ފަޅުރަށްރަށުން ދައުލަތަށް ލިބެންޖެހޭ އިޤްތިސާދީ ފައިދާ އެކަށީގެންވާ މިންވަރަކަށް ލިބެމުންނުދާކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޒަހާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދާއެކު ބޭއްވި ބައްދަލުވުމުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ވާހަަކަދައްކަވަމުން މިނިސްޓަރ ޒަހާ ވަޙީދު ވިދާޅުވީ ކުރީ ސަރުކާރުތަކުން ދިގު މުއްދަތަކަށް ދޫކޮށްފައިވާ ރަށްތަކުގައި މަސައްކަތްތައް ކުރިއަށްދާގޮތް މޮނީޓަރކޮށްފައި ނުވާކަމަށެވެ. ނަމަވެސް މިސަރުކާރުން ދިގު މުއްދަތަކަށް ކުއްޔަށް ދޫކޮށްފައިވާ ރަށްތަކުގައި މަސައްކަތްތައް ކުރިއަށްގެންދާގޮތްތައް ބަލަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިނިސްޓްރީން ބެލިބެލުމުން ދިގު މުއްދަތަށް ދޫކޮށްފައިވާ ފަޅު ރަށްތަކުގެ ތެރެއިން އެކަށީގެންވާ މިންވަރަކަށް މަސައްކަތްކުރަމުން ދަނީ 32 އިންސައްތަ ރަށެއްގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
" ކުއްޔަށް ދޫކުރެވިފައިވާ ގިނަ ރަށްރަށުގައި ވޯކް ޕްލޭންއާއި އިންވެސްޓްމަންޓު ޕްލޭނާއި އަދި ލޭންޑު ޔޫސް ޕްލޭން ނެތުމާއި އެކު އެންމެ އެކަށީގެންވާ ގޮަތުގައި ރަށުގެ ބޭނުން ހިފަމުންނުދާ ކަންވަނީ ފާހަގަކުރެވިފައި،" މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.
ފިޝަރީޒް މިނިސްްރީން މަޢުލޫމާތުދެއްވާ ގޮތުގައި ދިގު މުއްދަތަށް ދޫކޮށްފައިވާ ފަޅުރަށްތަކަކީ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަމާއި މަސްވެރިކަމާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް ދޫކޮށްފައިވާ ރަށްތަކެއްކަމަށެވެ. އަދި މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށްނުދާ ރަށްރަށުގައި ދިމާވާ ގޮންޖެހުންތަކާއި މަސައްކަތްތައް ކުރިއަށްނުދާ ސަބަބުތައްވެސް ބަލަމުންދާކަމަށް މިނސްޓަރ ޒަހާ ވިދާޅުވިއެވެ.
މިނިސްޓްރީގެ ދަށުގައިވާ ފަޅުރަށްތަށް ދަނީ ވަރުވާއަށާއި ދިގު މުއްދަތަށް ކުއްޔަށް ދޫކުރަމުންނެވެ. ކޮމިޓީ ބައްދަލުވުމުގައި މިނިސްޓަރ ޒަހާ ވަނީ ރަށްތައް ކުއްޔަށް ދޫކޮށްގެން ލިބިފައިވާ އާމްދަނީގެ ތަފްސީލްވެސް ހިއްސާކޮށްފައެެވެ.
" 2018 ވަނަ އަހަރު ދައުލަތަށް ލިބިފައިވަނީ 127409 ޑޮލަރާއި 15.2 މިލިއަން ރުފިޔާ. 2019 ވަނަ އަހަރު ލިބިފައިވަނީ 53700 ޑޮލަރާއި 14.7 މިލިއަން ރުފިޔާ" މިނިސްޓަރ ޒަހާ ވިދަޅުވިއެވެ.
ކޮމެޓީގައި މެމްބަރުންވެސް ވަނީ ދިގު މުއްތަކަށް ދޫކޮށްފައިވާ ބައެއް ރަށްތަކުގައި އެއްވެސް އިޤްތިސާދީ މަސައްކަތްތަކެއް ކުރިއަށްނުދާތީ މިރަށްރަށުން އެއަތޮޅަކަށް ފައިދާތައް ލިބެމުން ނުދާކަން ފާހަގަކޮށްފައެެވެ. އަދި އެރަށްރަށުގައި ދަނޑުވެރިކަން ކުރުމުގެ ފުރުސަތު އެއަތޮޅެއްގެ ބަޔަކަށް ލިބެން ޖެހޭނެކަމަށް ބައެއް މެމްބަރުން ވިދާޅުވިއެވެ.
މިނިސްޓަރ ޒަހާ ވިދާޅުވީ ވަރުވާއަށް ރަށްތަށް ދޫކުރާއިރު، އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށް ރަށްތަށް ދޫކުރުމުގެ އުސޫލަށް ބަދަލުތައް ގެނައުމަށް މަސައްކަތްކުރަމުންދާކަމަށެވެ.
ރާއްޖޭގެ ގާތްގަނޑަކަށް 980 ވަރަކަށް ފަޅުރަށް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮވެއެވެ.