ޚަބަރު

އަންހެން ޑްރައިވަރަށް އިންސާފު ހޯދައިދިނުމަށް މެމްބަރުން ގޮވާލައިފި


މާލޭގައި ޓެކްސީގެ ޚިދުމަތް ދެމުންއަންނަ އަންހެން ޑްރައިވަރު އައިމިނަތު ވަޙީދާގެ ޓެކްސީއަށް އެކިފަހަރުމަތިން ގެއްލުންދޭ މައްސަލާގައި ކަމާބެހޭ މުއައްސަސާތަކުން ވީހާވެސް އަވަހަކަށް އިންސާފު ޤާއިމްކޮށްދޭން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިދާޅުވެއްޖެއެއެވެ.

އާމިނަތު ވަޙީދާގެ ކާރަށް އެކި ފަހަރުމަތިން ގެއްލުންދިން މައްސަލާގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ ޢާޒިމް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި މެމްބަރުންވަނީ މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ފުލުހުންނާއި ކަމާގުޅުންހުރި މުއައްސަސާތަކަށް ގޮވާލައްވާފައެވެ.

މިމައްސަލާގައި ވާހަކަ ދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އިވާ ޢަބްދުﷲ ވިދާޅުވީ ރާއްޖޭގައި ހަމައެކަނި ޓެކްސީކޮށްގެން އާމްދަނީ ހޯދާ އަންހެން މީހާއަށް 5 ފަހަރެއްގެ މަތީން ގެއްލުންދީ އަނިޔާކުރަމުންދާއިރު މިމައްސަލަ ނުބެލޭކަމީ ނުހަނު ކަންބޮޑުވާކަމެއްކަމެއްކަމަށެވެ. އަދި މިމައްސަލާގައި ފުލުހުން ފަހަތައްޖެހި އެކަށިގެންވާ ގޮތެއްގައި މިކަމުގައި ޝާމިލުވާ މީހުންނާމެދު ފިޔަވަޅު ނޭޅޭކަމީ ކަންބޮޑުވާކަމެއްކަމަށެވެ.

"އޭނާ އަކީ އަންހެނަކަށްވީތީ އަންނަ ހަމަލާއެއްނަމަ ޚާއްސަ ނަޒަރަކުން މިމައްސަލަ ބަލަންޖެހޭ. މިއީ އާމިނަތު ވަހީދާ ފަހަތަށް ޖައްސަން ކުރާ ކަމެއް. މިއީ އާމްދަނީ ހޯދަން ނިކުންނަ އަންހެނުން ފަހައް ޖައްސަން ކުރާކަމެއް. އިންސާފު ހޯދާ ދިނުމަށް މިކަން ކުރި މީހުން ހޯދައި، ރައްކާތެރިކަން ކަށަަވަރުކޮށްދޭންޖެހޭ" އީވާ އަބްދުﷲ ވިދާޅުވިއެވެ.

މިމައްސަލާގައި ވާހަކަ ދައްކަވަމުން އައްޑޫ މީދޫ ދައިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވީ 2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް 5 ފަހަރެއްގެ މަތީން އާމިނަތު ވަހީދާއަށް ހަމަލާދީފައިވާއިރު މިކަން ސީރިއަސް މައްސައެއްގެ ގޮތުގައި ބަލަންޖެހޭކަަމށެވެ. އަދި މިއަދު އަންހެނުންނާއިމެދު ތަފާތުކުރެވޭތަން ފެންނަމުންދާކަމަށާއި، އެކަން އެގޮތަށް ވުމަކީ ވަރަށްބޮޑަށް ކަންބޮޑުވާކަމެއްކަމަށެވެ. މިމައްސަލާގައި ވާހަކަ ދެއްކެވި މެމްބަރުންވަނީ މިމައްސަލަ ވީހާވެސް އަވަހަށް ބަލައި އިންސާފު ގާއިމްކުރުމަށް ގޮވާލާފައެވެ.

އާޒިމް ހުށައެޅުއްވި މައްސަލާގައިވަނީ ޓެކްސީ ޑްރައިވަރު އާމިނަތު ވަޙީދާއަށް އެކިފަހަރު މަތިން ފުރައްސާރަކޮށް، އޭނާގެ ކާރަށް އެތައްފަހަރަކު ގެއްލުންދީފައިވާކަމަށާ، އެއީ ދަށު ދަރަޖައިގެ ޢަމަލެއްކަމަށެވެ. އަދި އެކަމުގެ ސަބަބުން އޭނާ ޢާމްދަނީ ހޯދުމަށް ހުރަސްއެޅި ބޮޑެތި ގެއްލުންތަކާ ކުރިމަލާން ޖެހިފައިވާތީ އެކަމުގެ ކަންބޮޑުވުން އޮތްކަމަށްވެސް އެމައްސަލާގައި ބުނެފައިވެއެވެ.