ޚަބަރު

ރާޢިއާއަށް ޖިންސީ ފުރައްސާރަކުރި މައްސަލައިގެ ތަހުގީގު އަވަސްކުރުމަށް މީޑިއާ ކައުންސިލުން ގޮވާލައިފި


"ދި އެޑިޝަން"ގެ އެޑިޓަރު ރާޢިއާ މުނައްވަރަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީ ޙަސަން އިސްމާޢީލް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ މައްސަލައިގެ ތަހުގީގު އަވަސްކޮށް ފިޔަވަޅު އެޅުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ގޮވާލައްވައިފިއެވެ.

"ދި އެޑިޝަން"ގެ އެޑިޓަރު ރާޢިއާ މުނައްވަރަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީ ޙަސަން އިސްމާޢީލް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ، އެ ނޫހާއި އޭނާގެ ފަރާތުން ކަމާބެހޭ އިދާރާތަކަށް އެކަން ހިނގި ދުވަސްވަރު، ފެބުރުއަރީ 2019 ގައި އެ މައްސަލަ ހުށަހަޅާފައިވީ ނަމަވެސް، އެ މައްސަލަތައް ހުށަހެޅި ފަހުން 18 މަސްދުވަސް ފާއިތުވީއިރު އެއްވެސް ފިޔަވަޅެއް މިއަދާ ހަމައަށް އަޅާފައި ނުވާކަން އޭނާ ހާމަކުރައްވާފައިވެއެވެ.

މިކަމާގުޅިގެން މީޑިއާ ކައުންސިލުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ދައުލަތުގެ އިސް މަގާމެއްގައި ހުރި ފަރާތެއްގެ ކިބައިން ދިވެހި އަންހެން ނޫސްވެރިއަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ސީރިއަސް ތުހުމަތު ކުރެވެމުން ދިޔަ ނަމަވެސް، މުއައްސަސާތަކުން އެ މައްސަލަ ބަލައި އެކަމުގެ ހަގީގަތް ހާމަނުކޮށް ގިނަ ދުވަސްތަކެއް ފާއިތުވެގެން ދާކަމީ އެކައުންސިލުން ނިހާޔަތަށް ކަންބޮޑުވާ ކަމެއްކަމަށެވެ. އަދި ޒަމާނުއްސުރެ ރާއްޖޭގެ މުޖުތަމައުގައި އަށަގެންފައިވާ ގޮންޖެހުންތަކާއި ހުރަސްތަކާހުރެ ރާއްޖޭގެ މީޑިއާއާއި ނޫސްވެރިކަމުގެ ދާއިރާގައި އަންހެނުން ހަރަކާތްތެރިވާ މިންވަރު ނިސްބަތުން މަދުއިރު، އަދި މި ދާއިރާއަށް ނިކުންނަން އަންހެނުން ފަސް ޖެހުމުގެ ސަގާފަތެއް އޮތްއިރު، މިފަދަ ކަންކަމުގެ ސަބަބުން ނޫސްވެރިކަމާއި މީޑިއާގެ ދާއިރާއަށް އަންހެނުން ނުކުތުމަށް މިހާރަށް ވުރެ ބޮޑަށް ފަސްޖެހި، މިފަދަ ކަންކަމުގެ ސަބަބުން ދާއިރާގައި އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ލިބުމަށް އިތުރު ހުރަސްތައް ކުރިމަތިވާނެކަން މީޑިއާ ކައުންސިލުން ފާހަގަކުރައްވާފައިވެއެވެ.

އެހެން ކަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީގެ މައްޗަށް ކުރެވޭ ތުހުމަތުތައް އިންސާފުވެރިކަމާއި ދެފުށްފެންނަ ގޮތެއްގެ މަތިން ވީހާވެސް އަވަހަކަށް ތަހުގީގުކޮށް މައްސަލައިގެ ހަގީގަތް ހާމަކުރެއްވުމަށް މީޑިއާ ކައުންސިލުން ދައުލަތުގެ އެންމެހާ އިދާރާތަކަށް ވަނީ ގޮވާލައްވާފައެވެ. އަދި ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވީ ކަމަށް ބުނާ ނޫސްވެރިޔާ ރާޢިއާއަށް ކަމާގުޅޭ އިދާރާތަކުން ފޯރުކޮށްދޭން ޖެހޭ އެންމެހާ އެހީތެރިކަން ފޯރުކޮށް ދިނުމަށާއި، މި މައްސަލައިގައި އިންސާފު ގާއިމްކޮށް ދިނުމަށްވެސް މީޑިއާ ކައުންސިލުން އިލްތިމާސްކުރައްވާފައިވެއެވެ. މީގެ އިތުރުން، މީޑިއާގައި ހަރަކާތްތެރިވާ އަންހެން މުވައްޒަފުންނަށް ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމްކޮށް ދިނުމަށް މީޑިއާ އެޖެންސީތަކުގެ މެނޭޖްމަންޓުން މަސައްކަތް ކޮށްދިނުމަށްވެސް މީޑިއާ ކައުންސިލުން ގޮވާލައްވާފައިވެއެވެ.

ނޫސްވެރިންނާއި މިނިވަން މީޑިއާއަށް އުނިކަން އަންނާނެ މިފަދަ ކޮންމެ ކަމެއްގައި ދިވެހި ނޫސްވެރިންނާއި މީޑިއާތަކާއެކު ތިބޭނެކަމުގެ ޔަގީންކަން މޯލްޑިވްސް މީޑިއާ ކައުންސިލުން ވަނީ ދެއްވާފައެވެ.