ސްކޫލް ކުދިންނަށް އިންޓަރނެޓް ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން 1500 ޑޮންގުލް ގަނެދޭނެ ބަޔަކު ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން އިޢުލާންކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ޑޮންގުލް ހޯދުމަކީ ޔުނިސެފްގެ އެހީގައި ސަރުކާރުން ހޯދާ ވަސީލަތެއްކަމަށެވެ. އަދި ޑޮންގްލް ގަތުމަށް އިކޮނޮމިކް މިނިސްޓްރީގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ މި މަޝްރޫއުއަށް ބިޑް ހުށައެޅުމުގެ ފުރުޞަތު އަންނަ އަންގާރަދުވަހާ ހަމަޔަށް ހުޅުވާލާފައެވެ. އަދި ބީލަން ހުޅުވުން އޮންނާނީ އަންނަ ހަފުތާގެ އަންގާރަ ދުވަހުއެވެ. މި މަޝްރޫޢުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 5000 ރުފިޔާ ހުށައަޅަންޖެހޭކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
އޮންލައިންކޮށް ކިޔަވައިދިނުން ކުރިއަށްގެންދިއުމަށްޓަކައި ކޮންމެ ދަރިވަރަކަށް އިންޓަނެޓް ޑޮންގްލްއެއް ދިނުމާ ގުޅޭގޮތުން މުއާސަލާތީ ޚިދުމަތްދޭ ކުންފުނިތަކާއެކު މަޝްވަރާކުރައްވަމުން ގެންދަވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ކޯވިޑް-19ގެ ސަބަބުން ސްކޫލްތައް ބަންދުކުރަން ޖެހުމާ ގުޅިގެން އޮންލައިންކޮށް ކިޔަވައިދޭން ފެށިނަމަވެސް ގިނަ ދަރިވަރުންނަށް އިންޓަރނެޓް ލިބުމުގައި ދަތިތަކެއް ދިމާވަމުންދާތީ މި ދަތިކަން ހައްލުކުރުމަށްޓަކައި ކޮންމެ ދަރިވަރަކަށް ޑޮންގްލްއެއް ދިނުމަށް ވިސްނަމުންދާކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ދަރިވަރުންނަށް ބޭނުންކުރެވޭނީ ކޮން ވަސީލަތެއްތޯ ބެލުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދިޔަ ދިރާސާގައި 70000 ދަރިވަރުންގެ ތެރެއިން 51000 ދަރިވަރުންގެ ފަރާތުން ޖަވާބު ލިބުނު ކަމަށް އެމިންސްޓްރީން ވިދާޅުވިއެވެ. އޭގެ ތެރެއިން 70 އިންސައްތަ ދަރިވަރުންގެ ގޭގައި އިންޓަރނެޓްގެ ޚިދުމަތް ލިބެން ހުރިއިރު 15000 ދަރިވަރުންނަށް އެ ޚިދުމަތް ނުލިބެއެވެ.
އޭޕްރީލް މަހުގެ މެދުތެރޭގައި މާލޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެން ފެށުމާއެކު ސްކޫލްތައް ބަންދުކުރުމަށްފަހު އަލުން ހުޅުވާފައިވަނީ ޖުލައި މަހުގެ 1 ވަނަ ދުވަހުއެވެ. ސްކޫލްތައް ބަންދުކުރުމާއެކު ދަރިވަރުންނަށް ކިޔަވައިދެމުން އައިސްފައިވަނީ އޮންލައިންކޮށެވެ. އަދި މިހާރުވެސް ދަރިވަރުންނަށް އަންނަނީ އޮންލައިންކޮށް ކިޔަވައިދެމުންނެވެ.