ޚަބަރު

ކޯވިޑް-19 : އަނެއްކާވެސް އިތުރު 104 މީހަކު ޕޮޒިޓިވް


ރާއްޖޭން ކޯވިޑް-19 އަށް އިތުރު 104 މީހުން ޕޮޒިޓިވްވެ، ބަލި ޖެހުނު މީހުން ޖުމްލަ ޢަދަދު 7329 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އެންމެފަހުން ޢާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭ މާލެ ސަރަޙައްދު 102 މީހަކާއި، އަތޮޅު ތެރޭއިން 2 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަލަށް ޕޮޒިޓިވްވި މީހުން ތެރޭގައި ހިމެނެނީ 76 ދިވެހިންނާއި، ބަންގްލަދޭޝްގެ 22 މީހަކާއި އިންޑިއާގެ 5 މީހެއްގެ އިތުރުން ނޭޕާލުގެ އެކަކެވެ. 130 މީހަކު އަލަށް މި ބަލިން ރަނގަޅުވެފައިވާއިރު، ރާއްޖޭން ކޯވިޑް-19 އިން ރަނގަޅުވި މީހުންގެ ޢަދަދު މިހާރު ވަނީ 4691 އަށް އަރާފައެވެ.

ރާއްޖޭގައި ކޯވިޑް-19 ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 2610 އަރާފައިވާއިރު، 1434 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާ މީހުންގެ ޢަދަދު 180 އަށް ވަނީ އަރާފައެވެ. ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 28 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ 21 ދިވެހިންނާއި 7 ބިދޭސީންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1190 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި ތަކުރާރުކޮށް ނެގި ސާމްޕަލްތައް ހިމެނޭހެން މިހާތަނަށް ޓެސްޓްކުރުމަށް ނެގި ޖުމްލަ ސާމްޕަލްތަކުގެ ޢަދަކީ 108099 އެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، ގްރެޓަރ މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 32 ރަށަކުންނާއި، 15 ރިސޯޓަކުން ކޯވިޑް-19ގެ އެކްޓިވް ކޭސްތައް ފެނިފައިވާކަމަށެވެ. އަތޮޅުތަކުން 52 ދިވެއްސަކާއި، 7 ބިދޭސީއަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މި އެންމެނަށްވެސް ބަލިޖެހުނުކަން އެނގިފައިވަނީ ރަށުގައި 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރުމަށްފަހު ހެދި ރިލީޒް ސާމްޕަލްތަކުންނެވެ. ރިސޯޓުތަކުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 11 ފަތުރުވެރިއަކާއި، 19 މުވައްޒަފެކެވެ.