ޚަބަރު

ލޭގެ ޕްރެޝަރ ދަށްކުރަން ކަސްރަތާއި ކެއުމުގެ އާދަ ރަނގަޅުކުރުން މުހިންމު


ގައިންގަޔަށް ނާރާ، ނުވަތަ ދިރިއުޅުމުގެ އާދަކާދައިގެ ސަބަބުންޖެހޭ ބަލިތައްކަމަށްވާ ހިތުގެ ބަލިތަކާއި، ލޭމައްޗަށް ދިއުން، ހަކުރު ބަލި އަދި ކިޑްނީގެ މައްސަލަތަކަކީ ރާއްޖެއަށް ކުރި މަތިވެފައިވާ ބޮޑު މައްސަލައެކެވެ. މިފަދަ ބަލިތަކުގެ ސަބަބުންވެސް އެތައްބައެއްގެ ފުރާނަ ދާ މަންޒަރުތައް އަޅުގަނޑުމެންނަށް ފެންނަމުންދެއެވެ. ރާއްޖޭގައި މަރުވާ 78 އިންސައްތަ މީހުންނަކީ ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންކަމަށް ދިރާސާ ތަކުން ދައްކައެވެ. ގައިން ގަޔަށް ނާރާ ބަލިތައްޖެހޭ މީހުން އެއް ދުވަހެއް އަނެއްދުވަށް ރާއްޖޭގައި އިތުރުވަމުންދާއިރު ލޭ މައްޗަށް ދާމީހުންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ.

ލޭމައްޗަށް ދިއުމަކީ ލޭގެ ޕްރެޝަރ ހުންނަންވާ ވަރަށް ވުރެ މައްޗަށް ދިއުމެވެ. ލޭމައްޗަށް ދިއުމުގެ މައްސަލަ ޢާންމުގޮތެއްގައި ފެށެނީ މެދު ޢުމުރުން މައްޗަށް ދިއުމުންނެވެ. ޕްރެޝަރ ހުންނަންޖެހޭ އެކަށީގެންވާ ވަރަކީ 80/128 އެވެ. ޒުވާން ޢުމުރުގައި ހުންނާނީ މިއަށް ވުރެ ދަށްކޮށެވެ. ލޭގެ ޕްރެޝަރ ހުންނަންޖެހޭ މިންގަނޑާއި މީހާގެ ޢުމުރާއިވަނީ ވަރަށް ބޮޑަށް ގުޅިފައެވެ. އުމުރުން ފަންސާސް އަހަރަށް ދާއިރު ޕްރެޝަރ މިއަށްވުރެ ތަންކޮޅެއް މައްޗަށް ހުރިނަމަވެސް އެއީ މައްސަލައެއްކަމަކަށް ޑޮކްޓަރުން ފާހަގައެއް ނުކުރައްވައެވެ. ނަމަވެސް 85/130 - 89/130 އަށްވުރެ ޕްރެޝަރ މަތިނަމަ ޑޮކްޓަރަށް ދައްކައި ލަފާހޯދުން މުހިންމެވެ. ޒުވާން ދުވަސްވަރު މަދު މީހަކަށް މި މައްސަލަ ދިމާވުން އެކަށީގެންވެއެވެ.

ހަށިގަނޑުގައި ލޭހިނގުމުގެ މިންގަނޑު ނުވަތަ ލޭގެ ޕްރެޝަރުހުންނަންޖެހޭ މިންވަރަށްވުރެ މަތިކޮށް ހުންނަނަމަ އެއީ ލޭމައްޗަށްދިއުން ކަމުގައި ބެލެވެއެވެ. ހަށިގަނޑުގައި ލޭގެ ޕްރެޝަރު ހުންނަންޖެހޭ މިންގަނޑުގައި ހުރުމަކީ ޞިއްޙަތު ސަލާމަތުން ހުރުމަށްޓަކައި ކޮންމެހެން ބޭނުން ކަމެކެވެ.

ލޭ މައްޗަށް ދިއުމުގެ ފުރުޞަތު ބޮޑީ:

  • ޢާއިލާގައި މި ބަލީގެ މީހުން ތިބުން
  • އާދަޔާ ޚިލާފަށް ފަލަވުން
  • ހެލިފެލިވެ އުޅޭލެއް މަދު މީހުން
  • ލޮނުގަދަ ކާނާ، ތެލާއި ސަރުބީ އެކުލެވޭ ކާނާ ގިނައިން ބޭނުންކުރުން
  • ބައެއް ބާވަތްތަކުގެ ބޭސް ބޭނުންކުރުން
  • ދުންފަތުގެ އިސްތިއުމާލު ކުރުން
  • ދިރިއުޅުމުގައި ހާސްކަމާއި ފިކުރު ބޮޑުކޮށް އަބަދު އުޅެންޖެހުން

ލޭމައްޗަށް ދިއުމުން ޖެހޭ މައްސަލަތައް:

ލޭގެ ޕްރެޝަރ މަތީގައި ހުންނަނަމަ ލޭނާރުތަކުގެތެރޭގައި މަސްއަލަޖެހި ހަށިގަނޑުގެ ގުނަވަންތަކަށް ގެއްލުންވެ ފުރާނައަށް ނުރައްކާވާ ހިސާބަށްދެއެވެ. އެހެންކަމުން ޑޮކްޓަރުގެ ފަރުވާ ހޯދައި ޕްރެޝަރ ކޮންޓްރޯލްކުރުމަށް މަސައްކަތް ކުރުން މުހިންމެވެ. ލޭގެ ޕްރެޝަރ މަތީގައި ހުރުމުން ދިމާވެދާނެ ނުރައްކާތަކުގެ ތެރޭގައި ހިމެނެނީ

ސްޓްރޯކްޖެހުން

މިއީ ސިކުނޑިއަށް ލޭ ފޯރުކޮށްދޭ ނާރެއް ބެދުން ނުވަތަ ފަޅައިގެން ދިއުމެވެ. މީގެ ސަބަބުން ވާގިނެތޭ ބަލި ޖެހުން ނުވަތަ ސިކުނޑިއަށް ލޭ ފޭބުމުގެ ސަބަބުން ހޭ ނެތިފައި އޮންނަން ޖެހޭގޮތް މެދުވެރިވއެވެ.

ހާރޓް އެޓޭކް ޖެހުން

މިހެން ދިމާވަނީ ހިތަށް ލޭ ފޯރުކޮށްދޭ ނާރެއް ބެދި އޭގެ ސަބަބުން ލޭ ފޯރުކޮށް ދިނުމަށް ހުރަސް އެޅުމުންނެވެ.

ހާރޓް ފެއިލް ވުން

މިއީ ހިތުގެ މަސްތައް ވަރުބަލިވެ، ލޭ ޕަމްޕްކޮށްދިނުމަށް ދަތިވެ މަސައްކަތް ނުކުރުމެވެ.

ލޭ މައްޗަށްގޮސް ހުރިކަން ދެނެގަތުން

ލޭމައްޗަށް ގޮސް ހުރިކަން ގިނަފަހަރަށް އެނގެނީ ކޮންމެވެސް ކަމެއްގައި ޑޮކްޓަރަށް ދެއްކުމުން ލޭގެ ޕްރެޝަރ ބެލުމާއި ގުޅިގެންނެވެ. ނުވަތަ ކޮންމެވެސް ގުނަވަނަކަށް އުނދަގޫތަކެއް ވާތީއެވެ. ލޭ މަތީގައި ހުންނަތާ އެތަކެއް ދުވަސް ފަހުންވެސް މި ފަދަ މައްސަލައެއް އެނގުން އެކަށީގެން ވެއެވެ. ނަމަވެސް އޭރު އޮންނާނީ ހަށިގަނޑަށް އެތަކެއް ގެއްލުން ވެފައެވެ.

ވީމާ ލޭ މައްޗަށްގޮސް ހުރިކަން ޔަޤީންކޮށް ދެނެގަނެވޭނީ ލޭގެ ޕްރެޝަރ ބެލުމުންނެވެ. އުމުރުން ސާޅީސް އަހަރުން މައްޗަށް ދިއުމުން އަހަރަކު 1 ފަހަރު ލޭގެ ޕްރެޝަރ ބެލުން މުހިންމެވެ.

ލޭ މަތީގައި ހުންނަނަމަ ފާހަގަކުރެވޭ ކަންކަމުގެތެރޭގައި

  • ފައިގެ ކުޑަހުޅު، އަތުގެ އިގިލިތައް ދުޅަވުން
  • ނޭވާ ކުރުވުން
  • ލޮލުގެ ފެނުމަށް ބަދަލުއައުން
  • ނޭފަތުން ލޭ އައުން
  • ބޮލުގައި ރިހުން

ފަރުވާ

އައިޖީއެމްއެޗް ހޮސްޕިޓަލްގެ އެތެރެހަށީގެ ޚާއްސަ ޑޮކްޓަރު ޑރ. މުޙައްމަދު އަލީ ވިދާޅުވާ ގޮތުގައި ލޭގެ ޕްރެޝަރ ދަށްކުރުމަށް ބޭސް ކެއުމުގެ އިތުރުން ބަރުދަން ލުއިކުރެވިދާނެއެވެ. އެގޮތުން ކަސްރަތު ކުރުމުން ގާތްގަނޑަކަށް ލުއިވާ ކޮންމެ ކިލޯއަކަށް 1 މިލިމީޓަރު އެޗްޖީގެ ޕްރެޝަރ ދަށްވެއެވެ. އަދި މުޅިއެކު 5 ވަރަކަށް މިލިމީޓަރު އެޗްޖީގެ ޕްރެޝަރ ދައްވާކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

ކެއުމުގެ ތެރޭގަ ތަރުކާރީއާއި މޭވާ، ހޯލްގްރެއިންގެ މާއްދާ ހިމެނޭ އެއްޗެތި, އަދި ސަރުބީ މަދު ކިރުން ހަދާފަ ހުންނަ ތަކެތި ބޭނުން ކުރުން އިތުރު ކޮށްފި ނަމަ މުޅި ޖުމްލަ ގާތްގަނޑަކަށް 11 މިލިމީޓަރ އެޗްޖީގެ ޕްރެޝަރ ދަށްވާކަމަށްވެސް ޑޮކްޓަރ މުހައްމަދު އަލީ ވިދާޅުވިއެވެ.

މީގެ އިތުރުން އުމުގަ ލޮނުގެ ތެރޭން ސޯޑިއަމް ބޭނުން ކުރެވޭ މިންވަރު ދުވާލަކު 1500 މިލި ގްރާމަށް ވުރެ މަދުން ބޭނުން ކުރުން އެދެވިގެންވީ ކަމަކު 1000 މިލިގްރާމަށްވުރެ މަދުކުރެވިއްޖެނަމަ ޕްރެޝަރ 5-6 މިލިމީޓަރ އެޗްޖީއަށް ދަށްވެއެވެ.

ޑރ. މުޙައްމަދު އަލީ ވިދާޅުވީ، ކެއުމުގަ ޕޮޓޭސިއަމް ލޮނުގެ މިންވަރު 5000-3500 މިލިގްރާމްގައި ބެހެއްޓިއްޖެ ނަމަ 4 މިލިމީޓަރު އެޗްޖީއަށް ދަށްވާކަމަށެވެ. އަދި ލޭގެ ޕްރެޝަރ ދަށްކުރުމަށްޓަކައި ހަފްތާއަކު 150-90 މިނެޓްގެ އެއޮރެބިކްސް ކަސްރަތު ކުރާއިރު ހިތުގެ ހިނގުން %75-65 ވަރުގަ ހިފަހައްޓައިގެން ކުރާނަމަ ޕްރެޝަރ 8-5 މިލިމީޓަރ އެޗްޖީއަށް ދަށްކޮށްލައެވެ. ހަމަ މިފަދައިން ޑައިނަމިކް ކަސްރަތާއި އައިސޮމެޓްރިކް ރެސިސްޓެންސް ކަސްރަތުންވެސް ޕްރެޝަރ ދަށްކޮށްދެއެވެ.

މިހުރިހާ ކަމެއް އެއްފަހަރާ ކުރާމީހަކު ޕްރެޝަރ ދަށްވެގެން ހާލުބޮޑެއް ނުވާނެކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. އެއީ ޕްރެޝަރ ދަށްވިޔަ ނުދޭން ހުންނަ މެކޭނިޒަމްތައް މަސައްކަތް ކުރާނެތީއެވެ.

ޑރ.މުޙައްމަދު އަލީ ވިދާޅުވީ، ޕްރެޝަރު ބޭހަކީ ދެވިހިފާ ބޭހެއް ނޫންކަމަށާއި އެހެން ކަމުން ބޭސް ފެށުމަށްފަހު އަމިއްލައަށް ޕްރެޝަރ ދަށްކުރުމަށް ކުރާ ކަންކަން ކުރުމުން ޕްރެޝަރ ދަށްވަމުން ދާނަމަ ޕްރެޝަރަށް ދޭ ބޭހުގެ ޢަދަދު ނުވަތަ ބާރު ގަދަ މިން ދަށްކުރެވޭނެކަމަށެވެ. އަދި ބައެއް ފަހަރަށް ހުއްޓާވެސް ލެވޭނެކަން ޑރ. މުޙައްމަދު އަލީ ފާހަގަކުރެއްވިއެވެ.