ކުޅިވަރު

އައްޑޫ ސިޓީގައި ޕްރެޒިޑެންޓްކަޕް އިތުރަށް ޕްރޮމޯޓްކުރަން ޖެހިފައި




ޕްރެޒިޑެންޓްކަޕް އައްޑޫ ސިޓީއާއި ކުޅުދުއްފުއްޓަށް
ބަދަލުކުރުމަކީ ކުއްލި ނިންމުމެކެވެ. މަޖުބޫރީ ބަދަލެކެވެ. ނަމަވެސް ގިނަ ކޯޗުން
ފާހަގަކުރި ގޮތުގައި ހެޔޮ ބަދަލެކެވެ. މާލެއަށްވުރެ ފުޓްބޯޅައިގެ ފޯރި މިވަގުތު
ގަދައީ އަތޮޅުތެރޭގައިކަމަށް ވުމުންނެވެ. އެހެންކަމުން ބެލެވުނީ ނުވަތަ
ޤަބޫލުކުރެވުނީ ފޯރިގަދަ، ސަޕޯޓަރުންގެ ބައިވެރިވުން ބޮޑު މުބާރާތަކަށް މިފަހަރުގެ
ޕްރެޒިޑެންޓްކަޕް ވާނެކަމަށެވެ.



ނަމަވެސް އައްޑޫ ސިޓީން ފެންނަނީ
އެމަންޒަރެއްނޫނެވެ. އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ އައްޑޫ ފުޓްބޯޅަ
ސްޓޭޑިއަމްގައި ކުޅުނު ފުރަތަމަ ދެމެޗުންވެސް ފެނުނީ ފަޅުކަމެވެ. ފޯރިއެއްނެތެވެ.
ސަޕޯޓަރުންގެ އަޑުވެސް ވަރަށް މަޑެވެ. ނަމަވެސް ރާއްޖޭގެ އެންމެ ޒަމާންވީ ބޮޑު
ތިން ކްލަބްގެ ތެރެއިން ދެ ކްލަބް އެދަނޑުގައި ކުޅެފިއެވެ. ވިކްޓްރީއާއި
ވެލެންސިޔާއެވެ. އެންމެ ބާރަށް ކުރިއަރަމުން އަންނަ މިހާރު ބޮޑު ދެކްލަބްވެސް
ކުޅެފިއެވެ. މާޒިޔާއާއި އީގަލްސްއެވެ.



އެހެންކަމުން މުބާރާތް އިތުރަށް ޕްރޮމޯޓްކުރަން
މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަން ކަށަވެރެވެ. އައްޑޫ ސިޓީގެ އެއްވެސް
ދިމާލަކުން މުބާރާތުގެ ބެނއަރއެއް، އިޝްތިހާރެއް، ބިލްބޯޑެއްވެސް
ފެންނާކަށްނެތެވެ. މާޒިޔާގެ ކޯޗު އަލީ ސުޒޭން ޤަބޫލުކުރާގޮތުގައި މިއީވެސް
ސަޕޯޓަރުންގެ އަދަދު މަދުވުމުގެ އެއް ސަބަބެވެ.



" ގިނަ މީހުނަކަށް ނޭންގޭ ކަންނޭގެ، މުބާރާތް
މިތާ ކުޅޭކަމެއް. ބެނައރއެއް އެއްޗެސްވެސް ފެންނާކަށް ނެތް. އެންމެ ކުޑަމިނުން
ސްޓޭޑިއަމް ކައިރިން ލިންކްރޯޑުން ދާ މީހަކަށްވެސް ނޭންގެ ދަނޑުގައި މުބާރާތެއް
ކުޅޭކަމެއް. އެދިމާލުގައި ބެނަރއެއް ދަމާލާފައި ހުރި ނަމަވެސް ކޮންމެވސް ވަރެއް
ވާނެ. " ސުޒޭން ބުންޏެވެ.



ދަނދަށް ވަދެ ތިބި މަދު ސަޕޯޓަރުންގެ ވިސްނުންވެސް
ހުރީ މިހެންނެވެ.



" ތިވާހަކަ މިދައްކަނީ. ގިނަ މީހުންނަކަށް
ނޭންގޭ. އަނެއްކާ ފޭދޫން، މަރަދޫން 120 ރުފިޔާ ދީފައި މެޗު ބަލަން އަންނަން
ޖެހުމަކީވެސް މީހުން މަދުވާ ސަބަބެއް. " ދަނޑުގައި މެޗު ބަލަން ތިބި
ދެމީހަކާއި ސުވާލުކޮށްލުމުން އެތަނުން އެކަކު ބުންޏެވެ.



އީގަލްސްގެ ކޯޗު އިހުސާން އަބުދުލްޣަނީގެ
ކަންބޮޑުވުމަކީވެސް ސަޕޯޓަރުންގެ އަދަދު މަދުވުމެވެ.



" މުބާރާތް އޮންނަކަން ގިނަ މީހުނަކަށް
ނޭންގޭ. އަހަރެމެން ފެނުނީނަމަވެސް އެބަ އަހާ ކީއްހޭ މިކޮޅޫގައި ތިކުރަނީ. "
އިހުސާން ބުންޏެވެ.



މިކަމަށް ހައްލެއް ގެނައުމަށް އެފްއޭއެމްގެ އައްޑޫ
ގޮފިން މިހާރު ވަނީ ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް ފަށާފައެވެ. އެކަން
އެފަރާތްތަކުގެ ސަމާލުކަމަށްވެސް ވަނީ އައިސްފައެވެ.



" މުބާރާތުގެ ޝެޑިއުލާއި އެނޫންވެސް
މައުލޫމާތު ހިމެނޭ ކަރުދާސްތަކެއް މިރޭ އައްޑޫ ސިޓީގެ އެކި ރަށްތަކަށް ބަހާނެ.
ޕްރޮމޯޓްކުރުމުގެ ކަންތައްތަކެއް މިފެށުނީ. ނަމަވެސް ދަތުރު ފަތުރު ހަމަޖެއްސުމަކީ
ފަސޭހަކަމެއްނޫން. އަންނަ ހުކުރު ދުވަހު މިނިވަން ފަންސާސް ޗެމްޕިއަންޝިޕް
ފެށުމަކީވެސް ސަޕޯޓަރުންގެ އަދަދު މަދުވާ ސަބަބެއް. އެމުބާރާތުގެ ސަބަބުން
މިމުބާރާތުގެ ފޯރިއަށް އެބަ ހިޔަނި އެޅޭ. އެމުބާރާތަށް ރަށްތަކުން ސަޕޯޓަރުން ދޭ
ސަމާލުކަން ބޮޑުވުމުން." އެފްއޭއެމް އައްޑޫ ގޮފި ހިންގެވުމާއި ހަވާލުވެ
ހުންނެވި އަހުމަދު ޝަރީފް ( ޑުންގާ ) ބުންޏެވެ.



މާދަމާ
އަލުން މެޗުތައް ފަށާއިރު މިއީ ހައްލުކުރަން ޖެހޭ، އިތުރު ސަމާލުކަން ދޭން
ޖެހިފައިވާ ކަމެކެވެ. އެންމެ ޝަރަފްވެރި މުބާރާއި އުތުރާއި ދެކުނުގައި ކުޅޭއިރު
ސަޕޯޓަރުންނަށް އެކަން އެނގެން ޖެހެއެވެ. މުބާރާތުގެ ހައިބަތު ވިސްނެންޖެހެއެވެ.
ފުޓްބޯޅައިގެ ޒަމާންވީ ކްލަބްތައް ހުސް ދަނޑުގައި ކުޅެން ޖެހުމަކީ ވިސްނަންޖެހޭކަމެކެވެ.