ޚަބަރު

އޭ.އައިގެ އެހީގައި ހަކުރު ބަލީގެ ރިސްކުބޮޑު ބަލިމީހުން ހޯދަނީ


އަރޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ހަކުރު ބަލީގެ ހައި ރިސްކް ބަލިމީހުން ފަސޭހައިން ހޯދޭނެ ގޮތުގެ މަސައްކަތް ފަށާފައިވާކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލަޖީ މުޙައްމަދު މަލީޙް ޖަމާލު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ކޮމަންވެލްތްގެ ފަރާތުން ބޭއްވި ޔޫތް ޓެކް އެންޑް އޭ.އައި ސަމިޓްގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވަނީ ކޯވިޑް-19ގެ މި ހާލަތުގައިވެސް އާއްމުންގެ ސިއްހީ ހާލަތާއި ޒާތީ މައުލޫމާތު ރައްކާތެރިކުރުން ވަރަށް މުހިއްމުކަން ފާހަގަކުރައްވާފައެވެ. އަރޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި މުޖުތަމައަށް މަންފާ ހުރި ކަންތައްތައްވެސް ކުރެވެން އެބަހުރިކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އޭ.އައި އާއި މެޝިން ލަރނިންގ އަށް ހާއްސަކޮށްގެން 2 ޓްރެއިނިންގ މަރުކަޒު ޤާއިމު ކުރުމަށް ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ކަނޑައަޅާފައިވާކަމަށެވެ.

ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ކުރިއެރުމަށް އޭ.އައިގެ ދައުރު ވަރަށް މުހިއްމު ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިގޮތުން ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ރައްކާތެރިކަމުން ފެށިގެން ހަކަތައިގެ ބޭނުންތަކަށްވެސް މި ޓެކްނޯލޮޖީ މުހިއްމު ކަމާއި މޫސުމަށް އަންނަ ބަދަލުތަކުގައިވެސް އޭ.އައި ފަދަ ޓެކްނޯލޮޖީތަކުގެ އެހީގައި ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރެވިދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިއަދު އޭ.އައި ހަލުވިކަމާއެކު އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގައި ބޭނުންކުރެވޭ އެއްޗަކަށް ވަމުން އެބަދޭ. އުއްމީދަކީ އޭ.އައިގެ އެހީގައި އާއްމު މީހާގެ އަޑު ހަރުވެ، އިންސާނީ ހައްގުތަކުގެ އިމުގެ ތެރެއިން އޭ.އައިގެ ޙިދުމަތްތައް ފޯރުކޮށްދެވުން މި އުއްމީދު ހާސިލްކުރުމަށް މިވަގުތު ގޮންޖެހުންތައް ހުރިކަމުގައި ވީނަމަވެސް އެންމެން ގުޅިގެން މި އުއްމީދަށް ވާސިލިވުމަށް މަސައްކަތް ކުރަން ޖެހިފައިވޭ."މިނިސްޓަރ މަލީޙް ވިދާޅުވިއެވެ.

އޭ.އައި އެތިކްސް އާއި ބެހޭ ނޭޝަނަލް އަދި ސަބްނޭޝަނަލް ޕޮލިސީ ކަރުދާސްތައް ކިތަންމެ ގިނަކަމުގައި ވީނަމަވެސް ދިވެހިރާއްޖެ ފަދަ ކުޑަ ޖަޒީރާ ޤައުމެއްގެ ކަންބޮޑުވުންތަކުގައި ގޮތް ކަނޑައެޅިފައި މިފަދަ ޕޮލިސީތަކުގައި ނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގެ މާހައުލާއި ގުޅޭ މިފަދަ ޕޮލިސީ ޕްރޭމްވޯކް އެއް ހެދުމުގެ މަސައްކަތް ކުރަމުންއަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.