ޚަބަރު

ސްކޫލަށް ހާޒިރުނުވެ ކިޔެވުން ކުރިއަށްގެންދާނީ މާލެ ސިޓީގެ ސްކޫލްތަކުގައި އެކަނި


ކުރިއަށް އޮތް 2 ހަފްތާގައި ސްކޫލަށް ހާޒިރުނުވާގޮތަށް ކިޔެވުން ކުރިއަށްގެންދާނީ މާލެ ސިޓީ ސްކޫލްތަކުގައި އެކަނިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މާލެ ސިޓީގެ ސްކޫލްތައް ފިޔަވައި އެހެން ހުރިހާ ރަށެއްގެ ސްކޫލްތަކުގައިވެސް ކިޔެވުން ކުރިއަށްގެންދާނީ ދަރިވަރުން ސްކޫލަށް ހާޒިރުވެގެންކަމަށެވެ.

މާލެ ސިޓީ ސަރަޙައްދުގައި ސްކޫލަށް ދަރިވަރުން ހާޒިރުވެގެން ކިޔަވައިދިނުން މެދުކަނޑާލަން ނިންމީ މި ސަރަޙައްދުގައި ކޯވިޑް 19 ފެތުރޭ މިންވަރު އިތުރުވެފައިވާތީއާއެކު، ރައްކާތެރިވުމުގެ ފިޔަވަޅެއްގެގޮތުންނެވެ.

މިދުވަސްތަކުގައި މާލޭގައި ކިޔެވުން ކުރިއަށްގެންދާނީ އޮންލައިންކޮށް، ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ކޯވިޑާއި ގުޅިގެން 3 މަހެއްހާ ދުވަހު ސްކޫލްތައް ބަންދުކޮށްފައި އޮތުމަށްފަހު ސްކޫލްތައް ހުޅުވާފައިވަނީ މިދިޔަ ޖުލައި މަހުގެ 1ވަނަ ދުވަހުއެވެ. އެގޮތުން އަތޮޅުތަކުގެ ސްކޫލްތަކުގެ ގްރޭޑް 1އިން 12އަށް ކިޔަވައިދިނުމާއި، މާލޭ ސަރަޙައްދުގެ ސްކޫލްތަކުގެ ގްރޭޑް 9އިން 12އަށް ކިޔެވުން ކުރިއަށްގެންދިޔައެވެ.

އަދި މިމަހުގެ 16ގައި މާލެ ސިޓީގައި ސްކޫލަށް ހާޒިރުވެގެން ގްރޭޑް 7، 8 ގެ ދަރިވަރުން ކިޔެވުން ކުރިއަށްގެންދިއުމަށްވެސް ނިންމިއެވެ. ނަމަވެސް މި ގެނައި ބަދަލާއިއެކު މާލޭގެ ހުރިހާ ސްކޫލެއްގެ ހުރިހާ ގްރޭޑްތަކުގެ ދަރިންވަރުންނަށްވެސް ކުރިއަށް އޮތް 2 ހަފްތާގައި ސްކޫލަށް ހާޒިރުކޮށްގެން ކްލާސްތައް ނުގެންދިއުމަށްވަނީ ނިންމާފައެވެ.

ސްކޫލްތައް އަލުން ހުޅުވާފައިވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކާއެކުއެވެ. މިހާތަނަށް ސްކޫލް މާޙައުލުން ކޯވިޑްގެ މަދު ކޭސްތަކެއް ފެނިފައިވެއެވެ.

ޖަސް

ރާއްޖެތެރޭގައި ތިބަލި ނެތީ ތޯ؟ މާލެ އެކަނި ބަންދުތިކުރީ ރާއްޖޭގެ އެހެން ސުކޫލުތަކުގައި ބަލި ފެތުރުނަސް އެންމެ ރަނގަޅު ކަމަށް ބަލާފަ؟