ކޯވިޑް-19

ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން ވަގުތީ ބޯހިޔާވަހިކަން ދިނުން ހުއްޓާލަނީ


ކޯވިޑް-19 އާއި ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް ސަރުކާރުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުން ނިމުމަކަށް ގެނައުމަށް ނިންމާފައިވާކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ވިދާޅުވެއްޖެއެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ، ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން ހަމަޖައްސައިދިން ވަގުތީ ބޯހިޔާވަހިކަމުގައި މިވަގުތު ތިބީ އެއް ޢާއިލާއަކަށް ނިސްބަތްވާ 13 މީހުންކަމަށެވެ. އޭގެ ތެރޭގައި 4 ކުޑަކުދިން ހިމެނެއެވެ. މި ޢާއިލާގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ޙާލަތު ދެނެގަތުމަށް ހެދި އެސެސްމަންޓްތަކުން ޢާއިލާގެ އިޤުތިސާދީ ޙާލަތު ބަދަލުވެފައިވާކަން ހާމަވެފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެ ޢާއިލާއިން އަމިއްލަ ރަށަށް ދިއުމަށް އުޒުރުވެރިވުމުން، ދިރިއުޅުމުގެ ކަންކަން އަމިއްލައަށް ހަމަޖެއްސުމަށް އެ މިނިސްޓްރީން އެތައް ފަހަރެއްގެ މަތިން ޢާއިލާއަށް އަންގާފައިވާކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ސަރުކާރުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުން ނިމުމަކަށް ގެނައުމަށް ނިންމާފައިވުމުން، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ދެއްވާފައިވާ ޢިމާރާތް އެ މިނިސްޓްރީއަށް އަނބުރާ ޙަވާލުކުރުމުގެ މަސައްކަތްކުރަމުންދާކަމަށްވެސް ޖެންޑަރ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ކޯވިޑް-19އާ ގުޅިގެން، މި ބަލި ފެތުރޭ މިންވަރު ކޮންޓްރޯލްކުރުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން މާލެ ސަރަޙައްދު ފުރަބަންދުގެ ޙާލަތަށް ގެނައުމާއި ގުޅިގެން އަސާސީ ޙައްޤުތަކުން މަޙްރޫމުވެފައިވާ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ހޯދައިދީ، އެ ފަރާތްތަކުގެ އަސާސީ އަދި އިންސާނީ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް މެދުވެރިކޮށް އެފަދަ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ވަނީ ކޮށްފައެވެ.

އެގޮތުން މާލެ ސަރަޙައްދު ފުރަބަންދުކުރުމާ ގުޅިގެން 253 ފަރާތަކަށް ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ. އެއީ 103 ފިރިހެނުންނާއި 144 އަންހެނުން އަދި އެއްމަސް ނުފުރޭ 6 ތުއްތު ކުދިންނެވެ. މި ފަރާތްތަކަށް ބޭނުންވާ ކާބޯތަކެއްޗާއި، އަންނައުނާއި، ވަގުތީ ބޯހިޔާވަހިކަން ސަރުކާރުން ހަމަޖައްސައިދީފައިވެއެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ، މި ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައި ވަނީ އެފަރާތްތައް ނިސްބަތްވާ ރަށްރަށަށް ދިއުމަށް ނުވަތަ އެ ފަރާތްތައް އަމިއްލައަށް ދާއިމީ ބޯހިޔާވަހިކަމެއް ހޯދުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ވަގުތު ދިނުމުގެ ގޮތުން ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމަށްކަން އެ ފަރާތްތަކަށް ކުރިން އެންގުމަށްފަހުގައިކަމަށެވެ. އަދި މިނިސްޓްރީން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވަނީ އެ ފަރާތެއް ނިސްބަތްވާ ރަށަށް ދިއުމަށް ކޮންމެ ފަރާތަކުންވެސް އެއްބަސްވުމުންނެވެ.

އެގޮތުން މިހާތަނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވުނު 13 މީހަކު ފިޔަވައި އެހެން ހުރިހައި އެންމެން ހޯމް ކަރަންޓީންވުމަށް އެ މީހުން ނިސްބަތްވާ ރަށެއްގައި ނުވަތަ ދާއިމީ ހިޔާވައްސެއްގައި އިންތިޒާމުކުރެވިފައިވާކަމަށް ޖެންޑަރ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

މާލެ ސަރަހައްދުގެ ފުރަބަންދުގެ ޙާލަތަށް އެޗް.ޕީ.އޭގެ ފަރާތުން ލުއިތަކެއް ދިނުމާއި ސަރުކާރުގެ މުއައްސަސާތަކުން ކޯވިޑް-19އާ ގުޅިގެން ހިންގި ހަރަކާތްތައް ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ނިމުމަކަށް ގެނެސްފައިވާތީ، ވަގުތީ ހިޔާތަކުން ދެމުންގެދިޔަ ޚިދުމަތްތަކަށް ނިމުމެއް ގެނައުމަށް ނިންމާފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ވަގުތީ ހިޔާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ޢާއިލާއެއް ތިބުމާއެކު، އެ ޢާއިލާ ނިސްބަތްވާ ރަށަށް ދިއުމަށް އެދޭނަމަ، އެ ކަންކަން މިނިސްޓްރީން ހަމަޖައްސައިދޭނޭކަމަށާއި، އެ ނޫން ގޮތެއް ހަމަޖެއްސުމަށް ބޭނުންވާނަމަ، އެ ނޫން އިންތިޒާމެއް ހަމަޖެއްސުމުގެ ފުރުޞަތު މިއަދާ ހަމައަށްވެސް އެ ފަރާތްތަކަށް ދީފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

އަދި މިހާރު ވަގުތީ ހިޔާތަކުގައި ތިބި ފަރާތްތަކުގެ ތެރެއިން ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ "ޖޮބް ޕޯޓަލްގައި ރަޖިސްޓްރީކޮށް، އެ މިނިސްޓްރީން އެހީތެރިކަން ހޯދުމަށްވެސް ޖެންޑަރ މިނިސްޓްރީން ވަނީ އެ ޢާއިލާއަށް ލަފާއަރުވާފައެވެ.

މީގެ އިތުރުން، ދިގުމުއްދަތެއް ވަންދެން މާލޭގައި ދިރިއުޅުން ބިނާކޮށްފައިވާ ޢާއިލާތައް އެނބުރި ރަށަށް ދިއުމަށް އުޒުރުވެރިވާތީ، އެ ފަރާތްތަކަށް ވެދެވޭނެ އެހީތެރިކަމާއި ގުޅޭގޮތުންވެސް ކަމާގުޅޭ މުއައްސަސާތަކާ މަޝްވަރާކުރެވި، އެ ޢާއިލާތަކަށް ފޯރުކޮށްދެވޭނޭ އެހީތެރިކަމާމެދު ގޮތްތަކެއް ނިންމުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.