ޚަބަރު

އުނގޫފާރުގެ މޮނިޓަރިން ޙާލަތު އުވާލައިފި


ކޯވިޑް-19އާ ގުޅިގެން ރ.އުނގޫފާރުގައި ކަނޑައަޅާފައި އޮތް މޮނީޓަރިންގެ ހާލަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އުވާލައިފިއެވެ.

އުނގޫފާރު މޮނީޓަރިންގެ ޙާލަތަށް ގެންގޮސްފައިވަނީ މިމަހުގެ 26ވަނަ ދުވަހުއެވެ. އެރަށް މޮނީޓަރިން ޙާލަތަށް ގެންދިޔައީ އެރަށުން ރެންޑަމްކޮށް ނެގި ސާމްޕަލެއް ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. ނަމަވެސް ދެވަނަ ޓެސްޓެއް ހެދުމުން އެސާމްޕަލް ވަނީ ނެގެޓިވްވެފައެވެ. އެއާއެކު ބަލަންޖެހޭ ކަންކަން ބެލުމަށްފަހު މޮނިޓަރިންގެ ޙާލަތުން ނަގާފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ހެލްތު އެމަރަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ އެރަށް މޮނިޓަރިންގެ ޙާލަތުން ނަގާފައިވަނީ ދެ ފަހަރެއްގެ މަތިން އެކްޓިވް ސަވައިލަންސް ސާމްޕަލްތަކެއް ނަގައި ހުރިހާ ސާމްޕަލްތަކެއް ނެގެޓިވްވުމުން ކަމަށެވެ. މިގޮތުން އެ އަތޮޅުގައި އޮންނަ ކުޑަކުރަތުން ޕޮޒިޓިވް ވި މީހުން އުނގޫފާރަށް ގޮސް އުޅުނު ތަންތަނުނާއި އާމުންގެ ތެރެއިންވެސް ސާމްޕަލްތައް ނަގާފައިވަކަމަށް ނަޒްލާ ވިދާޅުވިއެވެ.

"ކުޑަކުރަތުން ޕޮޒިޓިވްވި މީހުން އުނގޫފާރު ހޮސްޕިޓަލަށް ގޮސްފައި އެބަވޭ. ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓްތަކަށްވެސް ގޮސްފައި އެބަވޭ. އެހެންކަމުން އެތަންތަނުގެ މީހުންގެ ސަމްޕަލްތައްވެސް ނެގިން." ޑރ.ނަޒްލާ ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ވަނީ އެއް ރަށުން އަނެއް ރަށައް ޚިދުމަތް ހޯދުމަށް ގޮސް އުޅޭއިރު ކޯވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ރަށްރަށުގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމަސް ކުރެއްވިއެވެ. ޑރ.ނަޒްލާ ވަނީ ރަށްރަށުގައި ހުންނަ ސިއްޙީ ޚިދުމަތްދޭ ހުރިހާ ތަނަކަށް ވަދެވޭނީ މާސްކް އަޅައިގެން ކަމަށް ވިދާޅުވެފައެވެ.