ދުނިޔޭގެ ވިޔަފާރި

މެލޭޝިޔާގެ ބޮޑު ޚިޔާނާތުގައި ގެއްލުނު ފައިސާގެ ބޮޑުބައެއް އަނބުރާ ހޯދިއްޖެ


މެލޭޝިޔާގެ ބޮޑު ޚިޔާނާތުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ ބެންކުން މެލޭޝިޔާ ސަރުކާރަށް 3.9 ބިލިއަން ޑޮލަރު ދޭން އެއްބަސްވެއްޖެއެވެ.

މެލޭޝިޔާގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތްކަމަށްވާ "ވަންއެމްޑީބީ"ގެ ޚިޔާނާތުގައި، ދައުލަތުގެ އެތައް ބިލިއަން ޑޮލަރަކަށް ބަޔަކު ވަނީ ހިޔާނާތްތެރިވެފައެވެ. މިމައްސަލައިގައި މެލޭޝިޔާއިން ދައުވާކުރާ ފަރާތްތަކުގެ ތެރޭގައި އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގާއި، ކުރީގެ ސަރުކާރުގެ ވެރިންނާއި ބައެއް ވިޔަފާރިވެރިންނާއި، އެމެރިކާގެ ގޯލްޑްމަންސެކްސް ބެންކު ހިމެނެއެވެ.

ގޯލްޑްމަންސެކްސް ބެންކުން މެލޭޝިޔާ ސަރުކާރަށް 3.9 ބިލިއަން ޑޮލަރުދޭން ނިންމީ، ކޯޓުން ބޭރުގައި ކުރިއަށްދިޔަ މަޝްވަރާތަކުގައި ވަންއެމްޑީބީ މައްސަލައިގައި އެބެންކާ ދެކޮޅަށް މެލޭޝިޔާގައި އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް މެލޭޝިޔާ ސަރުކާރުން އެއްބަސްވުމުންނެވެ. މެލޭޝިޔާ ސަރުކާރުން ދައުވާތައް އަނބުރާ ގެންދިޔަނަމަވެސް އެމެރިކާއާއި އެހެން ބައެއް ޤައުމުތަކުގައި ވަންއެމްޑީބީގެ މައްސަލައިގައި އެބޭންކާ ދެކޮޅަށް ވަނީ ދައުވާތައް އުފުލާފައެވެ.

ވަންއެމްޑީބީގެ ހިޔާނާތުގެ މައްސަލައިގައި ގޯލްޑްމަންސެކްސްއާ ދެކޮޅަށް ދައުވާ އުފުލީ، އިންވެސްޓަރުންނަށް އޮޅުވާލައިގެން އެތައް ބިލިއަން ޑޮލަރެއްގެ ބޮންޑް ވިއްކާފައިވާކަމަށް ބުނެއެވެ. ބޮންޑް ވިއްކައިގެން ފީގެ ގޮތުގައި 600 މިލިއަން ޑޮލަރު އެބެންކަށް ލިބިފައިވެއެވެ. އަދި ގޯލްޑްމަންސެކްސް މެދުވެރިކޮށް ބޮންޑް ވިއްކައިގެން 6.5 ބިލިއަން ޑޮލަރު ވަންއެމްޑީބީ ފަންޑަށް ހޯދާފައިވާއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 4 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާއަށް ބަޔަކު ވަނީ ހިޔާނާތްތެރިވެފައެވެ. އެފައިސާއަށް ޚިޔާނާތްތެރިވި ފަރާތްތަކުގެ އެކައުންޓްތަކުން އެތައް ސަތޭކަ މިލިއަން ޑޮލަރެއް ފެނިފައިވާއިރު، އެފަންޑުގެ ފައިސާއިން ދުނިޔޭގެ އެކި ކަންކޮޅުތަކުން އަގުބޮޑު ގެތަކާއި މަތިންދާބޯޓާއި ލަގްޒަރީ ޔޮޓްތައް ވަނީ ގަނެފައެވެ.

މެލޭޝިޔާގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތުގައި ދައުލަތަށް ގެއްލުނު ފައިސާ ހޯދަން މެލޭޝިޔާ ސަރުކާރުން ކުރި މަސައްކަތުން 4.5 ބިލިއަން ޑޮލަރު ހޯދާފައިވާއިރު، މިއީ ގާތްގަނޑަކަށް ދައުލަތުން ގެއްލުނު ފައިސާގެ ޖުމްލަވެސްމެއެވެ. އެހެންކަމުން މެލޭޝިޔާގެ އޮފިޝަލުން ޤަބޫލުކުރަނީ ވަންއެމްޑީބީގެ ހިޔާނާތުގެ މައްސަލައިގައި ސަރުކާރަށް ބޮޑު ކާމިޔާބީއެއް ލިބިއްޖެކަމަށެވެ.