މިދިޔަ އަހަރު އޭލެވެލް ނިންމި ދަރިވަރުންގެ ތެރެއިން 7 ދަރިވަރަކަށް ރައީސުލް ޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލަރޝިޕް ދެއްވައިފިއެވެ. މި ސްކޮލަރޝިޕްތައް ލިބުނު ދަރިވަރުންނަށް އެކަމުގެ ލިޔުން ޙަވަލުކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
މިއަހަރު މި އެވޯޑް ޙާސިލްކޮށްފައިވަނީ މިދިޔަ އަހަރު ސެންޓަރ ފޮރ ހަޔަރ އެޑިއުކެޝަން ސެންޓަރ (ސީއެޗްއެސްސީ)އިން މަތީ ޘާނަވީ ހާސިލް ކުރި 5 ދަރިވަރަކަށާއި އަލްމަދަރުޞަތުލް ޢަރަބިއްޔަތުލްއިސްލާމިއްޔާއިން ޝަހާދާ ސާނަވިއްޔާ ނިންމި 2 ދަރިވަރަކަށެވެ.
މި ސްކޮލަރޝިޕް ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހީމް ޙަސަން ވިދާޅުވީ މިއަހަރަކީ ޝަހާދަ ސާނަވީ އިމްތިޙާނު ނިންމި ދަރިވަރުންގެތެރެއިން އެއް ދަރިވަރަކަށްވުރެ ގިނަ ދަރިވަރުންނަށް މި ސްކޮލަރޝިޕް ލިބޭ ފުރަތަމަ ފަހަރުކަން ފާހަގަ ކުރައްވާފައެވެ.
ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ އިޤްތިޞަދަށް ގެއްލުންތަކެއް ވެފައި ވީނަމަވެސް ދަރިވަރުންނަށް ކިޔަވައިދިނުމުގެ ފުރުޞަތުތައް ހޯދައިދެމުންދާނެކަމަށް ވިދާޅުވިއެވެ. މިނިސްޓަރަ ވަނީ މިލިބޭ ފުރުޞަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި ޤައުމު ބިނަކުރުމުގައި ޢަމަލީ ގޮތުން ބައިވެރިވުމަށް އިލްތިމާސްކުރައްވާފައެވެ.
"މި ޤައުމު އާރާސްތު ކުރުމަކީ ތިކުދިންނާއި އަޅުގަނޑުމެންގެ ޒިންމާއެއް.މި ޤައުމަށް ރީތި ނަން ހޯދައިދިނުމަކީވެސް ތި ކުދިންނާއި އަޅުގަނޑުމެންގެ ޒިންމާއެއް. މާދަމާގެ މުސްތަޤްބަލު އުޖާލާކޮށްދިނުމަކީވެސް އަޅުގަނޑުމެންގެ ޒިންމާއެއް."ޑރ.އިބްރާހީމް ޙަސަން ވިދާޅުވިއެވެ.
މިދިޔަ އަހަރު މަތީ ސާނަވީ އިމްތިޙާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންނަށް އެ ދަރިވަރަކު ބޭނުން ދާއިރާއަކުން ބޭނުން ޤައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ޚަރަދު ސަރުކާރުން ހަމަޖައްސާދޭނެއެވެ.