ސިޔާސީ

ނަޝީދުގެ މައްސަލައިގައި ބިރުދެއްކިޔަސް، ޖެހިލުމެއް ނުވޭ - ރައީސް


ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލައިގައި ދެވެން އޮތް ހުރިހާ ލުޔެއް ސަރުކާރުން ދެއްވިކަމަށާއި، ނަޝީދުގެ ބިދޭސީ ވަކީލުންގެ ޓީމުން ރާއްޖެއާއި މެދު ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް މަސަކަތް ކުރާނެކަމުގެ އިންޒާރުދިން ނަމަވެސް، އެކަމާއި ސަރުކާރުން އެއްވެސް ޖެހިލުމެއް ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކެމްޕެއިން ލީޑަރުން ތަމްރީންކުރުމުގެ މަހާސިންތާގެ ދެވަނަ ބުރު ނިންމުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ، ކުރީގެ ރައީސް  ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލުހުކުމެއް އިއްވުމަކީ ޝަރުއީ ނިޒާމުން ނިންމި ނިންމުމަކަށް ވާތީ، އެކަމުގައި އެމަނިކުފާނަށް ކޮށްދެއްވޭނެ މާބޮޑު ކަމެއް ނެތްކަމަށެވެ. ނަމަވެސް އެކި ފަރާތްތަކުގެ އެދުމުގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ނަޝީދަށް އިސްތިއުނާފް ކުރެވޭނެ ގޮތެއް ހޯދައިދެވޭތޯ ސަރުކާރުން މަސައްކަތް ކޮށްދެއްވި ކަމަށާއި، އެފުރުސަތު ނަންގަވާލެއްވީ އެމަނިކުފާނު އަމިއްލަފުޅަށް ކަމަށްވެސް ރައީސް ޔާމިން ވިދާޅުވިއެވެ.އެހެންކަމުން މިހާރު ރައީސް ނަޝީދު މިނިވަން ނުކޮށްފިނަމަ ރާއްޖެއާއިމެދު ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް މަސައްކަތްކުރާނެކަމުގެ އިންޒާރު ބޭރުގެ ވަކީލުން ދިނުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި، އެކަމާއި ސަރުކާރުން އެއްވެސް ޖެހިލުމެއް ނުވާކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.އަދި ރާއްޖެއަކީ ޑިމޮކްރެޓިކް ހަމަތަކާ އުސޫލުތަކުގެ މަތިން މިނިވަން ޤައުމެއްކަމަށާއި، ރާއްޖޭގެ ދާޚިލީ ކަންކަމާއި ބޭރުގެ ފަރާތްތަކަށް ނުބެހެވޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.ރައީސް ޔާމިން ވިދާޅުވީ މިޤައުމުގައި ސިޔާސީ ކުށްވެރިން ނުތިބޭނެކަމަށާއި، ކޮންމެ ފަރާތަކުންވެސް ކުށެއްކޮށްފިނަމަ، އެ ކުށަކަށް ޤާނޫނީ އިމުގެ ތެރެއިން ހައްޤު އަދަބު ލިބިގެންދާނެކަމަށެވެ.