ސިޔާސީ

ޕްރެޝަރ ކުރިޔަސް ސަރުކާރުން ނުކުރާނެ ކަންތައް ހުންނާނެ - ރައީސް


އެކިއެކި ގޮތްގޮތުން ގިނަގުނަ ޕްރެޝަރތަކެއް ކުރިމަތި
ކުރުވިނަމަވެސް ސަރުކާރުން ނުކުރާނެ ކަންތައްތަކެއް ހުންނާނެ ކަމަށް
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ
މިހެން ވިދާޅުވީ، ޕީޕީއެމާއި ގުޅިވަޑައިގެންނެވި ބައެއް ކައުންސިލަރުންނާއި
އިދިކޮޅު ބައެއް އެކްޓިވިސްޓުންގެ ފޯމާއި ހަވާލުވެވަޑައިގެންނެވުމަށް މުލިއާގޭގައި
މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.



އިދިކޮޅު އެމްޑީޕީން ހިންގާ ބައެއް ހަރަކާތްތަކާއި
ބޭރުގެ ފަރާތްތަކާއި ގުޅިގެން ކުރިއަށްގެންދާ އެކި އެކި ކަންކަމަށް
އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ ޓުއަރިޒަމް
ބޮއިކޮޓްކުރުމާއި ދިވެހިން ބޭރުޤައުމުތަކަށް ދަތުރުކުރުމުގައި ދަތިކުރުމަށް
ގޮވާލުންފަދަ ކަންކަމުން ވާނެ ފައިދާއެއް ނެތް ކަމަށާއި، އެފަދަ ކަންކަމުން
ޤައުމަށް ލިބޭނީ ގެއްލުން ކަމަށެވެ. އަދި އެފަދަ ކަންކަމަކީ ސިޔާސީ ޕާޓީތަކުގެ
މަޤްސަދާއި ހިލާފު ކަންކަން ކަމަށްވެސް ރައީސް ޔާމިން ވިދާޅުވިއެވެ. ރައީސް
ވިދާޅުވީ ޤާނޫނީ އިމުގެ ތެރެއިން ކުރަމުންގެންދާ
މަސައްކަތެއް، ކުރިމަތި ކުރުވާ ފިއްތުމެއްގެ
ސަބަބުން ޤާނޫނާއި ހިލާފަށް ކުރުމަކީ ސަރުކާރުން
ނުކުރާނެ ކަމެއް ކަމަށެވެ.



ރައީސް ވިދާޅުވީ ސަރުކާރުގެ ކޯލިޝަނާއި ނުގުޅި ތިބޭ
ހުރިހާ ޕާޓީތަކަކީ ސަރުކާރާއި އިދިކޮޅު ޕާޓީތަކަށް ވާން ނުޖެހޭކަމަށެވެ. އަދި
ސިޔާސީ ޕާޓީތަކުންވެސް ސަރުކާރަކުން ކުރާ ރަނގަޅު ކަމެއް ނަމަ ބަލައިގަންނަން
ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހަމައެހެންމެ ސަރުކާރަކުން ރައްޔިތުންނަށް
ހިދުމަތްތަކެއް ކޮށްދެމުން ގެންދާއިރު އެކަންކަމަށް ދަތިކުރުމަކީ ޒިންމާދާރު
އިދިކޮޅު ސިޔާސީ ޕާޓީއެއްގެ މަޤްސަދަކަށް ވެގެން ނުވާނެ ކަމަށް ރައީސް ޔާމިން
ވިދާޅުވިއެވެ.



ރައީސް ޔާމިން ވިދާޅުވީ ޕީޕީއެމަކީ އިދިކޮޅު
ޕާޓީއެއްގެ ގޮތުގައި ވެސް އަދި ވެރިކަންކުރާ ޕާޓީގެ ގޮތުގައިވެސް މަޤުސަދު
ހިފަހައްޓައި ނަމޫނާ ދައްކަމުންގެންދާ ޕާޓީއެއް ކަމަށެވެ. ޕީޕީއެމާއި މިއަދު
އަލަށް ގުޅިފައިވަނީ ރ އަތޮޅަށް ނިސްބަތްވާ 3 ކައުންސިލަރަކާއި ކ. ތުލުސްދޫ
ކައުންސިލްގެ ރައީސާއި ނައިބު ރައީސްއެވެ.