ޚަބަރު

އުނގޫފާރު މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އަންނަ މަހުފެށޭނެ: އެމްޓީސީސީ


ރ.އުނގޫފާރު މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އަންނަ މަހުފެށޭނެކަމަށް މަސައްކަތުގެ ކޮންޓެކްޓަރ މޯލްޑިވްސް ޓްރާސްޕޯޓް ކޮންޓެކްޓިން ކޮންޕެނީ އެމް.ޓީ.ސީ.ސީ ން ބުނެފިއެވެ.

ތާރު އެޅުމަށް ބޭނުންވާ މެޝިނަރީއާ ވެހިކަލްތައް މިހާރުވަނީ އެރަށަށް ގެންގޮސްފައެވެ.
އުނގޫފާރު މަގު ހެދުމުގެ މަޝްރުއޫއަށް އިތުރު 4 މަގެއް އިތުރުކޮށް އެމަގުތައް ހެދުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ. މި ހަތަރު މަގާއިއެކު ޖުމްލަ 19 މަގެއް ޒަމާނީ ފެންވަރަށް އުނގޫފާރުގައި ހަދާނެއެވެ. އެއީ 16،488 އަކަމީޓަރުގެ ސަރަހައްދެކެވެ.

އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުލް ނާސިރު އަލީ ވިދާޅުވީ މިހާރު މަސައްކަތް ދާ ސްޕީޑަށް ބަލާއިރު، އަންނަމަހު ތާރު އަޅަން ފެށުމުގެ ކުރިން ކުރަންހެޖޭ ވަރަށްގިނަ މަސައްކަތްތަކެއް އެބަހުރިކަމަށެވެ. އެގޮތުން ނަރުދަމާ ނިޒާމްގެ ޖަންކްޝަންތައް ލެވެލް ކުރުމާއި، ސްލޯޕް ނުހަދާ އެކަން ނުފެށޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.

އުނގޫފާރު މަގުހެދުމުގެ މަސައްކަތުގެ ދަށުން މަގުތަކުގައި ފެންހެދޭ ވަގުތުތަކުގައި ފެންހިދުމަށް ހާއްސަ ނިޒާމެއް ޤާއިމްކުރުމާ، މަގުބައްތިތައް ހަރުކޮށް މަގުތަކުގައި ދުވެލިމަތަ ހަރުކުރުމާއި ޓްރެފިކް ނިޝާންތައް ކުރެހުމާއި ހަރުކުރުން ހިމެނެއެވެ. 30 މިލިއަނަށްވުރެ ގިނަ ރުފިޔާ ޙަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރުއޫގެ އަމަލީ މަސައްކަތް ފަށާފައި ވަނީ، މިދިޔަ އަހަރުގެ ޖޫންމަހުގެ 12 ވަނަ ދުވަހުއެވެ.