ޚަބަރު

އޭސީސީގެ 5 މެމްބަރުން ވަކިކުރުމަށް ކޮމިޓީން ފާހެއްނުވި


އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ 5 މެންބަރުން ވަކި ކުރުމަށްޓަކައި މިނިވަން މުއައްސަސާ ކޮމިޓީއަށް ހުށަހެޅި މައްސަލަ މަޖިލިސް ތަޅުމަށް ފޮނުވަން ފާހެއްނުވިއެވެ.

އެންޓި-ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ)ގެ މެންބަރުން މަޤާމުން ވަކިކުރުމަށް ކޮމިޓީއަށް ހުށަހަޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަޙްމަދެވެ. ކޮމިޓީން މިއަދު ނިންމާފައިވަނީ އޭސީސީގެ މެމްބަރުން ކޮމިޓީއަށް ހާޒިރުކޮށް އިތުރަށް އޮޅުންފިލުވަންޖެހޭ ކަންކަން އޮޅުންފިލުވުމަށެވެ. މިނިވަން މުއައްސަސާ ކޮމިޓީއަށް މިދިޔަ ހަފްތާގައިވެސް އޭސީސީ ހާޒިރުކޮށްފައިވެއެވެ.

އޭސީސީގެ މެންބަރުންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ކޮމިޓީއަށް ވައްދާފައިމިވަނީ ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ މުޢާމަލާތްތަކެއް ކޮށްފައިވާކަމުގެ ތުހުމަތުގައި ހެލްތު މިނިސްޓަރު ހިމެނޭހެން 11 ބޭފުޅެއްގެ މައްޗަށް ދަޢުވާކުރުމަށް އޭސީސީން ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލާގައި ދަޢުވާނުކުރަން ނިންމަވާފައިވާތީ މަޖިލީހުގެ ގިނަ މެންބަރުންގެ ބޮޑެތި ފާޑުކިއުންތަކެއް ވަނީ އޭސީސީއަށް އަމާޒުވެފައިވަނިކޮށެވެ.

މެންބަރުން ވަނީ އޭސީސީން ހިންގާ ތަޙުގީގުތަކުގެ ފެންވަރާމެދު ސުވާލު އުފައްދަވާފައެވެ. އަދި އޭސީސީން ތަޙްގީގްކޮށް ޕީޖީއަށް ފޮނުވާ ގިނަ މައްސަލަތަކެއް ދައުވާނުކޮށް އަނބުރާ ފޮނުވާ މައްސަލާގައި އޭސީސީގެ މެންބަރުންގެ އިސްތިއުފާއަށްވެސް މެންބަރުން ގޮވާލައްވާފައިވެއެވެ.