ޚަބަރު

ޤާނޫނާއެކު މަތީ ތަޢުލީމުގެ ނިޒާމަށް އިތުބާރު ބޮޑުވެގެން ދާނެ - ހަޔަރ އެޑިއުކޭޝަން މިނިސްޓަރ


މަތީ ތަޢުލީމްގެ ޤާނުނުގެ ސަބަބުން ހުނަރުވެރި ފަންނުވެރި ޒުވާނުން މަސައްކަތުގެ ބާޒާރަށް ނެރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާޙިމް ޙަސަން ވިދާޅުވެއްޖެއެވެ.

މަތީ ތަޢުލީމުގެ ބިލާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީ އާއި ތަރިކައާ ބެހޭ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާޙިމް ޙަސަން ވިދާޅުވީ މި ބިލަކީ ދިވެހިރާއްޖޭގައި މަތީތަޢުލީމާއި ތަމްރީން ދިނުމުގެ އަސާސްތަކާއި އުސޫލުތައް ކަނޑައަޅައި ތަންފީޒްކުރުމުގެ މުހިއްމު މަޤްޞަދުގައި ފަރުމާކޮށްފައިވާ ބިލެއްކަމަށެވެ.

މި ބިލުގެ ސަބަބުން ރައްޔިތުންގެ މެދުގައި މަތީ ތަޢުލީމުގެ ނިޒާމަށް އިތުބާރު ބޮޑުވެގެން ދާނެކަމަށާއި ހުނަރުވެރި ފަންނުވެރި ޒުވާނުން މަސައްކަތުގެ ބާޒާރަށް ނެރުމަށް އިތުރު ބާރެއް ލިބިގެން ދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޕްރައިވެޓް ސެކްޓަރުން ހަޔަރ އެޑިޔުކޭޝަނަށްކުރާ އިންވެސްޓްމަންޓްތަކަށް ޤާނޫނީ ރައްކާތެރިކަން ލިބިގެންދާނެކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މި ބިލު ޤާނޫނަކަށް ބަދަލުވުމުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ޕްރައިވެޓް ޔުނިވަރސިޓީތައް އުފެއްދުމުގެ މަގު ފަހިވެގެން ދާނެކަމަށެވެ.

މި ބިލުގެ ސަބަބުން ދައުލަތުގެ ހިންގުން ހަރުދަނާވެ ޚަރަދު ކުޑަވެގެންދާނެތޯ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ތަޢުލީމީ ކަންކަމުގައި ލިބޭނެ މަންފާއާއި ފައިދާ ކުރު މުއްދަތެއްގެތެރޭގައި ފެންނަން ނުހުންނާނެ ކަމަށާއި ތަޢުލީމީ ކަންކަން ފައިސާއިން އަގުމަގު ކުރަން ދަތިވާނެ ކަމަށެވެ.

" ވަކިން ޚާއްޞަކޮށް އެމް.ކިޔު.އޭ ބާރުވެރިކުރުވުމަކީ މި ސަރުކާރުގެ ވަޢުދުތަކުގެ ތެރެއިން ވަޢުދެއް. އަދި، އެމް.ކިޔު.އޭ ކަހަލަ އިދާރާތައް ވަކި އިދާރާއެއްގެ ގޮތުގައި ހިންގުމަކީ ދުނިޔޭގެ ޤައުމުތަކުގައި އަމަލުކުރަމުން އަންނަ ބެސްޓް ޕްރެކްޓިސް."މިނިސްޓަރ އޮފް ހަޔރަ އެޑިއުކޭޝަން ޑރ.އިބްރާޙިމް ހަސަން ވިދާޅުވިއެވެ.

އެމް.ކިޔު.އޭ އާއި ޓިވެޓް އޮތޯރިޓީއާއި އަދި އަލަށް ޤާއިމް ކުރަން ހުށަހަޅާފައިވާ ރިސާޗް ކައުންސިލް ވަކިވަކި އިދާރާތަކުގެ ގޮތުގައި ހިންގުމުގެ އެންމެ ބޮޑު ބޭނުމަކީ އެ އިދާރާއެއްގެ މެންޑޭޓްގައިވާ ކަންކަން ވީހާވެސް މިނިވަން ވިސްނުމެއްގައި ހިންގުންކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ދައުލަތުގެ އެކިއެކި މުއައްސަސާތަކުގައި ތަފާތު އެކި ނަންނަމުގައި ޓްރަސްޓްފަންޑް ހަދާފައި ހުންނަކަމަށާއި ޤާނޫނުގައި އެކަން ހިމަނަން ބޭނުންފުޅުވާ ސަބަބަކީ ކޮބައިތޯ މެންބަރުން ސުވާލުކުރެއްވުމުން، މިނިސްޓްރީން ވިދާޅުވީ މިފަދަ ފަންޑަކަށް ޤާނޫނީ ބާރުވެރިކަން ދިނުމުގެ އެންމެ ބޮޑު ބޭނުމަކީ ސްޓޫޑެންޓް ލޯން ރިވޯލްވިންގ ފަންޑެއް ޤާއިމްކުރުންކަމަށެވެ.

އަދި ޤާނޫނީ ބާރުވެރިކަން ލިބިއްޖެ ނަމަ ތަޢުލީމީ ދާއިރާއަށް ޑޮނޭޓް ކުރަން ޝައުޤުވެރިކަން ހުންނަ ފަރާތްތަކުގެ ފަރާތުން ޑޮނޭޝަންގެ ގޮތުގައި ފަންޑަށް ފައިސާ ލިބުމުގެ ފުރުޞަތު ވަރަށް ބޮޑުކަމަށްވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.