ޚަބަރު

ފިޔަވަތިން 8 ކުއްޖަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ


ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓަމުން އަންނަ ފިޔަވަތިން 8 ކުއްޖަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ.

އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ ހުޅުމާލެ ފިޔަވަތިން މިދިޔަމަހުގެ 30 ވަނަ ދުވަހު ކުދިން ބަލަހައްޓާ މީހެއްގެ ކިބައިން ބަލީގެ އަލާމަތްތަކެއް ފެނިގެން ސާމްޕަލްނަގައި ޓެސްޓު ކުރި އިރު އެމީހާ މިމަހުގެ 1 ވަނަ ދުވަހު ޕޮޒިޓިވްވެފައިވާކަމަށެވެ. ޑރ.ނަޒްލާ ވިދާޅުވީ އެމީހާ ޕޮޒިޓިވް ވުމާއެކު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތުގެ ދަށުން 54 ކޮންޓެކްޓުން ދެނެގަނެވުނުކަމަށާއި 19 ސާމްޕަލް ނަގާފައިވާކަމަށެވެ.

އަދި ކޯވިޑް-19 އަށް ޓެސްޓުކުރުމަށް ނެގި ސާމްޕަލްތަކުން މިމަހުގެ 4 ވަނަ ދުވަހު 1 ކުއްޖަކާއި 1 ކެއަރޓެކާ ވަނީ ޕޮޒިޓިވްވެފައެވެ. ނަޒްލާ ވިދާޅުވީ މިމަހުގެ 5 ވަނަ ދުވަހު ނެގި ރެންޑަމް ސާމްޕަލްތަކުން 7 ކުއްޖަކާއި 3 ކެއަރޓޭކަރ އެއްވެސް ޕޮޒިޓިވްވެފައިވާކަމަށެވެ. މިއަދުވެސް 1 ކެއަރޓޭކަރ ވަނީ ޕޮޒިޓިވްވެފައެވެ.

"ޕޮޒިޓިވްވެފައިވަނީ އެންމެ ތުއްތު ކުދިންނެއް ނޫން. ފިޔަވަތިން ޕޮޒިޓިވްވި ކުދިންނާއި މުވައްޒަފުން މިހާރު ފެސިލިޓީސްތަކަށް ގެންގޮސްފައިވަނީ. ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކާ ފިޔަވަޅުތައް އެޅިފައިވޭ." ޑރ. ނަޒްލާ ރަފީޤް ވިދާޅުވިއެވެ.

ފިޔަވަތިން ކުދިންތަކަކާއި މުވައްޒަފުންތަކެއް ޕޮޒިޓިވްވުމާ ގުޅިގެން ޖެންޓަރ މިނިސްޓްރީން ވަނީ އެތަނުގައި ތިބި ކުދިންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޗްޕީއޭގެ ލަފާގެ މަތިން އަޅަމުންދާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.