ޚަބަރު

މަސްތުވާތަކެތީގެ އޮޕަރޭޝަން: ހުޅުމާލެއިން ތިން މީހަކު ހައްޔަރުކޮށްފި


މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލެއާއި ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ތިން އޮޕަރޭޝަނެއްގައިވަނީ ހުޅުމާލެ ދެ ފްލެޓަކާއި ގެއެއް ބަލައިފާސްކޮށް، ތިން މީހަކު ހައްޔަރުކޮށްފައެވެ. ހުޅުމާލޭގައި މަސްތުވާތަކެތި ރައްކާކޮށް ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ ޕޮލިސް އާއި ފުލުހުންގެ އިންޓެލިޖެންސް އާއި ސްޕެޝަލިސްޓް އޮޕަރޭޝަންގެ ފުލުހުންގެ ގުޅިގެން މިއަދު ކުރިއަށް ގެންދިޔަ ތިން އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 44 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނެކެވެ.

އެތިން މީހުންގެ ތެރެއިން 44 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފްލެޓެއް ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހޭކިފައިހުރި 30 ހުސް ރަބަރު ޕެކެޓް ފެނުމާއި ގުޅިގެންނެވެ. އަދި 23 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފްލެޓެއް ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅަކާއި ޑިޖިޓަލް ސްކޭލް އަކާއި މަސްތުވާތަކެތި ބަންދުކުރުމަށް ގެންގުޅޭ ޒާތުގެ ހުސް ރަބަރު ޕެކެޓްތަކެއް ފެނުމާއި ގުޅިގެންނެވެ. 19 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގެ ގެއެއް ބަލައިފާސްކުރިއިރު އެގެއިން މަސްތުވާތަކެތިކަމަށް ޝައްކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި ޓިޝޫއެއް ފެނުމާއި ގުޅިގެންނެވެ.

ފުވައްމުލަކުގައި ހިންގި އޮޕަރޭޝަނުގައި ފުވައްމުލަކު ދޫޑިގަން އަވަށު ގެއެއް ބަލައިފާސްކޮށްފައިވެއެވެ. ފުވައްމުލަކު ދޫޑިގަން އަވަށު ގެއެއްގެ ގޯތި ތެރޭގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކުކުރެވިގެން އޮކްޓޫބަރު 19 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި އެގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 225 ކުދި ރަބަރު ޕެކެޓާއި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވެއެވެ. ފުވައްމުލަކުގައި ހިންގި މި އޮޕަރޭޝަނުގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިވެއެވެ.

މަސްތުވާތަކެތީގެ މިމައްސަލަތައް ހުޅުމާލެ ޕޮލިސް އާއި ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.