ޚަބަރު

މި ހިތްދަތިކަން ނިމުމަކަށް ގެންނާނީ އަހަރެން!


ރާއްޖޭގެ އެންމެ ބޮޑު އެއަރޕޯޓް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ފަޅަށް ހުރި ހަތަރު މަސްދުވަހުގެ ހަނދާންތައް އަދި ނުފޮހެވެއެވެ. އެއީ ރާއްޖޭގެ ޓޫރިޒަމްގެ 48 އަހަރުގެ ތާރީޚުގައި އެ އެއަރޕޯޓަށް ޓޫރިސްޓުން ނައިސް މާޒީވީ ހަމައެކަނި ދުވަސްތަކެވެ. ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ މައި ބަނދަރުގެ އެ ފަޅުކަން ދިވެހިންނަށް ގެނެސްދިނީ ކޮން ތަޖުރިބާއެއް ހެއްޔެވެ؟ އާއެނކެވެ. ފަގީރުކަމެވެ: މިއީ ޑިސެމްބަރު 31 ، 2019 އާ ޖެހެންދެން އަޅުގަނޑުމެން ދުށް ތަނަވަސް ރާއްޖެއެއް ނޫނެވެ: މިއީ އޭރުގެ ނިސްބަތުން މިހާރު ފަގީރު ގައުމެކެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުގައި ރާއްޖޭގެ އިޤްތިޞާދު ފުނޑުކޮށްލީ، ދުނިޔެއަށް މަޝްހޫރު އަދި ރީތި ރިސޯޓްތައް ބަންދުކޮށްގެންނެވެ. އެއީ، އެއްގޮތަކުން، އަހަންނާއި ތިބާ އާއި އޭނާގެ ދިރިއުޅުން ވެސް ބަންދުވުމެވެ. ރާއްޖޭގެ ހިތްގައިމު މާހައުލުން އުފާ ހޯދަން ޓޫރިސްޓުން ނާންނަހާ ހިނދަކު، ދިވެހިންނަށް އޮތީ ދަތި ދުވަސްތަކެކެވެ. ދިވެހި އިޤްތިޞާދަށް އޮތީ ބަނަކަމެވެ.

ކޯވިޑްއާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރީ، ތިން މަހެއްހާ ދުވަހުގެ ތެރޭގައި ބަލިން އަރައިގަނެ، އުފާވެރި ފެށުމަކަށް އުއްމީދުކުރަމުންނެވެ. އެ ބަލި މާލެ ސަރަހައްދުން ފެނުމާ އެކު ލޮކްޑައުންއަށް ގޮސް، ހޭދަކުރި ދެ މަސްދުވަހު، އެންމެންގެ ގުރުބާނީގެ ތެރެއިން ނަތީޖާ ހޯދިއެވެ. ބަލި ކޮންޓްރޯލްކުރިއެވެ. އެކަމަކު ލޮކްޑައުން ދޫކޮށް، އާންމުންނަށް ގެއިން ބޭރަށް ނުކުންނަން ލިބުނު ފުރުސަތާއެކު، މިހާރު މި އޮތީ ކުރިއަށް ވުރެ ވެސް ބޮޑު ނުރައްކަލެއްގެ ތެރޭގައެވެ.

ގިނަ މީހުންގެ ސަބަބަކުންނެއް ނޫނެވެ. މަދު ބައެއްގެ އަޅާލުން ކުޑަކަމުންނެވެ. މަދު ބައެއްގެ ބޯހަރުކަމުންނެވެ. އެކަމަކު އެމީހުންގެ އެ އުސޫލުތަކުން ގައުމުގެ ތަނަވަސްކަމަށް މިދަނީ ހުރަސް އެޅެމުންނެވެ. ބަލި ކޮންޓްރޯލްނުވެ، ސިއްހީ ނިޒާމް ފުނޑެމުންނެވެ.
މަށާއި ތިބާ އާއި އޭނާ ވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފަރުވާކުޑަކުރަނީ އެވެ. ބޭރުގައި ބޭކާރު ވަގުތު ހޭދަކޮށް، ކެއުންތަކާއި ކޮފީތަކާއި ބައްދަލުވުންތަކުގައެވެ. ކޮރޯނަވައިރަސް ހުރިކަން ނޭނގި، އެއް ބަޔަކު އަނެއް ބަޔެއްގެ ގަޔަށް އަރުވަމުން، އެ ވައިރަސް އުފުލައިދޭ މީހުން ގިނަކުރަމުގައެވެ. ތިމާއަށް ހުއްޓުވެން އޮތް ބައްޔެއް، ތިމާގެ ވެސް ފަރުވާކުޑަކަމުން، މައިތިރިނުވެ އޭގެ ތެރޭގައި ގައުމު ވެސް ފުނޑާލުމުގައެވެ. އުމުރުން ދުވަސްވީ މީހުންނާއި އެހެން ބަލިތަކުގެ މީހުންގެ ފުރާނަ ނުރައްކަލަށް ވައްޓާލުމުގައެވެ.

މިއީ ތަފާތު ގައުމެކެވެ. ދުނިޔޭގެ އެހެން ގައުމުތަކުން މިސާލު ނަގައިގެން މި ދިވެހިރާއްޖެއަށް ސަލާމަތެއް ނެތެވެ. ލޯ ހުޅުވާލަމާ ހިނގާށެވެ. މުއްސަނދި ސައުތު ކޮރެޔާގެ އާންމުން ވެސް ފަރުވާކުޑަކޮށްލިއެވެ. ކޮރޯނާވައިރަސްއާ ދެކޮޅު ފިޔަވަޅުތައް ހަނދާން ނައްތާލިއެވެ. ފައްޅިތަކުގައި ބޮޑެތި ޖަމާއަތްތައް ހެދިއެވެ. ބޭރުގައި ކެއުންތަކާއި ޕާޓީތައް ބޭއްވިއެވެ. އެކަމަކު މިއަދު، އެ ބުނާ "ދެ ވަނަ ރާޅު"ގައި، ވެރިރަށުގެ ސިއްހީ އެހީތެރިން ރޮއިގެންފިއެވެ. އިމަރޖެންސީ އެނދުތައް ހުސްވެ، ހާސްކަން އޭގެ ނިހާޔަތަށް ހިނގައްޖެ އެވެ.

ތަރައްގީވެފައިވާ ސްޕެއިން ނަގަމާ ހިނގާށެވެ. ފުރަތަމަ ރާޅުގައި ކުރި ހިތްދަތި ތަޖުރިބާއިން ސަލާމަތްވެ، އާންމު ހާލަތަކަށް ދިއައީ ކަމަށް ނިންމުނެވެ. އެކަމަކު ކޮރޯނާވައިރަސްގެ ބާރު ސްޕީޑް ހުއްޓުވުމުގެ ފިޔަވަޅުތަކާ ބައެއް މީހުން ދުރުވެގަތެވެ. މިއަދު ސިއްހީ ނިޒާމަށް އޮބިނޯވެ، ހޮސްޕިޓަލްތައް ފުރި، އިމަރޖެންސީ ފަރުވާ ގަޑުބަޑުވެއްޖެއެވެ. ވަސީލަތްތައް އިތުރުނުކޮށް، ސަލާމަތެއް ނެތް ކަމަށް ބުނެ، ސިއްހީ އެހީތެރިން، ސަރުކާރަށް އެ ގެންދަނީ އާދޭސްކުރަމުންނެވެ.

މިއިން ކޮންމެ ގައުމެއްގެ އިޤްތިޞާދު ވެސް ބިނާފައި އޮތީ، ދިވެހި ރާއްޖެ ގޮތަށް، ޓޫރިޒަމްގެ މައްޗަކަށް ނޫނެވެ. ސައުތު ކޮރެޔާގައި ޓޫރިޒަމްގެ ހިއްސާއަކީ ޖީޑީޕީގެ އެންމެ ފަސް ޕަސެންޓެވެ. ސްޕެއިންގެ ޖީޑީޕީގައި ޓޫރިޒަމްގެ ދައުރަކީ 11 ޕަސެންޓެވެ.

ރާއްޖެ އެހެން ހެއްޔެވެ؟ ރާއްޖޭގެ އިޤްތިޞާދުގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ޓޫރިޒަމްގެ ހިއްސާ އުޅެނީ 75 ޕަސެންޓަށް ވުރެ މަތީގައެވެ. މައިގަނޑު ގޮތެއްގައި ބޭރު ފައިސާ ވައްދަނީ ޓޫރިޒަމުންނެވެ. އެކަމަކު މިއަދު، ކޯވިޑް-19 ފެތުރުން ކޮންޓްރޯލްނުވުމުން، ޓޫރިޒަމް އިންޑަސްޓްރީގެ އުއްމީދުތައް އެދަނީ ފެނަން ވަމުންނެވެ. ތިން މަސް ފަހުން ހުޅުވޭނެ ކަމަށް ބެލި ގިނަ ރިޒޯޓްތައް އަދިވެސް ނުހުޅުވެއެވެ. ބައެއް ރިޒޯޓްތަކުން ބުނަނީ ނޮވެމްބަރުގެ ކުރިން ވިޔަފާރި ނުފެށޭނެ ކަމަށެވެ.

ނޮވެމްބަރާއި ޑިސެމްބަރަށް ވެސް، ޓޫރިޒަމް އިންޑަސްޓްރީ ކުރަނީ އުއްމީދެވެ. އެކަމަކު މާރޗު މަހު ކުރި އުއްމީދު ވެސް ފެނަންވެ، އިޤްތިޞާދު ވެއްޓެމުން ދާ ވަޅުގަނޑު ހައްތަހާ ފުންވަނީ އެވެ. އާނއެކެވެ: އެންމެ ހަ މަސްދުވަހުގެ ތެރޭގައި ސަރުކާރު ފަގީރުވެއްޖެ އެވެ. މުއްސަނދި މީހާގެ ޖީބު ހުސްވާން ފަށައިފިއެވެ. ގިނަ މުސާރަވެރިންގެ އާމްދަނީ ހުއްޓިއްޖެއެވެ. ދިިރިއުޅުން އެފުށް މިފުށަށް ޖެހިއްޖެއެވެ.

ވިސްނާށެވެ. ކޯވިޑް-19 ހިފާފައި މި އޮތީ މުޅި ގައުމުގައެވެ. އަހަރެމެން އެންމެންގެ ދިރިއުޅުމުގައެވެ. އެކަމަކު ބައެއް މީހުންނަށް، ޚާއްސަކޮށް ޒުވާނުންނަށް، އަދިވެސް ގަބޫލުނުކުރެވިގެން މި އުޅެނީ، މި ހިތްދަތި ހަގީގަތެވެ. ތިމާއަށް ކޯވިޑް ޖެހުނަސް، ނުރައްކަލެއް ނެތް ކަމަށް ހީކޮށް، އެހެން މީހުންގެ މަތިން ހަނދާން ނައްތާލައިފިއެވެ. މަޖާކޮށްލަން، ގްރޫޕް ހަދާފައި ނުކުމެ، ވައިރަހުގެ ތެރޭގައި ވަގުތު ހޭދަކުރަނީ ގައުމުގެ އިޤްތިޞާދު އޮތީ މަރު އެނދުގައިކަން ހަނދާން ނައްތާލާފައެވެ.

މި ފަރުވާކުޑަކަމުގައި ފާއިތުވާ ކޮންމެ ދުވަހެއް އަހަރެމެން އެ ކައިރިކޮށްދެނީ އަނދިރިކަމަކަށެވެ. އަތްމަތި ދަތި ދުވަސްތަކަކަށެވެ. ފަގީރު ކުރިމަގަކަށެވެ.

މިހާ ވަރުން ވެސް އަހަރެމެންނަށް ނުވިސްނިގެން މި އުޅެނީ ކޮން ކަމެއް ހެއްޔެވެ؟ ކޯވިޑް-19 ފެތުރޭ ބާރު މިން ނޭނގެނީ ހެއްޔެވެ؟ ސިއްހީ އެހީތެރިންނާއި ފްރޮންޓްލައިންގެ މަސައްކަތްތެރިންގެ ގުރުބާނީ އިހުސާސްނުވޭ ހެއްޔެވެ؟ ސިއްހީ ނިޒާމް ފުނޑެމުން ދާ ވާހަކަ އަޑެއް ނާހަން ހެއްޔެވެ؟ އެއަރޕޯޓަށް އަދިވެސް ދިރުން ނާންނަކަން ނުފެނޭ ހެއްޔެވެ؟ ރިޒޯޓްގައި ބަންދުވެގެން ތިބެ، ޓޫރިސްޓުންނަށް ޚިދުމަތް ފޯރުކޮށްދީ، ގައުމުގެ އިޤްތިޞާދު ދިރުވޭތޯ ނުކުމެ އެތިބި އަހަރެމެންގެ އަޚުންނާއި އުޚުތުން ނުދެކެން ހެއްޔެވެ؟ ސޯޝަލް މީޑިއާގެ އަހުލުވެރި ބަޔަކަށް ވިޔަސް، އެ މައުލޫމާތު ނުހޯދައި، އަދިވެސް މުނިފޫހިފިލުވަނީ ހެއްޔެވެ؟

އަހަންނާއި ތިބާ އާއި އޭނާ ވެސް ވިސްނާށެވެ. ހަގީގަތުގައި މިއަދު ގައުމުގައި އުފާވެރިކަމެއް ނެތެވެ. ކިތައްމެ ނޫން ކަމަށް ހެދިގެން އުޅުނަސް، މަޖާގަނޑުން ނުކުމެ ސިކުނޑި ހަމަޖެހިލާ އިރު ފެންނަނީ ކޯވިޑް-19ގެ ހިސާބުތަކެވެ. އިވެނީ ކޮންޓްރޯލް ނުވާ ވާހަކަ އެވެ. ހޮސްޕިޓަލް އެނދުތައް ފުރޭ ޚަބަރުތަކެވެ. ކޮންމެވެސް ފުރާނައެއް ގެއްލިއްޖެކަމުގެ އިއުލާނެވެ.

އޮތީ ދެ ގޮތެކެވެ. ކޯވިޑް-19ގައި ހަލާކުވެ ދިއުމެވެ. ނުވަތަ "ކޯވިޑް ހުއްޓުވަން އަހަރެން ނުކުތުމެ"ވެ. އާނއެކެވެ. އެ ބާރު އޮތީ "އަހަރެންގެ އަތުގަ"އެވެ. ހަމަ މިވަގުތު އަޒުމް ކަނޑައަޅާށެވެ.
މި ހިތްދަތިކަން ނިމުމަކަށް ގެންނާނީ އަހަންނެވެ.
..........

އެޑިޓަރގެ ނޯޓް: މިއީ ކޯވިޑް-19 ހުއްޓުވުމަށް ދިވެހި މީޑިއާއިން އިސްނަގައިގެން ކުރިއަށްގެންދާ ޤައުމީ ކެމްޕެއިންގެ ދަށުން ގެނެސްދީފައިވާ ރިޕޯޓެކެވެ.