތިން ކޯޓަށް ކުދި ބަދަލުތަކެއް ގެނެސްގެން އެކަން ކުރެވިދާނެކަމަށާއި ހަމައެކަނި ބޭނުންވަނީ ހަތަރުވަނަ ކޯޓްކަމަށެވެ. 

އޮކްޓޯބަރ މަހު މެރީ ޕިއާސް ސިންގަޕޫރަށް އައުމުން، އޭނާ ރާއްޖެ ގެނައުމަށް މަސައްކަތް ކުރާނެކަމަށާ، އަދި
މެރީ ޕިއާސް ސީރީސް ރާއްޖޭގައި ބޭއްވުމަށް ކުރަންޖެހޭކަންތައްތައް ބަލާ އެކަމާ
އޭނާއާ މަޝްވަރާވެސް ކުރާނެކަމަށް އަބްދުލް ރަޝީދު ބުންޏެވެ. މިސީރީސް ރާއްޖޭގައި
ބޭއްވިއްޖެނަމަ ރާއްޖޭގެ ޓެނިހަށް ވަރަށް ބޮޑު ކުރިއެރުންތަކެއް
ލިބިގެންގޮސް، އަމިއްލަ ފަސް ގަނޑުގައި މަޝްހޫރު ގިނަ ކުޅުންތެރިނާއެކު ކުޅުމުގެ
ފުރުސަތު ލިބިގެންދާނެކަމަށް ޓީމްގެ މެނޭޖަރ ބުންޏެވެ.