ޚަބަރު

މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ބޭނުންކުރެވޭ މުއްދަތު މިއަހަރުގެ ނިޔަލަށް އިތުރުކޮށްދީފި


މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ބޭނުންކުރެވޭ މުއްދަތު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން އަނެއްކާވެސް އިތުރުކޮށްދީފިއެވެ.

އެ ޑިޕާޓުމަންޓުން ވަނީ މުއްދަތު ހަމަވާ އައިޑީ ކާޑު މިއަހަރުގެ ނިޔަލަށް ބޭނުންކުރެވޭގޮތަށް ނިންމާފައެވެ. މިގޮތަށް މުއްދަތު އިތުރު ކުރިނަމަވެސް އޮންލައިންކޮށް ކާޑު ހެއްދުމަށް އެދި ހުށައެޅޭނެ ކަމަށް އެ ޑިޕާޓްމަންޓުން ވިދާޅުވެއެވެ.

މުއްދަތު ހަމަވެފައިވާ އައިޑީ ކާޑް ބޭނުންކުރުމުގެ ހުއްދަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ފުރަތަމަ ދީފައި ވަނީ މިދިޔަ ޖުލައި މަހުގެ ނިޔަލަށެވެ. އެއަށްފަހު އަނެއްކާވެސް މި މަހުގެ ނިޔަލަށް މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބޭނުން ކުރުމުގެ ހުއްދަ އެ ޑިޕާޓުމަންޓުން ވަނީ ދީފައެވެ. އެ ޑިޕާޓްމަންޓުން މުއްދަތު އިތުރުކޮށްދީފައި ވަނީ ކޯވިޑް-19 އާ ގުޅިގެން އައިޑީކާޑު ނެތުމުން، އައިޑީކާޑު މެދުވެރިކޮށް ދެވޭ އެކިއެކި ޚިދުމަތްތައް ނުލިބުމުގެ ޝަކުވާ ލިބެމުންދާތީ ވީހާވެސް ބޮޑަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުންނެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާއެކު މިމަސް ތެރޭގައިވަނީ އައިޑީކާޑު ހެއްދުމާއި އައުކޮށްދިނުމުގެ ޚިދުމަތަށް އޮންލައިންކޮށް ހުށައެޅޭނެ ގޮތް ހަމަޖައްސައިދީފައެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން، ޑީއެންއާރު އިން ވިދާޅުވީ އައި.ޑީ ކާޑު ހެދުމަށް އެދޭ ފަރާތްތަކުގެ ފަސޭހަ އާއި ރައްކާތެރިކަމަށްޓަކައި އައިޑީ ކާޑު ހެއްދުމަށް އެދި އެ އިދާރާގެ ވެބްސައިޓު (www.dnr.gov.mv) އިން ހުށަހެޅޭނެ ކަމަށެވެ. އަދި އައިޑީ ކާޑު ހެއްދުމަށް އެދޭ ފަރާތްތަކަށް ކާޑު ބަލައި އައުމަށް އެޕޮއިންޓުމަންޓެއް ހަމަޖައްސައި އެކަމާ ގުޅޭ މަޢުލޫމާތު ޚިދުމަތަށް އެދޭ އިރު ހުށަހަޅާފައިވާ ފޯނު ނަންބަރަށް ފޮނުވޭނެކަމަށެވެ.

ކާޑު ބަލައި ދާންޖެހޭނީ ކާޑުގެ ވެރިފަރާތެވެ. ވެރިފަރާތަށް ނުދެވޭނަމަ ފޯމު ހުށަހަޅާއިރު، ކާޑު ޙަވާލުކުރާނެ ފަރާތެއްގެ މަޢުލޫމާތާއި ސަބަބު ބަޔާންކޮށް، ވެރިފަރާތުގެ ސިޓީއެއް ފޮނުވަންޖެހޭނެ ކަމަށް ޑީއެންއާރުން ވަނީ ވިދާޅުވެފައެވެ.

ޑީއެންއާރުން ވިދާޅުވީ 18 އަހަރު ނުފުރޭ ކުދިންގެ ކާޑު ޙަވާލުކުރާނީ، އައި.ޑީ ކާޑު ހިފައިގެން އަންނަ އެ ކުދިންގެ ބެލެނިވެރީޔާއަށް ކަމަށެވެ.

މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބޭނުން ކުރެވޭ މުއްދަތު އިތުރުކުރި އިރު، ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުންގެ އިދާރާތަކުންދޭ ގިނަ ޚިދުމަތްތައް ވަނީ އޮންލައިންކޮށް ދޭން ފަށާފައެވެ.