މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން އިންތިޒާމްކޮށްގެން ބޭއްވި 4 ވަނަ ފިޝްކޭމްޕް ނިންމާލައިފިއެވެ. ހއ. އަތޮޅު މަދަރުސާގައި މެރިން ސައިންސް ކިޔަވާ 33 ދަރިވަރުންވަނީ މިކޭމްޕް ފުރިހަމަކޮށްފައެވެ. އޯގަސްޓް 30 ވީ އާދީއްތަ ދުވަހުން ފެށިގެން ސްކޫލްގައި ކޭމްޕް ކޮށްގެން ކުރިއަށްގެންދިޔަ ހަރަކާތުގައި ފުރަތަމަ ކުރިއަށްގެންދިޔައީ މެރިން ސައިންސާގުޅޭ އެކި ޕްރެޒެންޓޭޝަން ތަކެވެ. ޕްރެކްޓިކަލް ހަރަކާތްތަކާއި އެކު ކުރިއަށްގެންދާ ފިޝްކޭމްޕްގެ ފުރަތަމަ ތަޖުރިބާއެއްގެ ގޮތުން ކޭމްޕްގެ ދެވަނަ ދުވަހު ދަރިވަރުން ކަނޑުމައްޗަށް ނުކުތީ ލޭނުމަސްވެރިކަން ޢަމަލީގޮތުން ތަޖުރިބާކުރުމަށެވެ. ނަމަވެސް މޫސުން ތަން ނުދިނުމާއި ބައެއްކުދިންގެ ސިއްހީހާލަތު ދެރަވުމުން ލޭނު ނާޅާ އަނބުރާ ރަށަށް ވަންނަން ޖެހުމުން ގިނަ ކުދިން ތިބީ މާޔޫސްވެފައެވެ.ކޭމްޕްގެ ތިންވަނަ ދުވަސް ވީ ބައިވެރިންނަށް ވަރަށްވެސް ތަފާތު ތަޖުރިބާއެއް ލިބުނު ދުވަހަކަށެވެ. މަހުން ތައްޔާރުކުރެވޭ ބައެއް ކާނާ އެކުދިން އަމިއްލައަށް ތައްޔާރުކޮށް، އެންމެ ރަނގަޅު ކެއުން ތައްޔާރުކުރި ގްރޫޕެއް ހޮވުން އެދުވަހުގެ މެންދުރު ކުރީގައި ކުރިއަށްގެންދިޔައެވެ. އަދި މެންދުރުފަހު މޫދުގެ އޮއިވަރު ބަލައި މޫދުގެ ބައެއް ދިރުންތަކުގެ ސާމްޕަލް ދަރިވަރުން ވަނީ ނަގާފައެވެ. ކޭމްޕްގެ ހަތަރުވަނަ ދުވަހު މެންދުރުކުރީގައި ކުރިއަށްގެންދިޔައީ އޮއިވާލި ކަނދުފައްޗާއި ގުޅޭ މަޢުލޫމާތު ދިނުމާއީ އޮޑިދޯނިފަހަރުގައި ބޭނުންކުރާ ނެވިގޭޝަނަލް އިކުއިޕްމެންޓާގުޅޭ މަޢުލޫމާތު ދިނުމެވެ. އަދި އެދުވަހުގެ މެންދުރު ފަހު ފަރުމަސް ބޭނުމުގެ ދަތުރުގައި ހުރިހާ ބައިވެރިން ޝަޢުޤުވެރިކަމާއެކު ވަނީ ބައިވެރިވެފައެވެ. މި ދަތުރުގައި ޒަމާނީ ލޭނުއެޅުން ކުރިއަށްގެންދާ ގޮތް ބައިވެރިންނަށް ވަނީ ދައްކާލާފައެވެ. ކޭމްޕްގައި ބައިވެރިވި ހުރިހާ ދަރިވަރުންވެސް ކޭމްޕް ނިންމާލާފައި ވަނީ ޝަޢުޤުވެރިކަމާއެކުއެވެ.ކޭމްޕް ނިންމާލުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރގެ ނާއިބު އަހުމަދު ހާފިޒު ވިދާޅުވީ އަދުގެ ސަރުކާރުން ސްކޫލްކުދިންނާއި ޒުވާނުންގެ ކުރިއެރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން މިފަދަ ކޭމްޕްތަކަކީ އެމަޤްސަދުގައި ކުރިއަށްގެންދާ ހަރަކާތްތަކެއް ކަމަށް ހާފިޒް ވިދާޅުވިއެވެ.މިނިސްޓްރީގެ ފަރާތުން މިހާތަނަށް މިފަދަ ތިން ކޭމްޕެއް ކުރިއަށްގެންގޮސްފައި ވާއިރު، މި ކޭމްޕަކީ އަތޮޅުތެރޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ބޭއްވި މިފަދަ ފުރަތަމަ ކޭމްޕެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ހާއްސަކޮށްގެން ބާއްވާ މިފަދަ ކޭމްޕެއް ގއ. ވިލިގިލީގައި މިއަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެފައިވާ ކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ.