ޚަބަރު

ކޯވިޑް-19 : ގައްދޫގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ޕޮޒިޓިވްވެ އޭނާ އާއި ބައްދަލުވި މީހުން ހޯދަނީ


މާލެއިން ގައްދޫއަށް ގޮސް ހޯމްކަރަންޓީންގައި ހުރި ބިދޭސީއަކު، އިއްޔެ ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފަށައިފި އެވެ.

ގައްދޫ ކައުންސިލުން ވިދާޅުވީ، ގައްދޫން ކޯވިޑަށް، ޕޮޒިޓިވްވި އެމީހާއި އެހެން މީހުންނާއި ބައްދަލުވެފައިވޭތޯ ބެލުމަށް މިހާރު މައްސަކަތްކުރަމުންދާކަމަށެވެ. މިކަމާއި ގުޅިގެން ކޯވިޑް-19 ގައްދޫ ޓާސްކްފޯސް އިން ވަނީ ކޮންޓެކްޓް ޓްރޭސިންގ ނިމެންދެން ތަންތަނުގައި ގިނަ މީހުން އެއްވެ ނޫޅުމާއި ފިހާރަތަކަށް ވަދެ އުޅުމުގައިވެސް ގައިދުރުކަން ބެހެއްޓުމާއިއެކު އެއްފަހަރާ 3 މީހުންނަށްވުރެ ގިނަ މީހުން ފިހާރައަށް ނުވަނުމާއި އަދި ހުރިހާ ވަގުތެއްގައިވެސް މާސްކު އަޅައިގެން ނޫނީ ނޫޅުމަށް އިލްތިމާސް ކޮށްފައެވެ.

މިދަނޑިވަޅުގައި ހުރިހާ ރައްޔިތުންވެސް ސިއްޚީ ފަރާތްތަކުންނާއި ގައްދޫ ކައުންސިލް އިދާރާ އާއި ގައްދޫ ކޯވިޑް-19 ޓާސްކްފޯހުން އަންގާ އެންގުންތަކަށް ފުރިހަމައަށް އެއްބާރުލުންދީ ސަމާލުވެލެއްވުމަށް ވަނީ ދަންނަވާފައެވެ. އަދި ވަކިން ޚާއްސަކޮށް ހޮޓާތަކާއި ކެފޭތަކުގައި ވެސް ގައިދުރުކަން ބަހައްޓައިގެން ނޫނީ ނުތިއްބެވުމަށާއި މާސްކް އަޅައިގެން ތިއްބެވުމަށް ކައުންސިލުން ވަނީ ދަންނަވާފައެވެ. މިއީ ގައްދޫ އިން ކޯވިޑްގެ ކޭހެއް ފެނުނު ފުރަތަމަ ފަހަރެވެ.

ރާއްޖެއިން ކޯވިޑް-19އަށް މިހާތަނަށް 9568 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން 1452 މީހުންނަށް މިހާރު ފަރުވާދެމުން ދާއިރު މީގެ ތެރެއިން ހޮސްޕިޓަލުގައި 106 މީހުންނަށް ދަނީ ފަރުވާދެމުންނެވެ. މިހާތަނަށް 8077 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، ގްރޭޓަރ މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 21 ރަށަކުންނާއި، 27 ރިސޯޓަކުން ކޯވިޑް-19ގެ އެކްޓިވް ކޭސްތައް ފެނިފައިވާކަމަށެވެ. ރިސޯޓުތަކުން 18 ފަތުރުވެރިއަކަށާއި، 39 މުވައްޒަފަކަށް މި ބަލި ޖެހިފައިވާކަމަށްވެސް އެ އެޖެންސީން ވިދާޅުވިއެވެ.