ދުނިޔޭގެ ވިޔަފާރި

އިންޑިއާގައި ކުރާ ވިޔަފާރި ހުއްޓާލަން ހާލީ ޑޭވިޑްސަންއިން ނިންމައިފި


މޮޓޯސައިކަލް އުފައްދާ މަޝްހޫރު ކުންފުނި، ހާލީ ޑޭވިޑްސަންއިން އިންޑިއާގައި ކުރަމުންދާ ވިޔަފާރި ހުއްޓާލުމަށް ނިންމައިފިއެވެ.

ޚަބަރުތައް ބުނާގޮތުން ހާލީ ޑޭވިޑްސަންއިން ވަނީ އިންޑިއާގައި އެކުންފުނީގެ ސައިކަލް އުފެއްދުން ހުއްޓާލުމުގެ އިތުރުން، އިންޑިއާގައި އެކުންފުނީގެ ސައިކަލްތައް ވިއްކުންވެސް މަދުކުރުމަށް ނިންމާފައެވެ. އެގޮތުން އިންޑިއާގައި އުތުރު ހުންނަ އެކުންފުނީގެ ސައިކަލް އުފައްދާ ކާރުހަނާ ބަންދުކުރުމަށް މިހާރު ވަނީ ނިންމާފައެވެ.

އިންޑިއާއަކީ ދުނިޔޭގެ އެންމެ ބޮޑު ސައިކަލް ވިޔަފާރީގެ މާކެޓެއްވާއިރު، ހާލީ ޑޭވިޑްސަންއިން އެ މާކެޓް ދޫކޮށްލުމަށް ނިންމީ އިންޑިއާއިން ނަގާ ޓެކްސްތައް ބޮޑުވުމުންކަމަށް ޚަބަރުތައް ބުނެއެވެ. ހާލީ ޑޭވިޑްސަންގެ އިތުރުން ކާރު އުފައްދާ މަޝްހޫރު ކުންފުނި ޓޮޔޯޓާއިންވެސް ވަނީ އިންޑިއާގައި އިތުރަށް ވިޔަފާރި ފުޅާނުކުރާނޭކަން ވަރަށް ފަހުން ހާމަކޮށްފައެވެ. އަދި 2017 ވަނަ ޖެނެރަލް މޮޓޯސްވެސް ވަނީ އިންޑިއާގައި ކުރާ ވިޔަފާރި ހުއްޓާލާފައެވެ. މީގެއިތުރުން މަޝްހޫރު ފޯޑް ކުންފުނިންވެސް ވަނީ އިންޑިއާގައި ކުރާ ވިޔަފާރި ކުޑަކުރުމަށް ނިންމާފައިވާކަން މިދިޔަ އަހަރު ހާމަކޮށްފައެވެ.

އިންޑިއާއިން ނަގާ ޓެކްސްތައް ބޮޑުވެގެން ބޮޑެތި ކުންފުނިތައް އެޤައުމާ ދުރަށްދާން ފަށާފައިވާއިރު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ އިންޑިއާއިން ނަގާ ޓެކްސްތައް ބޮޑުކަމަށް ބުނެ އެކަމަށް ފާޑު ވިދާޅުވެފައެވެ. އެ ޝަކުވާތަކާ ގުޅިގެން އިންޑިއާއިން ވަނީ ޓެކްސްތަކުން ބޮޑު ބައެއް އުނިކޮށްފައެވެ. ނަމަވެސް އެވަރުންވެސް ހާލީ ޑޭވިޑްސަން އާއި އިތުރު ކުންފުނިތަކަށް އިންޑިއާގައި މާކެޓްގައި ވާދަކުރުމަށް ދަތިތައް ކުރިމަތިވާކަމަށް ޚަބަރުތައް ބުނެއެވެ.

އިންޑިއާގައި އަހަރަކު 17 މިލިއަން ސައިކަލާއި ސްކޫޓަރު ވިއްކާއިރު، ހާލީ ޑޭވިޑްސަންއަށް ވިއްކެނީ ގާތްގަނޑަކަށް 3000 ސައިކަލެވެ. އިންޑިއާގެ އަމިއްލަ ބްރޭންޑެއްކަމަށްވާ ހީރޯއާއި ޖަޕާނުގެ ހޮންޑާއަކީ އިންޑިއާގައި ސައިކަލް މާކެޓްގައި އެންމެ މަޤްބޫލް ސައިކަލްތައްކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.