ދުނިޔޭގެ ވިޔަފާރި

މަނީ ލޯންޑަރިންގެ އަމަލުތައް ހިންގުމުގައި ދުނިޔޭގެ ބޮޑެތި ބެންކުތަކުގެ ދައުރު ބޮޑު!


ފިންސެން ނުވަތަ އެމެރިކާގެ ފައިނޭންޝަލް ކްރައިމް އެންފޯސްމަންޓް ނެޓްވޯކަކީ މާލީ ކަންކަމުގެ ތެރެއިން ޖީނާއީ ކުށްކުރާ ފަރާތްތައް ހޯދާ، އެކަމާ ދެކޮޅަށް މަސައްކަތްކުރާ އެމެރިކާގެ ރަސްމީ އިދާރާއެވެ. އެމެރިކާ ޑޮލަރު ބޭނުންކޮށްގެން ޖިނާއީ އެއްވެސް ކުށެއް ކުރާނަމަ، ނުވަތަ ކުށެއް ކުރަން އުޅޭކަން ޝައްކުވިޔަސް، ފިންސެންއަށް ބެންކުތަކުން އެމަޢުލޫމާތު ފޮނުވަންޖެހެއެވެ. އެއީ އެމެރިކާއިން ބޭރުގައި ހިންގާ މުޢާމަލާތަކަށްވިޔަސް އެކަން ފިންސެންއަށް އަންގަންޖެހެއެވެ. ބެންކުތައް ޝައްކުކުރެވޭ މިފަދަ މުޢާމަލާތްތަކާ ބެހޭ މަޢުލޫމާތު ފިންސެންއަށް ފޮނުވަނީ ސަސްޕިޝަސް އެކްޓިވިޓީ ރިޕޯޓެއްގެ ގޮތުގައެވެ.

ދުނިޔޭގެ ބައެއް ނަން މަޝްހޫރު ބޮޑެތި ބެންކުތަކުން މަނީ ލޯންޑަރިންގއަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަން ހާމަވެފައިވަނީ، ބެންކުތަކުންނާއި ބައެއް މާލީ އިދާރާތަކުން އެމެރިކާގެ ފައިނޭންޝަލް ކްރައިމް އެންފޯސްމަންޓް ނެޓްވޯކް، ފިންސެންއަށް ފޮނުވާފައިވާ މިފަދަ ރިޕޯޓްތަކެއް ލީކްވުމާ ގުޅިގެނެވެ. ލީކްވި ލިޔެކިޔުންތައް މަޝްހޫރު މީޑިއާތަކަށް ލިބިފައިވާއިރު، އެލިޔެކިޔުންތަކުން ވޭތުވެދިޔަ 20 އަހަރު ތެރޭގައި ބެންކުތައް މެދުވެރިކޮށް މަނީ ލޯންޑަރިންގ އަމަލު ހިންގައިގެން، 2 ޓްރިލިއަން ނުވަތަ 2000 ބިލިއަން ޑޮލަރު އެކި ފަރާތްތަކަށް ޓްރާންސްފަރކޮށްފައިވާކަން ސާބިތުވެއެވެ.

މީޑިއާތަކަށް ލީކްވެފައިވާ ލިޔެކިޔުންތަކުގައި 2000 ވަނަ އަހަރުން 2017 ވަނަ އަހަރުގެ ނިޔަލަށް އެކިއެކި ބެންކުތަކުން އެމެރިކާގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވާފައިވާ 2500 އެއްހާ ލިޔެކިޔުން ހިމެނެއެވެ. މި ލިޔެކިޔުންތަކުގައި ޓްރާންސްސެކްޝަންތަކުގެ މަޢުލޫމާތު ހިމަނާފައިވާއިރު، އޭގައި ޝައްކުވާފަދަ ގިނަ ކަންތައްތަކެއް ހުރިކަން ބެންކުތަކުން ފާހަގަކޮށްފައިވެއެވެ.

އާއްމު ގޮތެއްގައި ކުށްކޮށްގެން ހޯދާ ކަޅު ފައިސާ، ޞައްހަ ފައިސާއަށް ބަދަލުކުރުން ނުވަތަ މަނީ ލޯންޑަރކުރުމުގައި ބެންކުތަކުގެ ދައުރު ބޮޑެވެ. ކަޅު ފައިސާގެ އިތުރުން، ބައެއް ޤައުމުތަކުން ފިޔަވަޅު އަޅާފައިވާ ފަރާތްތަކުންވެސް ޤާނޫނާ ޤަވާއިދާ ހިލާފަށް ފައިސާގެ މުއާމަލާތްތައް ކުރުމުގައިވެސް މިފަދަ އުކުޅުތައް ބޭނުންކުރެއެވެ. މިސާލަކަށް ޤައުމަކުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ހުރި ރަޝިޔާގެ މީހެއްގެ ފައިސާ ހުޅަނގުގެ ޤައުމަކަށް ފޮނުވަންވެސް މަނީ ލޯންޑަރިންގ އަމަލުތައް ހިންގައެވެ. މިފަދަ ކަންކަމަށް ސަމާލުވެ، އެކަންކަން ހުއްޓުވުމަށް ބެންކުތަކުގެ ވަރަށް ބޮޑު ޒިންމާއެއް އޮވެއެވެ. ހަމައެކަނި ކަމާބެހޭ ފަރާތްތަކަށް ރިޕޯޓެއް ފޮނުވުމުގެ ބަދަލުގައި، ބެންކު ޓްރާންސެކްޝަންތަކުގައި ބޭނުންކުރަނީ ކާކުގެ ކިހިނެތް ހޯދި ފައިސާއެއްތޯ ބެންކުން ބަލަންޖެހެއެވެ. އަދި ޝައްކުވާފަދަ ކަމެއް ހިނގާނަމަ އެކަން ރިޕޯޓްކުރުމުގެ އިތުރުން، އެކަން ހުއްޓުވަންވެސް ޖެހެއެވެ.

ނަމަވެސް އެންމެފަހުން ލީކުވެފައިވާ ލިޔެކިޔުންތަކުން ކަޅު ފައިސާގެ މުއާމަލާތްތައް ހިންގާއިރުވެސް ބެންކުތަކުން އަޅާނުލާ ދޫކޮށްލާފައި އޮތްކަން ވަރަށް ބޮޑަށް ހާމަވެފައިވާކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެގޮތުން ކަޅު ފައިސާގެ ގޮތުގައި ބެލެވޭ 2 ޓްރިލިއަން ޑޮލަރު މިފަދަ މުޢާމަލާތްތަކުގެ ތެރެއިން އެއް ތަނުން އަނެއް ތަނެއް ފޮނުވުމުގައި ބެންކުތަކުގެ ދައުރު ބޮޑުކަން މި ލިޔެކިޔުންތަކުން ހާމަވެއެވެ.

ލީކުވެފައިވާ ލިޔެކިޔުންތަކުން ހާމަވާ ގޮތުގައި އެޗްއެސްބީސީއާއި ޖޭޕީ މޯގަން އާއި ބާކްލޭސްފަދަ ބެންކުތަކުން ވަނީ މަނީ ލޯންޑަރިންގެ މިފަދަ އެތައް ކަމަކަށް އެހީތެރިވެދީފައެވެ. އެގޮތުން ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން އެނގިހުރެ، އެތައް މިލިއަން ޑޮލަރެއް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ޓްރާންސްފަރކުރުމަށް އެޗްއެސްބީސީން ވަނީ އެހީތެރިވެދީފައެވެ. އަދި މަޝްހޫރު ޖޭޕީ މޯގަން ބެންކުން ވަނީ ކާކުގެ ފައިސާކަން ނޭނގޭ 1 ބިލިއަން ޑޮލަރު ލަންޑަންގެ އެކައުންޓަކުން އެހެން ތަނަކަށް ޓްރާންސްފަރކޮށްދީފައެވެ. ފަހުން އެނގުނު ގޮތުގައި އެފައިސާއަކީ އެމެރިކާގެ އެފްބީއައިން ހޯދަމުންދިޔަ މީހެއްގެ ފައިސާއެވެ. އަދި ޖަރުމަނުގެ މަޝްހޫރު ޑޫޝޭ ބެންކުންވެސް ޓެރަރިޒަމާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ފައިސާ ލޯންޑަރކުރުމުގައި އެހީތެރިވެދީފައިވެއެވެ. މިބެންކުތަކުގެ އިތުރުންވެސް ދުނިޔޭގެ މަޝްހޫރު އެތައް ބެންކެއްގެ ތެރޭގައި ހިނގާފައިވާ މިފަދަ އެތައް ކަމެއް ލީކުވެފައިވާ ލިޔެކިޔުންތަކުން ވަނީ ހާމަވެފައެވެ.

މިތުހުމަތުތަކާ ގުޅޭގޮތުން ބެންކުތަކުން ރަސްމީކޮށް މިހާތަނަށް އެއްވެސް ވާހަކައެއް ދައްކާފައެއްނުވެއެވެ. ބައެއް ބެންކުތަކުން ބުނީ ޝައްކުވާ ފަދަ އަމަލެއް ފާހަގަކުރެއްވިޖެނަމަ ކަމާބެހޭ ފަރާތްތަކަށް އެކަން ހުށަހަޅާފައިވާނޭކަމަށެވެ.

ފިންސެންގެ ލިޔެކިޔުންތައް ލީކުވުމާ ގުޅިގެން ފިންސެންއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ފިންސެންއިން ބުނީ މިކަމުގެ ސަބަބުން އެއިދާރާއިން ތަހުޤީޤްކުރަމުންދާ މައްސަލަތަކަށް ގިނަ ހުރަސްތަކެއް ކުރިމަތިވާނޭކަމަށެވެ. ނަމަވެސް މަނީ ލޯންޑަރިންގއާ ދެކޮޅަށް އެ އިދާރާއިން ކުރަމުންދާ މަސައްކަތްތަކަށް ބަދަލުތަކެއް ގެންނާނެކަމަށްވެސް ފިންސެންއިން ބުނެއެވެ.