ބެލްޖިއަމުގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވުމުގެ ސަބަބުން އެ ޤައުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ޖުލައި މަހުގެ 25ވަނަ ދުވަހުން ފެށިގެން އިތުރަށް ހަރުކަށިކުރަން ނިންމައިފިއެވެ.
ވިލާތުގެ އިއްތިޙާދާއި ނޭޓޯގެ މައި އިދާރާތައް ހުންނަ ބެލްޖިއަމުގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް މާރިޗު މަހުގެ 18ވަނަ ދުވަހު އެ ޤައުމުވަނީ ފުރަބަންދުކޮށްފައެވެ. އެ ޤައުމުގައި މިހާތަނަށް 64،847 މީހުންނަށް ބަލި ޖެހި، 9،812 މީހުންވަނީ މަރުވެފައެވެ. ބެލްޖިއަމަކީ އާބާދީގެ ނިޞްބަތުން އެންމެ ގިނަ ޢަދަދެއްގެ މީހުން ކޯވިޑް-19ގެ ސަބަބުން މަރުވެފައިވާ އެއް ޤައުމެވެ.
ފުރަބަންދު އުވާލުމަށްފަހު ޖުލައި މަހުގެ 23ވަނަ ދުވަހުން ފެށިގެން އިތުރު ލުއިތަކެއް ދޭން ބެލްޖިއަމުގެ ސަރުކާރުން ކުރިންވަނީ ނިންމައިފައެވެ. ނަމަވެސް މިދިޔަ ހަފުތާގައި އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ބަލި ފެތުރޭ މިންވަރު އިތުރުވެ ޤައުމުގައި ބަލި ޖެހޭ މީހުންގެ ނިޞްބަތް 91 އިންސައްތައަށް އިތުރުވުމުން އެ ނިންމުންވަނީ ބަދަލުކޮށްފައެވެ. ވަކިވަކި ސަރަޙައްދުތަކުގައި ބަލި ފެތުރޭ މިންވަރު އިތުރުވާނަމަ އެ ސަރަޙައްދުތައް ފުރަބަންދުކުރުން އެކަށީގެންވެއެވެ.
ބެލްޖިއަމްގެ ބޮޑުވަޒީރު ސޮފީ ވިލްމެސް ވިދާޅުވީ ޢާންމު ތަންތަނަށް ނުކުމެ އުޅޭއުޅުގައި މާސްކު ބޭނުންކުރުން ލާޒިމްކުރާނެކަމަށެވެ. އަދި ބަލި ޖެހިފައިވާ މީހުންނާ ބައްދަލުވެފައިވާ މީހުން ހޯދުމުގެ މަސައްކަތް ލުއިކުރުމުގެ ގޮތުން ރެސްޓޯރަންޓުތަކާއި ކެފޭތަކުން ޚިދުމަތް ހޯދާ މީހުންގެ މަޢުލޫމާތު އެ ތަންތަނާ ޙިއްޞާކުރަން ޖެހޭނެކަމަށެވެ. އޭގެ އިތުރުން ފިހާރަތައްވެސް ރޭގަނޑު 10 ޖެހުމުން ބަންދުކުރަން ޖެހޭނެއެވެ.
ސެޕްޓެމްބަރު މަހުގެ 1ވަނަ ދުވަހު އިތުރު ލުއިތަކެއް ދިނުމަށް އުންމީދުކުރައްވާކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ވިދާޅުވިއެވެ.