ޚަބަރު

ޖިންސީ ގޯނާކުރި ދޮން ބައްޕައަކު 15 އަހަރަށް ޖަލަށް


ނުވަ އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ދޮން ބައްޕައަކު 15 އަހަރަށް ޖަލަށްލާން ހައި ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މިމައްސަލާގައި ކުށް ސާބިތުވި މީހާ މި އަމަލު ހިންގާފައިވަނީ ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫގައި 2013ވަނަ އަހަރުގެ ތެރޭގައި ކުއްޖާގެ މަންމައާއި ކައިވެނިކޮށް ދިރިއުޅުން ދ.ކުޑަހުވަދުއަށް ބަދަލުކުރުމަށްފަހުގައެވެ. މިއީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ކުރުމުން ބެލިފައިވާ މައްސަލައެކެވެ.

މިމައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން ހައިކޯޓުން މިއަދުކުރި ހުކުމުގައިވަނީ ދޮންބައްޕަ އެކިފަހަރު މަތިން އެ ކުއްޖާއަށް ޖިންސީ ގޯނާކުރިކަން އެކުއްޖާގެ މަންމައާއި ޖެންޑާ މިނިސްޓްރީގެ މުވައްޒަފުންނަށް ކިޔައިދީފައި ވާއިރު، އެކުއްޖާއަށް ޖިިންސީ އަނިޔާތަކެއް ލިބިފައިވާކަމަށް އެކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓުން އެނގޭކަމަށްވެސް ޙުކުމުގައި ވެއެވެ.

ހައިކޯޓުން މިއަދުކުރި ޙުކުމުގައިވަނީ އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގައި، ޕްރޮސިކިއުޓަރޖެނެރަލް ކޮށްފައިވާ ދަޢުވާގައި، ބަޔާންކުރާ ކަންކަން އެކަށީގެންވާ މިންވަރަށް ޝައްކެއްނެތި ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރި ދޮންބައްޕަ ފަނަރަ އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުމަށް، ޙުކުމްކޮށްފައިވާކަމަށެވެ.