ޚަބަރު

މިޞްރުގެ އަސްކަރިއްޔާއިން ލީބިޔާގައި ޙަރަކާތްތެރިވުމުގެ ޙުއްދަ ދީފި


ޤައުމުން ބޭރުގައި މިޞްރުގެ އަސްކަރިއްޔާއިން ޙަރަކާތްތެރިވުމުގެ ޙުއްދަ އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުން ދީފިއެވެ.

މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙު އަލްސީސީއަށް ތާޢީދުކުރާ ގިނަ މެންބަރުންތަކެއްގެ މައްޗަށް އެކުލެވިގެންވާ އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގެއިން އެ ޤައުމުގެ އަސްކަރީ ފައުޖުތައް އެ ޤައުމުގެ ސަރަޙައްދީ ރޮނގުން ބޭރުގައި ޙަރަކާތްތެރިވުމުގެ ޙުއްދަ ދޭން ނިންމީ ޢާންމުންނަށް ބަންދުކޮށްގެން ބޭއްވި ޖަލްސާއެއްގައެވެ. އެ ނިންމުން ނިންމާފައިވަނީ ޤާނޫނުހަދާ މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތުންނެވެ. އެ ޖަލްސާގައި މިޞްރުގެ ހުޅަނގުގައި އޮންނަ ސަރަޙައްދުތަކުގެ ސަބަބުން އެ ޤައުމަށް ކުރިމަތިވެދާނެ ނުރައްކާތަކާ ގުޅޭގޮތުން މަޝްވަރާކުރިއެވެ.

މިޞްރުގެ ޤާނޫނުހަދާ މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޙުއްދަ ދިނީ ހަތިޔާރުއެޅި ހަނގުރާމަވެރިންނާއި ބޭރު ޤައުމުތަކުގެ ނިރުބަވެރިންގެ ކިބައިން ޤައުމު ދިފާޢުކުރުމުގެ މަޤުސަދުގައިކަމަށެވެ. އެ ނިންމުމުގައި މިޞްރުގެ އަސްކަރިއްޔާ ފޮނުވަން ޙުއްދަދިން ވަކި ޤައުމެއް ހިމަނާފައެއް ނުވެއެވެ. ނަމަވެސް ލީބިޔާ އޮންނަނީ މިޞްރުގެ ހުޅަނގުގައެވެ. އަދި ލީބިޔާގެ ދާޚިލީ ހަނގުރާމައިގައި މިޞްރުގެ ބައިވެރިވުން ވަރަށް ބޮޑަށް އޮވެއެވެ.

އދން ބަލައިގަނެފައިވާ ލީބިޔާގެ ގޮވަމަންޓް އޮފް ނޭޝަނަލް އެކޯޑު، ޖީއެންއޭއާއި އިދިކޮޅު ޚަލީފާ ޙަފްތާރުގެ ލީބިއަން ނޭޝަނަލް އާމީ، އެލްއެންއޭއާމެދު ކުރިމަތިލުންތައް ހިނގާތާ ގިނަ އަހަރުތަކެއްވަނީ ވެފައެވެ. އެ ހަމަނުޖެހުންތަކުގައި މިޞްރާއި ޔޫއޭއީއާއި ރަޝިޔާއިން ވާގިވެރިވަނީ އެލްއެންއޭއަށެވެ. ޖީއެންއޭއަށް ވާގިވެރިވަނީ ތުރުކީވިލާތުންނެވެ. އެ ޤައުމުގެ އަސްކަރިއްޔާއާއި އެ ޤައުމުގެ އެހީތެރިކަން ލިބޭ ހަނގުރާމަވެރިން ދަނީ ލީބިޔާގައި ޙަރަކާތްތެރިވަމުންނެވެ.

ފާއިތުވި ދުވަސްތަކުގައި އެލްއެންއޭއާ ދެކޮޅަށް ޖީއެންއޭއިންވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައެވެ. އެގޮތުން ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށަށް ވެރިރަށް ތަރާބުލުސްވަނީ ގެނެސްފައެވެ. އަދި ޖީއެންއޭގެ ބާރުގެ ދަށަށް ލީބިޔާގެ މައި ތެޔޮ މަރުކަޒުތަކަށް ދަތުރުކުރާ މަގުގައި އޮންނަ މުހިންމު ސިޓީއެއްކަމަށްވާ ސިރުތު ގެނައުމުގެ މަސައްކަތްވެސްވަނީ ފަށައިފައެވެ. ޖީއެންއޭއާއި ތުރުކީވިލާތުން ސިރުތަށް ޙަމަލާދީފިނަމަ އެލްއެންއޭއަށް ވާގިވެރިވާ މިޞްރުގެ އަސްކަރީ ފައުޖުތައް ލީބިޔާއަށް ފޮނުވާނެކަމުގެ އިންޒާރު މީގެ ކުރިން އެ ޤައުމުންވަނީ ދީފައެވެ.

މިޞްރުގެ ޤާނޫނުހަދާ މަޖިލީހުން ނިންމި ނިންމުމުގެ ސަބަބުން މިޞްރާއި ތުރުކީވިލާތާ ދެމެދު ލީބިޔާގައި ސީދާ ކުރިމަތިލުންތަކެއް ހިނގާނެކަމަށް ބެލެވެއެވެ. އަދި މައްސަލައިގެ ތެރެއަށް މިޞްރުން ވަނުމުން ލީބިޔާގައި ހިނގަމުންދާ ހަމަނުޖެހުންތައް އިތުރުވާނެކަމަށްވެސްވަނީ ބެލެވިފައެވެ.