ޚަބަރު

ބަޖެޓް ހުށަހެޅުން އަންނަ ހޯމަ ދުވަހު


އަންނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓް، ހުށަހެޅުން އަންނަ ހޯމަދުވަހު އޮންނާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވައިދެއްވައި ވާހަކަފުޅުދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބަޖެޓް މަޖިލީހަށް ލިބިފައި ވީނަމަވެސް މެމްބަރުންނަށް ބަޖެޓް ދެވެން އޮންނަނީ މަޖިލީހުގެ ގަވާއިދު ބުނާގޮތުން ފިނޭންސް މިނިސްޓަރ މަޖިލީހުގެ ތަޅުމަށް ބަޖެޓް ހުށަހެޅުމުންކަމަށެވެ.

ބަޖެޓް ހުށަހަޅާފަހުން 5 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، މިމަހުގެ 16ވަނަ ދުވަހު ބެޖެޓް ބަހުސް މަރުހަލާ ފަށްޓަވާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ބަޖެޓްގެ ބަހުސް މަރުހަލާ ނިންމުމަށްފަހު އަންނަ މަހުގެ ކުރީކޮޅު ބަޖެޓް މަޖިލީހުން ފާސްކުރުމަށް މަަސައްކަތް ކުރައްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

2021ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގެ ގޮތުގައި ހުށައަޅަނީ ގާތްގަޑަކަށް 35 ބިލިޔަން ރުފިޔާގެ ބަޖެޓެއް ކަމަށް ފިނޭންސް މިނިސްޓްރީންވަނީ ހާމަކުރައްވާފައެވެ.

ކޯވިޑް-19ގެ ސަބަބުން ދައުލަތަށް ލިބެމުންދާ ޢާމްދަނީ ދަށްވެފައިވާތީ މިހިނގާ 2020ވަނަ އަހަރަށް މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓު ރިވައިޒް ކުރުމަށްފަހު އަލުން ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓްރީން ކުރިން ވަނީ ވިދާޅުވެފައެވެ. އަދި ރިވައިސްޑް ބަޖެޓްގެ ގޮތުގައި ހުށައަޅާނީ 31 ބިލިޔަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.