ޚަބަރު

50 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެތީ، މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި


ރާއްޖޭގެ ބޮޑުބަޔަކަށް މޫސުންގޯސްވެ ވިއްސާރަކުރާނެތީ، މޫސުމަށް ޚާއްސަ ސަމާލުކަމެއްދިނުމަށް މޫސުމާބެހޭ ޤައުމީ އިރާދާއިން އިލްތިމާސްކުރައްވައިފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ރާއްޖޭގެބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، 2 ފަހަރު މަތީން ޔެލޯ އެލަރޓް ނެރެފައެވެ. މިއަދު ހެނދުނު ނެރުނު އެލާޓްގެ ވަގުތު ހަމަވެ އިތުރު ސަރަހައްދުތަކަށްވެސް މިހާރު ވަނީ ޔެލޯ އެލާޓް ނެރެފައެވެ. މިއަދު 3 ޖެހުމާއި ހަމައަށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރަފައިވަނީ ށ.އަތޮޅުން ފެށިގެން ތ.އަތޮޅާއި ހަމައަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ވައިޓް އެލަރޓް ނެރެފައިވާ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުންވެސް އެކަށީގެންވާކަމަށެވެ. އަދި ގަޑިއަކު 25 މޭލާއި، 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން ވިދާޅުވެފައިވެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ބައެއް ހާދިސާތައްވެސް މިއަދު ވަނީ ހިނގާފައެވެ. މޫސުމާއިބެހޭ އިދާރާއިން މޫސުން ގޯސްވާނެކަމަށް ލަފާކުރުމާއި ގުޅިގެން އެމްއެމްޑީއެފްއިން ވެސް ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.