ޚަބަރު

ރާއްޖެއަށް މިހާރަށްވުރެ ރަނގަޅު އީ-ގަވަމަންޓް ސިސްޓަމެއް ބޭނުންވޭ - މިނިސްޓަރ މަލީޙް


ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ދިނުމަށް މިހާރަށްވުރެ ރަނގަޅު އީ.ގަވަމަންޓް ސިސްޓަމެއް ރާއްޖެއަށް ތަޢާރަފްކުރަންޖެހޭކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މަލީޙް މިހެން ވިދާޅުވީ އދ.ގެ އެސްކެޕްގެ ފަރާތުން ބޭއްވި "ރީޖަނަލް ކޮންވަޒޭޝަން އޮން އެކްސެލެރޭޓިންގ ޑިޖިޓަލް ކަނެކްޓިވިޓީ" ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

"ރީޖަނަލް ކޮންވަޒޭޝަން އޮން އެކްސެލެރޭޓިންގ ޑިޖިޓަލް ކަނެކްޓިވިޓީ"ގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލް ވަނީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އައު ތަޖުރިބާތަކެއް ކުރެވި ގިނަ ކަންތައްތަކެއް ދަސްވިކަން ފާހަގަކުރައްވާފައެވެ. އެގޮތުން ސަރުކާރުން ދެމުން އަންނަ ޚިދުމަތްތައް މެދުނުކެނޑި ދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މުހިއްމުކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މިހާރަށް ވުރެ ރަނގަޅު އީ.ގަވަމެންޓް ނިޒާމެއް ރާއްޖެއަށް ތަޢާރަފްކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮންވެންޝަނަލް ޓެކްނޮލޮޖީ ދޫކޮށް ފަހުގެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ސަރުކާރުން ޢާއްމުނަށް ދެމުންދާ ޚިދުމަތްތައް އޮންލައިންކޮށް ލިބޭނެ ގޮތް ހަދަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެއްވެސް ޙާލެއްގައި ޢާއްމުނަށް ދައުލަތުން ފޯރުކޮށްދޭ ޚިދުމަތް ހުއްޓުމަކަށް ނައިސް ދެވޭނެ އިންތިޒާމު ހަމަޖައްސަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިކަން ކުރުމަށް މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ ހަރުދަނާ ނިޒާމެއް އެކުލަވާލަންޖެހޭކަމަށާއި އެކަން ޙާސިލުކުރުމަށް ޢަމަލީގޮތުން ގިނަ މަސައްކަތްތަކެއް ކުރަން ހުރިކަން މިނިސްޓަރ މަލީޙް ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި މިނިސްޓަރ މަލީޙްވަނީ ކޯވިޑް-19ގެ މިދަނޑިވަޅުގައި މިބަލިމަޑުކަމުން އަރައިގަތުމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސީދާ ބެއްލެވުމުގެ ދަށުން ކުރިއަށްގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ދެކުނު އޭޝިއާގެ ޤައުމުތަކަށް ބަލާއިރު ނިސްބަތުން ކޯވިޑް-19އަށް ޓެސްޓު ކުރެވޭ މިންވަރު އިތުރު ޤައުމެއްގެ ގޮތުގައި ރާއްޖެ ފާހަގަކުރެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިދަނޑިވަޅުގައިވެސް ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް މެދުނުކެނޑި ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މާލޭގެ އިތުރުން އަތޮޅުތައްވެސް ޑިޖިޓަލީ ގުޅާލަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ރީޖަނަލް ކޮންވަޒޭޝަން އޮން އެކްސެލެރޭޓިންގ ޑިޖިޓަލް ކަނެކްޓިވިޓީ" ބައްދަލުވުމަކީ ޑިޖިޓަލް އިންކްލޫޝަން އަދި އިނޮވޭޝަން ނުވަތަ ޓެކްނޮލޮޖީގެ ގޮތުން އެންމެ އެއްހަމަކޮށް އިންގިލާބީ ބަދަލަކާ ދިމާލަށް ދިޔުމަށް މަސައްކަތްކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. ރާއްޖޭގެ އިތުރުން މިބައްދަލުވުމުގައި އޭޝިއާގެ އެހެން ސަރަޙައްދުތަކުން އިސްވެރިންވަނީ ބައިވެރިވެފައެވެ. އެގޮތުން ޖަޕާނުގެ އެއިރޯސްޕޭސް އެކްސްޕްލޮރޭޝަން އޭޖެންސީއާއި ގޫގުލް އިން އޭޝިއާ ޕެސިފިކްގެ އިތުރުން އަލީ ބާބާ ގްލޯބަލައިޒޭޝަން އޮފީހުންވެސް ވަނީ ބައިވެރިވެފައެވެ.