ޚަބަރު

ބުރެޒިލުގެ ރައީސަށް އޮންނަ ތާއީދު އިތުރުވެއްޖެ


ބުރެޒިލުގެ ރައީސް ޖައިޚް ބޮލްސޮނާރޯއަށް އޮތް ތާޢީދު ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި އިތުރުވެފައިވާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ބުރެޒިލްގެ ރައްޔިތުންގެ މެދުގައި ރައީސް ބޮލްސޮނާރޯއަށް އޮންނަ ތާޢީދުވަނީ ދަށަށްގޮސްފައެވެ. ނަމަވެސް ދުނިޔޭގައި ދެވަނައަށް އެންމެ ހަލުވިކޮށް ކޯވިޑް-19 ފެތުރެމުންދާ ބުރެޒިލުގެ ޙާލަތު އެއް ދުވަހުން އަނެއް ދުވަހަށް ގޯސްވެ، ބަލިފެތުރެމުންދާ ނާޒުކު ދަނޑިވަޅެއްގައި ބޮލްސޮނާރޯ އަޅުއްވަމުންދާ ފިޔަވަޅުތަކައި ޤައުމުގެ އިޤްތިޞާދީ މިސްރާބާމެދު ފާއިތުވި މަސްތަކުގައި ޢާންމުންގެ ތާއީދުވަނީ އިތުރުވެފައެވެ.

އެންމެ ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި މިދިޔަ މަހުގެ ތެރޭގައި ބޮލްސޮނާރޯއަށް އޮންނަ ތާއީދުވަނީ 30 އިންސައްތައަށް އިތުރުވެފައެވެ. އެއީ އޭގެ ކުރީ މަހަށްވުރެ 2 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި އޭޕްރިލް މަހުން ފެށިގެން އޭނާއަށް އޮތް ތާޢިދު އެންމެ މައްޗަށް ގޮސްފައިވާ ނިސްބަތެވެ. ބޮލްސޮނާރޯއާމެދު ހިތްހަމަނުޖެހޭ މީހުންގެ ނިޞްބަތްވެސްވަނީ ޖޫން މަހުގެ ތެރޭގައި 45 އިންސައްތައަށް ދަށަށް ގޮސްފައެވެ. އޭގެ ކުރީ މަހުގައި އެ ޢަދަދު ހުރީ 48 އިންސައްތައިގައެވެ. އެއީ އޭޕްރިލް މަހުން ފެށިގެން ބޮލްސޮނާރޯއާމެދު ހިތްހަމަނުޖެހޭ މީހުންގެ ޢަދަދު އެހާ ދަށަށްދިޔަ ފުރަތަމަ ފަހަރެވެ.

ޤައުމީ ފެންވަރުގައި ކުރި ދިރާސާއިން ދައްކާގޮތުގައި ކޯވިޑް-19އާ ދެކޮޅަށް ރައީސް ބޮލްސޮނާރޯ ކުރައްވަމުންދާ މަސައްކަތާމެދު އާބާދީގެ 25 އިންސައްތަ މީހުން ހިތްހަމަޖެހެއެވެ. އެއީ މެިއި މަހަށްވުރެ 2 އިންސައްތައިގެ ކުރިއެރުމެކެވެ. ނަމަވެސް 52 އިންސައްތަ މީހުން ޤަބޫލުކުރާގޮތުގައި ރައީސް އަޅުއްވާފައިވާ ފިޔަވަޅުތައް ގޯހެވެ. އެއީ އޭގެ ކުރީ މަހަށްވުރެ 3 އިންސައްތައިގެ ދަށްވުމެކެވެ. އެ ދިރާސާގެ ނަތީޖާއިން ދެއްކި ޢަދަދުތަކާއި އަސްލު ޢަދަދުތަކާ ދެމެދު 3.2 އިންސައްތައިގެ ތަފާތެއް ހުރުން އެކަށީގެންވެއެވެ.

ބުރެޒިލުގައި 2.1 މިލިއަން މީހުންނަށް ކޯވިޑް-19 ޖެހި، 80،250 މީހުންވަނީ މަރުވެފައެވެ. އެ ޤައުމުގައި ބަލި ފެތުރޭ މިންވަރު އަދިވެސް ދަނީ އިތުރުވަމުންނެވެ. އެ ޤައުމުގައި ބަލި ޖެހިފައިވާ މީހުންގެ ހަޤީޤީ ޢަދަދުތައް ރަސްމީ ޢަދަދުތަކަށްވުރެ އެތައް ގުނައެއް އިތުރުވާނެކަމަށް ޞިއްޙީ މާހިރުން ޤަބޫލުކުރެއެވެ.