ޚަބަރު

ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާނެ ތާރީޚަކާމެދު ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު އާންމުންނަށް


އަންނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނެ ތާރީޚެއް ކަނޑައެޅުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފިއެވެ

ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނެ ތާރީޚެއް ނުވަތަ އިރެއް ކަނޑައެޅުމަށްޓަކައި އެކަޑެމިކް ކަލަންޑަރަށް އާއްމުންގެ ހިޔާލު ހޯދަން މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.

އޮންލައިންކޮށް ޚިޔާލު ހުށަހެޅުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ ފޯމުގައި ވަނީ ތިން ތާރީޚެއް ފާހަގަކޮށް އެތަނުން އާންމުންނަށް ފެންނަ ތާރީޚެއް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ. އެގޮތުން ޖެނުއަރީ މަހާއި އޮގަސްޓު މަސް ނުވަތަ ސެޕްޓެމްބަރު މަސް އިޚްތިޔާރު ކުރުމުގެ ފުރުޞަތާއި އިތުރު ޚިޔާލު ހުށަހެޅުމުގެ ފުރުޞަތުވެސް އެ ފޯމުގައި ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން އައު އެކަޑަމިކް ކަލަންޑަރު އެކުލަވައިލުމުގައި ބެލެނިވެރިންނާއި އާންމުންގެ ކަންބޮޑުވުންތަކަށް ބަލާނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާ ދުވަސްވަރު ބަދަލުކުރަން ނިންމާފައިވަނީ ކޯވިޑް-19ގެ ސަބަބުން އޯ ލެވެލް އަދި އޭ ލެވެލް އިމްތިހާނު ފަސްކުރުމުން ސްކޫލުތަކަށް ދިމާވާނެ ޖާގައިގެ ދަތިތައް ހައްލުކުރުމުގެ ގޮތުންނެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާ ދުވަސްވަރު ދާއިމީކޮށް ބަދަލުކުރުމާއި 2022 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާ ދުވަސްވަރާ ގުޅޭގޮތުން ވެސް އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ކަމާ ގުޅުން ހުރި އިދާރާތަކާއެކު މަޝްވަރާކުރައްވަމުންނެވެ.

ކޯވިޑް -19ގެ ޙާލަތާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޖީސީއީ އޯލެވެލް އިމްތިހާން އަންނަ އަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށްވެސް ނިންމަވާފައެވެ. އަދި މިބަދަލާއިއެކު އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރުން ހަދާ ޝަހާދާ ސާނަވިއްޔާ އިމްތިހާންތައްވެސް މިއަހަރު ނޯންނާނެކަމަށާއި، ދެން އެ އިމްތިހާންތައްވެސް އޮންނާނީ އަންނަ އަހަރުގެ މޭ/ޖޫން ގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން މިހާރު ގްރޭޑް 10 ގައި ކިޔަވާދަރިވަރުންނާއި އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ މިއަހަރު ޝަހާދަސާނަވިއްޔާ ހަދަން ހަމަޖެހިފައިވާ ދަރިވަރުން އަންނަ އަހަރުގެ މޭ/ޖޫން އިމްތިޙާނުތައް ނިމެންދެން އެ ދަރިވަރަކު މިހާރު ކިޔަވަމުންދާ ސްކޫލެއްގެ ދަރިވަރެއްގެ ގޮތުގައި ދެމިތިބޭނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވެއެވެ