ޚަބަރު

ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު ނޮވެމްބަރަށް އިތުރުކޮށްފި


ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު އެއްމަސްދުވަހަށް ދަމަހައްޓައިފިއެވެ.

ޢާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނުނުގެދަށުން، މުޅި ރާއްޖޭގައި ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކާލުގެ ޙަލަތު އިޢުލާންކޮށްފައިވަނީ މިއަހަރުގެ މަރޗްމަހުގެ 12ވަނަ ދުވަހުއެވެ. އެއީ ދުނިޔޭގައި ފެތުރެމުންއައި ކޯވިޑް19ބަލި ރާއްޖެއިން ފެނި، ރިސޯޓަކުން މީހަކު ބައްޔަށް ޕޮސިޓިވްވުމާއި ގުޅިގެންނެވެ.

ހެލްތް މިނިސްޓްރީއިން އަނެއްކާވެސް މިވަނީ އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އަނެއްކާވެސް ދަމަހައްޓާފައެވެ. ހެލްތް މިނިސްޓްރިއިން ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ މި މުއްދަތު އަންނަ ނޮވެމްބަރު މަހުގެ 5ވަނަ ދުވަހާ ހަމައަށް ދަމަހައްޓާފައިވާކަމަށެވެ.

މިނިސްޓްރީ އޮފް ހެލްތު ހިންގެވުމާ ވަގުތީ ގޮތުން ޙަވާލުވެހުންނެވި، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ސޮއިކުރައްވައި ނެރުއްވާފައިވާ ބަޔާނުގައި ވިދާޅުވީ، މުއްދަތު އިތުރުކޮށްފައިވަނީ ކޯވިޑް-19ބަލި ފެތުރުުމުގެ ނުރައްކާ އަދިވެސް ރާއްޖެއަށް އޮތުމުންކަމަށެވެ. އެގޮތުން 12މަރޗްގައި އިޢުލާންކުރި ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ދަމަހައްޓާފައިވަނީ ބައްޔަށް އޮތް ނުރައްކާ ކުޑަކޮށް، ރައްޔިތުންގެ ސިއްޙަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ލަފާދެއްވާފައިވާތީކަމަށްވެސް އެބަޔާނުގައިވެއެވެ.

އެއްމެ ފަހުން އާއްމުކުރި އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު މިއަދަށް ހަމަވާނެއެވެ. މި ޙާލަތު މިހާތަނަށް 7ފަހަރެއްގެމަތިން މިވަނީ ދަމަހައްޓާފައެވެ.

އާއްމު ރޯގާއެއްގޮތަށް ފެތުރެމުން އައި ކޯވިޑް-19 ބަލި، މުޅި ދުނިޔެއަށް ފެތުރި "ޕެންޑަމިކް"އެއްގެ ގޮތުގައިވަނީ އިޢުލާންކޮށްފައެވެ. ރާއްޖެއިން ފުރަތަމަ ކޭސްތައް ފެނުނީ ރިސޯޓްތަކުން ނަމަވެސް، މާލޭ ސަރަޙައްދުން ބަލި ފެނުމާއިއެކު، މުޖުތަމަޢުގެތެރޭގައި ބަލި ފެތުރޭކަމަށްވަނީ ނިންމާފައެވެ. މިހާތަނަށް އައިރު ރާއްޖެއިން ދިހަ ހާސް ފަސް ސަތޭކައަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވެފައެވެ. މީގެތެރޭގައި އަތޮޅުތަކުންވެސް ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ.