ޚަބަރު

ބުރެޒިލުގެ ރައީސް އަދިވެސް ކޯވިޑް-19ން ރަނގަޅެއް ނުވޭ


ކޯވިޑް-19 ޖެހިފައިވާކަމަށް މިދިޔަ ހަފުތާގައި އިޢުލާނުކުރެއްވި ބުރެޒިލުގެ ރައީސް ޖައީޚް ބޮލްސޮނާރޯ އަދިވެސް ބަލިން ރަނގަޅުނުވާކަމަށް ވިދާޅުވެއްޖެއެވެ.

ޖުލައި މަހުގެ 7ވަނަ ދުވަހު ކޯވިޑް-19 ޖެހިފައިވާކަން އިޢުލާނުކުރެއްވި ރައީސް ބޮލްސޮނާރޯ ދެވަނަ ފަހަރަށް ތަހުލީލުކުރުމުންވެސް ހަށިގަނޑުގައި ބަލީގެ އަސަރު ހުރިކަމަށް ނަތީޖާއިން ދައްކާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ބޮލްސޮނާރޯ ވިދާޅުވީ ބަލީގެ އެއްވެސް ޢަލާމާތެއް ނުފެންނަކަމަށާއި ޙާލުކޮޅު ރަނގަޅުކަމަށެވެ. ބަލި ޖެހިފައިވާކަން އެނގިވަޑައިގަތުމުން އެ ބޭހަކާމެދު ސައިންސުވެރިންގެ މެދުގައި ޚިޔާލު ތަފާތުވެފައިވާ މެލޭރިޔާއަށް ފަރުވާކުރުމަށް ބޭނުންކުރާ ހައިޑްރޮކްސީކްލޮރިކީން ބޭނުންކުރައްވަމުންދާކަމަށާއި އެ ބޭހުގެ އެދެވޭ ނަތީޖާ ފެންނަމުންދާކަމަށް ބޮލްސޮނާރޯ ވިދާޅުވިއެވެ. އެ ބޭސް ބޭނުންކުރައްވަނީ އަސްކަރީ ޑޮކްޓަރެއްގެ ލަފާގެ މަތިންކަމަށާއި ބޭސް ބޭނުންކުރުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އޭނާވަނީ ޢާންމުންނަށް ނަޞޭޙަތްތެރިވެވަޑައިގެންފައެވެ.

ރައީސް ބޮލްސޮނާރޯ ހުންނެވީ ރައީސްގެ ރަސްމީ ގެކޮޅުގައި ކަރަންޓީނުވެވަޑައިގެންނެވެ. ނަމަވެސް ކަރަންޓީނުގައި ހުންނަވައިގެން އޭނާ މަޤާމުގެ މަސްޢޫލިއްޔަތު ޢަދާކުރައްވައެވެ.

ސީއެންއެންއަށް ދެއްވި ބަސްތީގަތުމެއްގައި ބޮލްސޮނާރޯވަނީ ގޭގައި މަޑުކުރެއްވުމަކީ ވަރަށް ދަތިކަމެއްކަމަށް ވިދާޅުވެފައެވެ. އަދި ބޭރަށް ނުކުމެވަޑައިގަތުމުގެ ޙުއްދަ ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ހުންނެވިކަމަށް އޭނާ ވިދާޅުވިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް އަވަހަށް އަނެއްކާވެސް ބައްޔަށް ތަހުލީލުކުރުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ކޯވިޑް-19ގެ އަސަރު ދެވަނައަށް އެންމެ ބޮޑަށް ކޮށްފައިވާ ޤައުމަކީ ބުރެޒިލެވެ. އެ ޤައުމުގައި މިހާތަނަށް 1.9 މިލިއަން މީހުންނަށް ކޯވިޑް-19 ޖެހި، 75،000އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އެ ޤައުމުގެ ޙާލަތު އެހާ ގޯސްވީ ކޯވިޑް-19އަކީ އާދައިގެ ރޯގާއެއްކަމަށް ސިފަކުރައްވާ ރައީސް ބޮލްސޮނާރޯ އެދެވޭ ފިޔަވަޅުތަކެއް އެޅުއްވުން ލަސްކުރެއްވުންކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.