ޚަބަރު

ވެންޓިލޭޓަރު މައްސަލާގައި ޕީޖީގެ ނިންމުމުގެ ތަފްސީލް މިއަދު 1 ޖަހާއިރު ހާމަކުރަނީ


ކޯވިޑް-19އާ ގުޅިގެން ދުބާއީ ކުންފުންޏަކުން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރި 75 ވެންޓިލޭޓަރުގެ މައްސަލައިގައި އެއްވެސް ބޭފުޅެއްގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސެކިއުޓަރ ޖެނަރަލް ނިންމެވި ނިންމެވުމާ ގުޅޭގޮތުން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމަވައިފިއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ މިއަދު މެންދުރު 1:00ގައި ބާއްވާ މި ނޫސްވެރިންގެ ބައްދަލުވުމުގައި އެއޮފީހުން މިމައްސަލާގައި ދައުވާ ނުކުރަން ނިންމި ނިންމުގެ ތަފްސީލް ހާމަކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ. މިޕްރެސް ކޮންފަރެންސް ޕީއެސްއެމް ނިއުސްއިން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޕީޖީ އޮފީހުން މިއަދު ވިދާޅުވީ މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކޮށްދިނުމަށް ދުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާ ޙަވާލުކުރުމުގައި މާލިއްޔަތު ޤާނޫނާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ އެ އޮފީހުން ދިރާސާކުރުމަށްފަހު، މައްސަލާގައި ދަޢުވާ ނުކުރުމަށް ނިންމަވާފައިވާކަމަށެވެ.

އާންމު އުސޫލާއި ޚިލާފަށް ވެންޓިލޭޓަރު ގެނައުމުގެ މައްސަލާގައި 11 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން ޕީޖީއަށް މައްސަލަ ފޮނުވާފައިވަނީ މިމަހުގެ 14ވަނަ ދުވަހުއެވެ.

ވެންޓިލޭޓަރު ހޯދުމުގައި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް ޢަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީނާއެކު ޖުމުލަ 11 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައިވެއެވެ.