ކޯވިޑުން ރައްކާތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ ކަނޑައަޅާފައިވާ އުޞޫލުތަކާއި ޙިލާފަށް ހުންނަ ތަންތަން ބަންދުކުރުމަށް އެ އިދާރާއިން ނިންމައިފިއެވެ.
މާލެއިން ކޯވިޑް ބަލި އޭޕްރިމަހުގެ 15 ވަނަދުވަހު ފެނުމުން މާލޭ ސަރަހައްދު އެއްކޮށް ފުރަބަންދު ކުރިއެވެ. އަދި ފުރަބަންދުގައި އޮންނަތާ ގާތްގަޑަކަށް ތިން މަސްދުވަސްފަހުން މާލެ ސަރަހައްދުގައި އާއްމުންނަށް ޚިދުމަތް ދޭ ތަންތަން އާއްމުކޮށް ހުޅުވާލީ މިމަހުގެ 1 ވަނަދުވަހުއެވެ.
ފުރަބަންދަށް ދިން ލުޔާއެކު އާއްމު ޚިދުމަތްދޭ ތަންތަން ހުޅުވާލީ އެތަންތަނުން އަމަލުކުރަންޖެހޭ އުޞޫލުތަކެއް އެޗްޕީއޭއިން ކަނޑައެޅުމަށްފަހުއެވެ. މިގޮތުން ފިހާރަތަކާއި ކެޕޭ ރެސްޓޯރަންޓްތަކާއި ޖިމާއި މާރުކޭޓް ފަދަ ތަންތަނަށް މީހުން އެއް ފަހަރާއި ވެދެވޭނެ އަދަދުތައްވެސް ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން އެތަންތަނުން ޚިދުމަތް ހޯދާ މީހުން މާސްކް ނާޅާ ނުވެއްދުމާއި ހޭންޑް ސެނިޓައިޒަރ ބޭނުންކުރެވޭނެ ގޮތަށް ކަންކަން ކަންކަން ކަނޑައެޅުމަށްވެސް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.
? A follow-up of the mass public health inspection will initiate tomorrow in greater Male’ area
— Health Protection Agency (@HPA_MV) July 28, 2020
As before, we will be inspecting adherence to #COVID19 safety guidelines of cafés & restaurants, shops, gyms & fitness centers, salons and markets
އެޗްޕީއޭއިން ވިދާޅުވީ ކޯވިޑް 19 އާއި ގުޅިގެން އައު ޢާއްމު ޙާލަތަށް ރުޖޫޢަވުމަށްޓަކައި ޢާއްމުންނަށް ޚިދުމަތްދޭ ތަންތަނުގައި ރައްކާތެރިކަމާއެކު ޚިދުމަތްދިނުމުގެ އިންތިޒާމް ހަމަޖެއްސުމަކީ މިބަލި ފެތުރުން މަދުކުރުމަށް އެޅޭ ވަރަށް މުހިއްމު ފިޔަވަޅެކެވެ. މިގޮތުން މިފަދަ ތަންތަނުން ޢާއްމުފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދޭންވާނީ، ކޯވިޑް 19 އާއި ގުޅިގެން މިއެޖެންސީން ޢާއްމުކޮށްފައިވާ އުޞޫލުތަކާ އެއްގޮތަށްކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.
ޢާންމުން އެއްވެ އުޅޭ ތަންތަނުގައި ކޯވިޑް-19ގެ ޙާލަތުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ މިންވަރު ބެލުމަށް ކުރިއަށްގެންދިޔަ ބޮޑު އިންސްޕެކްޝަން މަދާމާ އަލުން ފަށާނެކަން އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ. އަދި މި އިންސްޕެކްޝަނުން އުޞޫލުތަކާ ޚިލާފަށް ޚިދުމަތްދޭ ތަންތަން ވަގުތުން ބަންދުކުރާނެކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.
މީގެކުރިން ކުރިންވެސް މި އިންސްޕެކްޝަން ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެފަހަރުގެ އިންސްޕެކްޝަނަށް ފަހުން އެޗްޕީއޭން ވިދާޅުވީ ގިނަ ތަންތަނުގައި މިންގަޑުތައް ހުރީ އެންމެ ރަގަޅަށް ނޫންކަމަށެވެ. އެޗްޕީއޭގެ އުސޫލްތަކާއި އެއްގޮތަށް އަމަލުކުރާކަން ފާހަގަވެފައިވަނީ ހާހެއްހާ ތަންކަމަށް މާލޭ ސިޓީން ކައުންސިލުން ކުރިން ވަނީ ހާމަކޮށްފައެވެ. މާލޭގެ މައި މާރުކޭޓުތައް ފިޔަވާ ދެން ހުރި ބައެއް ކުދި މާރުކޭޓްތަކުގެ ހާލަތު އެންމެ އެކަށޭނަ ގޮތުގައި ނެތްކަމަށާއި ބިދޭސީން އެކަނި މަސައްކަތް ކުރާ ތަންތަނުގެ ހާލަތު ދަށްކަން ސިޓީ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
މި އިންސްޕެކްޝަން ކުރިޔަށް ގެންދަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ ( އެޗްޕީއޭ ) އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ( އެމްއެފްޑީއޭ ) އާއި އިކޮނޮމިކް މިނިސްޓްރީ އާއި މާލެ ސިޓީ ކައުންސިލާއި ވެމްކޯއާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ ) އަދި ހުޅުމާލެ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ ) ގުޅިގެން ކުރިއަށްގެންދާ އިންސްޕެކްޝަނެކެވެ.