ތަރައްްޤީ

މި އަހަރަށް ރޭވި ކަންކަމުގެ ތެރެއިން %63 މަސައްކަތް ފަށާ ބައެއް މަސައްކަތް ކުރިއަށް: ޝައުނާ


ސަރުކާރުގެ "ސްޓްރެޓެޖިކް އެކްޝަން ޕްލޭން" އެސް.އޭ.ޕީގެ ތެރެއިން މިއަހަރަށް ރާވާފައިވާ ކަންކަމުގެ ތެރެއިން 63 އިންސައްތަ މަސައްކަތް ފަށާ އޭގެ ތެރެއިން 24 އިންސައްތަ މަސަައްކަތް ފުރިހަމަ ކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ ޕޮލިސީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ. ޝައުނާ ވިދާޅުވީ މިހާރުވެސް 39 އިންސައްތަ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ ޕޮލިސީ އާމިނަތު ޝައުނާ ވިދާޅުވީ، އެސް.އޭ.ޕީގެ ތެރެއިން ސަރުކާރުގެ 19 މިނިސްޓްރީން މިއަހަރަށް ކުރުމަށް ރާވާފައިވާ މަސައްކަތްތައް ކޯވިޑް-19 ގެ މި ޙާލަތުގެ ތެރެއިންވެސް ހުއްޓުމެއްނެތި ކުރިއަށްދާކަމަށެވެ.

ސްޓްރެޓެޖިކް އެކްޝަން ޕްލޭން، އެސް.އޭ.ޕީއަކީ މި ސަރުކާރުގެ 5 އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ތަރައްޤީގެ މިސްރާބު ހުންނާނެގޮތް ކަނޑައެޅުމަށްޓަކައި ތައްޔާރުކޮށްފައިވާ ސަރުކާރުގެ ޕޮލިސީ ފްރޭމްވޯރކް ހިމެނޭ ޕްލޭނިންގ ޑޮކިއުމަންޓެކެވެ. އެސް.އޭ.ޕީގައި ސަރުކާރުގެ މެނިފެސްޓޯ ވަޢުދުތަކާއި، އެކި އެކި ދާއިރާތަކުން މިހާރުވެސް ކުރަމުންދާ މުހިއްމު މަސައްކަތްތައް ހިމަނާފައިވެއެވެ. ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާޞިލުކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ މި ޕްލޭން ރަސްމީކޮށް އިފްތިތާޙްކޮށްފައި ވަނީ 2 އޮކްޓޯބަރ 2019 ގައެވެ. 2019 އިން 2023 ވަނަ އަހަރަށް އެކުލަވާލާފައިވާ މިޕްލޭން ބިނާކޮށްފައި ވަނީ މައިގަނޑު 5 ބަޔަކުން 33 ދާއިރާއަކަށް ބަހާލައިގެންނެވެ.

އެސް.އޭ.ޕީ މައިގަނޑުގޮތެއްގައި ބެހިފައިވާ ބައިތައް:

- ނޫ އިޤްތިޞާދު : މި ދާއިރާގައި ހިމެނެނީ އިޤްތިޞާދީ ލަނޑުދަނޑިތަކާއި، އެ ލަނޑުދަނޑިތައް ހާޞިލުކުރެވޭނެ ގޮތްތައް
- އޯގާތެރި ސަރުކާރު : މި ދާއިރާގައި ހިމެނެނީ އިޖްތިމާޢީ ކުރިއެރުމުގައި އިސްކަންދެވޭ ކަންކަން
- ފަޚުރުވެރި ޢާއިލާ : މި ދާއިރާގައި ހިމެނެނީ ތަފާތުކުރުންތައް ނައްތާލުމަށާއި، ހަވާސާވެފައިވާ އާބާދީތަކާ ގުޅިގެން އިސްކަންދެވޭ ކަންކަން
- ޖަޒީރާ ދިރިއުޅުން : މި ދާއިރާގައި ހިމެނެނީ މުޖުތަމަޢު ބިނާކުރުމާއި، ޚިދުމަތް ފޯރުކޮށްދިނުމުގައި އިސްކަންދެވޭ ކަންކަން
- ހެޔޮ ވެރިކަން : މި ބައިގައި ހިމެނެނީ ދައުލަތް ހިންގުމަށް ގެނެވޭ މުހިއްމު އިޞްލާޙުތައް


އެސް.އޭ.ޕީ އެކުލަވާލާ ޢަމަލު ކުރަން ފެށިތާ އެއް އަހަރުވެފައިވާއިރު، މި ޕްލޭންގެ ތެރެއިން ކުރެވުނު މުހިއްމު މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝައުނާ ވިދާޅުވީ، މިއީ ހަމައެކަނި ޢުމްރާނީ ތަރައްޤީގެ ދާއިރާއިން ކުރަން ރާވާފައިވާ ކަންކަން ހިމަނައިގެން އެކުލަވާލާފައިވާ ޕްލޭނެއް ނޫންކަމަށެވެ. އެހެންކަމުން ތަރައްޤީގެ އެކި މަޝްރޫޢުތަކާ އެކުއެކީގައިހެން ސަރުކާރުގެ ސިޔާސަތުތައް ހަރުދަނާކުރުމަށާއި އާއްމު ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ކުރިއެރުވުމަށްވެސް މުހިއްމު މަސައްކަތްތަކެއް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ، އެސް.އޭ.ޕީގެ ތެރެއިން މި އަހަރު ހިންގުމަށް ރާވާފައިވާ ހަރަކާތްތަކާއި މަޝްރޫޢުތަކުގެ ތެރެއިން މިހާތަނަށް 63 އިންސައްތަ މަސައްކަތް ފަށާ އޭގެތެރެއިން 24 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި ކޯވިޑް-19 ގެ މި ޙާލަތުގައިވެސް ސަރުކާރުގެ 19 މިނިސްޓްރީގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާކަމަށެވެ.

އެސް.އޭ.ޕީގެ ތެރެއިން މިއަހަރު ކުރަން ނިންމާފައިވާ ކަންކަމުގެ ތެރެއިން ޙާސިލުކުރެވުނު މިންވަރު:

- ނޫ އިޤްތިޞާދު : މި ދާއިރާއިން 494 ހަރަކާތެއް ހިންގުމަށް ނިންމާފައިވާއިރު %36 މަސައްކަތް ނިމި، %23 މަސައްކަތް ކުރިއަށްއެބަދޭ
- އޯގާތެރި ސަރުކާރު : މި ދާއިރާއިން 734 ހަރަކާތެއް ހިންގުމަށް ނިންމާފައިވާއިރު %15 މަސައްކަތް ނިމި، %51 މަސައްކަތް ކުރިއަށްއެބަދޭ
- ފަޚުރުވެރި ޢާއިލާ : މި ދާއިރާއިން 416 ހަރަކާތެއް ހިންގުމަށް ނިންމާފައިވާއިރު، %24 މަސައްކަތް ނިމި، %40 މަސައްކަތް ކުރިއަށްއެބަދޭ
- ޖަޒީރާ ދިރިއުޅުން : މި ދާއިރާއިން 1130 ހަރަކާތެއް ހިންގުމަށް ނިންމާފައިވާއިރު، %24 މަސައްކަތް ނިމި، %31 މަސައްކަތް ކުރިއަށްއެބަދޭ
- ހެޔޮ ވެރިކަން : މި ދާއިރާއިން ކުރަން ނިންމާފައިވާ ހަރަކާތްތަކުގެ ތެރެއިން %28 މަސައްކަތް ނިމި، %48 މަސައްކަތް ކުރިއަށްއެބަދޭ


2019 އިން 2023 އަށް އެކުލަވާލާފައިވާ އެސް.އޭ.ޕީގައި ހިމެނޭ ކޮންމެ ދާއިރާއަކަށް ބޭނުންވާ ސިޔާސަތުތަކާއި، އިސްތިރާޖުތަކާއި، ހަރަކާތްތަކުގެ އިތުރުން ކޮންމެ ދާއިރާއަކުން ޙާޞިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ވަރަށް ތަފްޞީލުކޮށް ހިމަނާފައިވެއެވެ. އަދި މި ޕްލޭންގައި ޤައުމީ ތަރައްޤީއަށް ބޭނުންވާ މަޝްރޫޢުތައް ތަރުތީބުކުރެވި، ދެލިކޮށް، ނަންބަރުޖެހި، މުއްދަތު ޖަހާފައިވެއެވެ.

އެސް.އޭ.ޕީ މުހިއްމުވާ މައިގަނޑު އެއްކަމަކީ ރާއްޖޭގެ ތަރައްޤީގައި ކުރިއަށްއޮތް 5 އަހަރު އިސްކަންދޭނެ ކަންކަން ސަރުކާރާއި، މިނިވަން މުޢައްސަސާތައް، ސަރުކާރު ހިއްސާވާ ކުންފުނިތައް، ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތައް އަދި އެހީ ދޭ ބޭރުގެ ފަރާތްތަކަށްވެސް އެނގި، އެ މަގަށް މިސްރާބު ޖެހުމަށް މަގުފަހިކޮށްދޭނެތީކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެގޮތުން އެސް.އޭ.ޕީގެ މައިގަނޑު އަމާޒަކީ މިކަންކަން ކުރުމުގައި އެންމެންވެސް އެއް ހަމައަކަށް ގެނެސްދިނުންކަން ސަރުކާރުން ފާހަގަކުރައްވައެވެ.