ޚަބަރު

މިހާތަނަށް ލޯނަށް އެދުނު 8 މީޑިއާއަކަށްވާނީ ލޯނު ދޫކޮށްފައި - އެސް.ޑީ.އެފް.ސީ


މިހާތަނަށް ލޯނަށް އެދި ހުށަހެޅި 8 މީޑިއާއަކަށް ލޯނު ދޫކޮށްފައިވާކަމަށް އެސް.އެމް.އީ ފައިނޭންސް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެސް.ޑީ.އެފް.ސީން ވިދާޅުވެއްޖެއެވެ.

އެސް.ޑީ.އެފް.ސީން މިކަން ހާމަކުރައްވާފައިވަނީ އެ ކޯޕަރޭޝަންގެ އިސް ބޭފުޅުންނާއެކު މޯލްޑިވްސް މީޑިއާ ކައުންސިލުން ބޭއްވި ބައްދަލުކުރެއްވުމުގައެވެ. މިއަދު މޯލްޑިވްސް މީޑިއާ ކައުންސިލުގައި ބޭއްވި މި ބައްދަލުވުމަކީ އެސް.އެމް.އީ ފައިނޭންސް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މީޑިއާތަކަށް ދޫކުރާ ލޯނާ ގުޅޭ މައުލޫމާތު އޮޅުންފިލުވުމަށް ބޭއްވި ބައްދަލުވުމެއްކަމަށް މީޑިއާ ކައުންސިލުން ވިދާޅުވެއެވެ.

މި ބައްދަލުވުމުގައި އެސް.ޑީ.އެފް.ސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޒީނާދު ވިދާޅުވީ މިހާތަނަށް 8 މީޑިއާއަކަށް ލޯނު ދޫކޮށްފައިވާކަމަށެވެ. މީގެ ތެރޭގައި ކުދި މީޑިއާވެސް ހިމެނޭކަމަށާއި، މިހާތަނަށް ލޯނަށް ހުށަހެޅި ހުރިހާ މީޑިއާތަކަށް އެސް.ޑީ.އެފް.ސީން ލޯނު ދޫކޮށްފައިވާކަމަށް ޒިނާދު ވިދާޅުވިއެވެ.

ލޯނަށް އެދުމުގެ ފުރުޞަތު މިހާރުވެސް ހުޅުވާލަފައިވާއިރު ލޯނަށް އެދި ހުށަހެޅުމުގައި އަމަލު ކުރަންވީ އުޞޫލާއި، ލޯނަށް އެދި ހުށަހަޅާ ފޯމު އެސް.ޑީ.އެފް.ސީގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށްވެސް ޒިނާދު ވިދާޅުވިއެވެ.

ލޯނު ބޭނުންވާ މީޑީއާތަކުން ކަމާބެހޭ ލިޔެކިޔުންތައް ހަމަކުރުމަށްފަހު އެސް.ޑީ.އެފް.ސީއަށް ވީއެންމެ އަވަހަކަށް ހުށަހެޅުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ވަނީ ގޮވާލައްވާފައެވެ.